ރާއްޖެ ކުޅިވަރު

މަހިބަދޫ އަތުން ވިކްޓަރީ މޮޅުވެއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 2-0 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

މެޗުގެ 52 ވަަނަ މިނިޓުގައި ވިކްޓަރީ އަށް ލީޑު ހޯދައިނީ ނައިޖީރިއާގެ ފޯވަޑް އޮމޮދޫ ގޮޑްފްރޭ ވެސްޓް އެވެ. އަދި ވިކްޓަރީގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފޯވަޑް އަހުމަދު ޒިއާން އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މަހިބަދޫ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ. މަހިބަދޫގެ ބްރެޒިލްގެ ފޯވަޑް ޑަސިލްވާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ އަށް އެ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މަހިބަދޫ އަށް ކުޅުނު ފުރަތަމަ މެޗުގައި ޑަސިލްވާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ.

ފުރަތަމަ ހާފުގައި ވިކްޓަރީގެ ވެސްޓް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ބޭކާރުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެ އެވެ. ދެވަނަ ހާފުގައި ވެސްޓް ލަނޑު ޖެހި ނަމަވެސް، ދެވަނަ ހާފުގައި ވެސް އޭނާ ރަނގަޅު ފުރުސަތުތަކެއް ބޭކާރުކުރި އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ލިބުނު ދެވަނަ މޮޅާއެކު، ވިކްޓަރީ ވަނީ ތާވަލްގެ އެއްވަަނަ އަށް ޖެހިލައިފަ އެވެ. އެކަމަކު ލީގުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ކްލަބް އީގަލްސް އެއްވަނަ އަށް ޖެހިލާނެ އެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މެޗުން މޮޅުވީ ހިތްހަމަޖެހުނު ނަމަވެސް، ކުޅުން ރަނގަޅުކުރަންޖެހޭ ކަމަށެވެ.

"މެޗުން މޮޅުވީމަ ހިތްހަމަޖެހޭ. އެކަމަކު ކުޅުމަށް ބަލާއިރު އެބަހުރި ރަނގަޅު ކުރަންޖެހޭ ކަންތައްތައް. ޖުމްލަކޮށް ބަލާއިރު މިރޭ ވެސް ގޯހެއް ނޫން،" ނާދު ބުންޏެވެ.

ނާދު ބުނީ ވިކްޓަރީގެ ފޯވަޑް ވެސްޓަކީ ވަރަށް ޒުވާން ކުޅުންތެރިއެއް ކަމަށާއި މެޗުތައް ކުޅެ، ތަޖުރިބާ ލިބޭވަރަކުން އޭނާގެ "ފިނިޝިން" ރަނގަޅުވާނެ ކަމަށެވެ.

"އެއީ ވަރަށް ޒުވާން ކުޅުންތެރިއެއް. ވަރަށް ރަނގަޅަށް ކުޅެ، މަސައްކަތްކުރޭ. އެކަމަކު ލިބޭ ފުރުސަތުތަކުގެ ބޭނުންކުރުމުގައި މައްސަލަ އުޅެނީ. އާވީމަ އެ މައްސަލަ ދިމާވެދާނެ. އެކަމަކު މެޗުތައް ކުޅޭވަރަކުން އެކަން ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ނާދު ބުންޏެވެ.

މަހިބަދޫގެ ކޯޗު ބަލްގޭރިޔާގެ ޔޯރްދާން އިވަނޯފް ސްޓޮއިކޯފް ބުނީ މެޗުން ބަލިވިޔަސް، މަހިބަދޫގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"މެޗުން ބަލިވިޔަސް، ކުޅުންތެރިން މެކްސިމަމް ދީފި. މެޗުގެ ކުރިން ކުޅުންތެރިން ވައުދުވި މި މެޗުން މޮޅުވާން ކުރެވެން އޮތް ހުރިހާ މަސައްކަތެއްކުރާނެ ކަމަށް. ކުޅުންތެރިން އެވަރަށް މަސައްކަތްކުރި. އަހަރެން ކުޅުންތެރިން އެ ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ،" ސްޓޮއިކޯފް ބުންޏެވެ.