ހަބަރު

ކުންފުނި ވަނީ އިހުމާލުވެފައި، މަސައްކަތް ކުރީ ހުއްދަ ނުނަގާ: ސިޓީ ކައުންސިލް

ޑަބްލިޔު ކޮންސްޓްރަކްޝަނުން ސަންފްރޮންޓް ލައިޓް ހުންނަ، މ. ނަލަހިޔާ މަންޒިލްގައި ހަދަމުންދާ އިމާރާތުގެ ފަސް ވަނަ ބުރީގައި މަސައްކަތް ކުރަނިކޮށް މަގުމައްޗަށް ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ، ކުޑަ ކުއްޖަކު ނުރައްކާތެރި ގޮތަކަށް ޒަހަމްވެފައިވާއިރު، އެ ކުންފުނިން ޒިންމާއަށް އިހުމާލުވެފައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޒަހަމްވެ، މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ހަތް އަހަރުގެ ބިދޭސީ އަންހެންކުއްޖާގެ ހާލު ބެލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ސިމެންތި ބަސްތާ ވެއްޓުނު އިމާރާތް ހަދަމުންދިޔަ ކުންފުނިން އެ ސަރަހައްދުގައި މަސައްކަތްކުރީ ނަގަންވާ ހުއްދަތައް ނުނަގައި ކަމަށެވެ. ހުއްދައިގެ ބޯޑެއް އެ ސަރަހައްދުގައި ހުއްޓަސް އެއީ އެހެން މަސައްކަތެއް ކުރަން ނަގާފައިވާ ހުއްދައެއް ކަމަށް ޝިފާ ވިދާޅުވި އެވެ.

"ނަގާފައި ހުރި ހުއްދަތަކަށް ބަލާއިރު، އެތާ އޭރިއާ ބަންދުކޮށްފައެއް ވެސް ނެތް. ހަމަ އެކަނި އިނީ ބޯޑެއް އެކަނި ޖަހާލާފަ. އެހެންވީމަ މިހާރުން މިހާރަށް ހުރި ގަވާއިދުތަކަށް ބަލާއިރު ވެސް މި ދެންނެވި ކުންފުނީގެ ވަރަށް ބޮޑު އިހުމާލެއް މިކަމުގަ އޮތްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮންސްޓްރަކްޝަން ސައިޓުގައި ހުއްދައިގެ އިތުރުން، މަސައްކަތު ސައިޓް ސުޕަވައިޒްކުރި އިރު އެހެން މައްސަލަތަކެއް ވެސް ސިޓީ ކައުންސިލަށް ވަނީ ފާހަގަވެފަ އެވެ. ޝިފާ ވިދާޅުވި ގޮތުގައި، ބެލި ބެލުމުން އެވަރުގެ ހާދިސާއެއް ހިނގައި ދިޔަ އިރު، ކުންފުނިން މިހާތަނަށް އާއިލާއާ ބައްދަލުކޮށްފައި ނުވާކަން ވެސް މޭޔަރު ފާހަގަކުރެއްވި އެވެ.

"މި ހާދިސާއާ ގުޅިގެން އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނީގެ ފަރާތުން އަނިޔާވި ފަރާތަށް ފޯރުކޮށްދޭންޖެހޭ ހުރިހާ އެހީއެއް ފޯރުކޮށްދޭނަމޭ ވިދާޅުވި. އެހެންނަމަވެސް، އެބޭފުޅުން ސީދާ މިތަނަށް ވަޑައިގެން ނެތުން އެއީ ހިތާމަކުރާ ކަމެއް،" ޝިފާ ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން މާލޭގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށް ހުއްދަ ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ފުލުހުން މިހާރު ދަނީ ހާދިސާ ހިނގި އިމާރާތުގެ ކަންކަން ބަލައި ތަހުގީގު ރިޕޯޓެއް އެކުލަވާލުމަށް އެ ސައިޓްގައި ހަރަކާތްތެރި ވަމުންނެވެ.

މޭޔަރު ޝިފާ ވިދާޅުވީ، ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމުގެ ހުއްދަ އަލުން ދޫކުރާނީ، ތަންތަނުގެ ސަލާމަތީ ކަންކަން ހުރި މިންވަރު ބެލުމަށްފަހު، އެ ތަންތަން މިންގަނޑުތަކަށް ފެތޭނަމަ އެވެ.

ސިމެންތި ބަސްތާ ދަށުވެ ޒަހަމްވި ކުޑަކުއްޖާގެ ހާލު ވަރަށް ސީރިއަސް އެވެ. އެ ކުއްޖާގެ ބޮލާއި ކޮނޑާއި ދެ ފައިގެ އިތުރުން އެތެރެހައްޓަށް ވެސް ގިނަ ގެއްލުންތަކެއް ވަނީ ވެފަ އެވެ. ގިނަ އަދަދަކަށް ހަށިގަނޑުން ލޭ ފޭބުމުގެ ސަބަބުން ކުއްޖާއަށް ބޭނުންވާ ލޭ ހަދިޔާކުރުމަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.