ހަބަރު

އިމާރާތްކުރަން އަލުން ހުއްދަ ދޭނީ ސަލާމަތީކަންކަން ރަނގަޅުކުރުމުން: ހައުސިން

ވަގުތީ ގޮތުން ހިފަހައްޓާފައިވާ އިމާރާތްކުރުމުގެ ހުއްދަތައް ދެން ދޫކުރާނީ، ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތީ ކަންކަން ހުރި މިންވަރު ބެލުމަށްފަހު ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ގަޑިބުރު ކައިރީ ހުރި، މ ނަލަހިޔާގެ އިމާރާތް ކުރަމުން ދަނިކޮށް ސިމެންތި ބަސްތާއެއް ވެއްޓި މިއަދު ކުޑަ އަންހެން ކުއްޖަކަށް އަނިޔާ ވުމާ ގުޅިގެން، މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްތަކަށް ދީފައިވާ ހުއްދަތައް ހައުސިން މިނިސްޓްރީން ވަނީ ވަގުތީގޮތުން ހިފަހައްޓާފަ އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ، ކޮންސްޓްރަކްޝަން މަސައްކަތްކުރާ ގިނަ ކުންފުނިތަކުން ގައިޑްލައިންތަކާއި ގަވާއިދުތަކަށް އިހުތިރާމްކުރުމެއްނެތި މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ހިފަހައްޓާފައިވާ ހުއްދަތައް ދެން ދޫކުރަން ހައުސިން މިނިސްޓްރީ އިން ނިންމާފައިވަނީ، ހުއްދަ ދޫކޮށްފައި ހުރި ތަންތަން ބެލުމަށްފަހު އެ ސައިޓްތަކުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރެވިފައިހުރި މިންވަރު ބެލުމަށްފަހު ކަމަށެވެ.

"މިނިސްޓްރީގެ ފަރާތުން މި ވިސްނަނީ އިތުރަށް ހުއްދަތައް ދޭން ނިންމާނީ އަޅުގަނޑުމެންނާއި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުން އެ ކޮންސްޓްރަކްޝަން ސައިޓްތައް ރަނގަޅަށް ބަލައި، އެކަށީގެންވާ ސޭފްޓީ ފިޔަވަޅުތައް ބެލުމަށްފަހުގައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަސައްކަތްކުރާ ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަކީ ގަވާއިދެއް އޮތަސް، ނެތަސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ، އިމާރާތްކުރުމުގެ މަސައްކަތަށް ހުއްދަ ދޫކޮށްފަ ހުރި ކުންފުނިތަކާ އެ ކައުންސިލުން މާދަމާ ބައްދަލުކުރާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މާލޭގެ މަގުތަކުގެ މިހާރުގެ ހާލަތާއި ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އާ ގައިޑްލައިންތަކެއް އެކުލަވާލުން ފަދަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.