ހަބަރު

ބަސްތާވެއްޓުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަނީ

ސިމެންތި ބަސްތާ ވެއްޓި ކުޑަކުއްޖަކަށް އަނިޔާވި މައްސަލަ ވަރަށް ސީރިއަަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓި ހިނގި ހިތާމަވެރި ހާދިސާ ވަރަށްް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

ސިމެންތި ބަސްތާއެއް ވެއްޓުނީ މާފަންނު ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި މަސައްކަތް ހިނގަމުން ދަނިކޮށް މިއަދު ހެނދުނު 10:45 އެހާކަންހާއިރު އެވެ. އެ ބަސްތާއިން ޖެހި އަނިޔާވީ ބަންގްލަދޭޝްގެ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާ މާލެ އައިސް އުޅުނީ، ޗުއްޓީ ހާދަކުރުމަށް އާއިލާއާ އެކު އެވެ.

ސިމެންތި ބަސްތާއިން ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާވި އިރު، އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ސިމެންތި ބަސްތާ ވެއްޓި ޖެހިފައި ވަނީ އެ ކުއްޖާގެ ބޮލުގަ އެވެ. އަދި އެވަގުތު މުޅިތަން ސިމެންތީގެ ދުންގަނޑަކަށް ބަދަލުވެ އެވެ. މަންޒަފރު ސާފުވާ އިރު ކުއްޖާ އޮންނަނީ ބިންމަތީގައި ބަސްތާގެ ދަށުގެވެ، ހޭނެތިފައެ އެވެ. އެ ތަނުގައި ކުއްޖަކު އޮތް ކަން މީހުންނަށް އެނގެނީ ވެސް ހާދިސާގެ އިރުކޮޅެއް ފަހުންނެވެ. އެ ކުއްޖާއާއެކު އެހެން އަންހެނެއް ވެސް ދިޔަ އެވެ. ނަމަވެސް އެ މީހާއަށް ވެސް އެ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނުކަން އެނގުނީ އިރުގަނޑެއް ފަހުންނެވެ.

ބަސްތާ ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާވި މައްސަލައް އަށްފަހު މިހާރު ވަނީ މާލޭގައި އިމާރާތް ކުރުން ވަގުތީ ގޮތުން ހުއްޓުވާފަ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި އަލުން އިމާރާތް ކުރެވޭނީ އެއިދާރާއިން ހުއްދަ ނަގައިގެން އެވެ. އަދި މާލޭގައި މިހާރު އިމާރާތްކުރާ ހުރިހާ ސައިޓްތަކެއްގެ ސަލާމަތީ ކަންކަން ބެލުމުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ބެހޭ ފަރާތްތަކަށްވެސް ވަނީ އަންގަވައިފަ އެވެ.

ސިމެންތި ބަސްތާ ދަށުވެ ޒަހަމްވި ކުޑަކުއްޖާގެ ހާލު ވަރަށް ސީރިއަސް އެވެ. އެ ކުއްޖާގެ ބޮލާއި ކޮނޑާއި ދެ ފައިގެ އިތުރުން އެތެރެހައްޓަށް ވެސް ގިނަ ގެއްލުންތަކެއް ވަނީ ވެފަ އެވެ. ގިނަ އަދަދަކަށް ހަށިގަނޑުން ލޭ ފޭބުމުގެ ސަބަބުން ކުއްޖާއަށް ބޭނުންވާ ލޭ ހަދިޔާކުރުމަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.