ރައީސް މުހައްމަދު ނަޝީދު

ހާދިސާއިން މައުމޫންއަށް ޝޮކެއް، ނަޝީދު ގޮވާލެއްވީ ތަހުގީގަކަށް

މާލޭ މަގުމަތިން ހިގާފައި ދަނިކޮށް ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި އިރު، ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ހާދިސާއާ ގުޅުގެން ހިތާމަފާޅުކުރައްވައިފި އެވެ.

މިރޭގެ ވަގުތެއްގައ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައވަނީ، ސަރުކާރާއި މާލޭ ސިޓީ ކައުންސިލުން މިކަން ލަސްނުކޮށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މާލޭގައި ހިނގައިގެން ދިޔަ ހާދިސާގައި އަނިޔާވި ތުއްތު ކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔާ ކަމަށެވެ.

މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބިވަޑައިގަތުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އާއިލާއަށް ތައުޒިޔާ ވިދާޅުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ކުޑަކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުމުގެ ސަބަބުން ވަނީ، އެކުއްޖާގެ ކޮނޑު ހުޅަށާއި، ފަޔަށް ގެއްލުން ލިބުމުގެ އިތުރުން އައިޖީއެމްއެޗް ގައި އޮޕަރޭޝަނެއްވެސް ކޮށްފަ އެވެ. އޮޕަރޭޝަނަށް ފަހުވެސް ކުއްޖާގެ ހާލު ސީރިއަސް ވުމުގެ ސަބަބުން ފަރުވާ ދެމުންދަނީ އައިސީޔޫ ގައި ކަމަށް އައިޖީއެމްއެޗް ގެ މީޑިއާ އޮފިސަރުވަނީ ވަނީ ވިދާޅުވެފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، އެ ސައިޓްގައި މަސައްކަތް ކުރަމުން ދިޔައީ ނަގަން ޖެހޭ ހުއްދަތައް ނުނަގާ ކަމަށެވެ. މިއަދުގެ އެ ހާދިސާއަށްފަހު އިމާރާތް ކުރުމުގެ މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ކައުންސިލްގެ ހުއްދައެއް ނެތި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ވެސް ވަނީ އަންގާފަ އެވެ.