އައިޖީއެމްއެޗް

އައިޖީއެމްއެޗްގައި ކުދިން މަރުވި މައްސަލަ ބަލަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ކުދިންތަކެއް މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އައިޖީއެމް ހޮސްޕިޓަލްގައި ނިޔާވި ކުދިންގެ ތެރެއިން ކުއްޖެއްގެ ބައްޕަ އެ ޕްރަގްރާމްގައި ފޯނުން ވާހަކަދައްކަމުން ބުނީ ވިހެއުމުގެ ތެރޭގައި ކުދިންތަކެއް މަރުވީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށެވެ. ސާމީ ނަމަކަށް ކިޔާ އެ މީހާ ބުނީ އެކަން ސާބިތުކޮށްދެވޭ މިންވަރަށް އޭނާގެ އަތުގައި ހެކި އެބަހުރި ކަމަށެވެ.

އަދި އެ މައްސަލާގައި އިހްމާލުވި ފަރާތްތައް ޒިންދާރުކުރުވަން ބޭނުންވާ ކަމަށާއި، އެކަމަށް އެދި މައްސަލަ ހުށަހަޅަންވީ ކޮންތާކައްތޯ އޭނާ ސުވާލުކުރިއެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމަށް އެދި ވަޑައިގެންފައެވެ.

"އިރާދަ ކުރެއްވިއްޔާ އެކަމެއް ހިނގާފައި އޮތް ގޮތް ސާފުވަންދެން މަސައްކަތް ކުރާނަން." ރައީސް ނަޝީދު ވިދާޅުވި އެވެ. އެއާއެކު ސާމީ ވަނީ ހުރިހާ ހެއްކެއް ވަރަށް ރަނގަޅަށް އޭނާގެ އަތުގައި އެބަހުރި ކަމަށް ބުނެފައެވެ. އެކަމަށް ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ މަޖިލީހުން ބަލާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަކުން އެ މައްސަލަ [އައިޖީއެމްއެޗްގައި ކުދިން މަރުވި މައްސަލަ] ބަލާލަން."

އައިޖީއެމްއެޗްގައި ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ވިހޭ ތިން ކުއްޖަކު މަރުވި ކަމަށް އަޑުތައް ފެތުރި އެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑު ކިޔުން ބޮޑުވުމުން ހޮސްޕިޓަލުން ވަނީ އަަނެއް ދުވަހު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުން އެ ދުވަހާއި އެރޭ ވިއްސި ކުދިންތަކުގެ ތެރެއިން މަރުވެފައި ވަނީ ދެ ކުދިން ކަމަށެވެ. އަދި އެ ދެ ކުދިން މަރުވީ ވިހެއުމުގެ ކުރިން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕްރިނޭޓަލް (ވިހެއުމުގެ ކުރިން) ނުވަތަ ޕޯސްޓް ނޭޓަލް (ވިހެއުމަށްފަހު) މަރުވާ ތުއްތުކުދިންގެ މައްސަލަ ހެލްތު މިނިސްޓްރީއާ ގުޅިގެން އެ ހޮސްޕިޓަލުން އަބަދުވެސް ތަހްގީގު ކުރާ ކަމަށެވެ. އަދި މަރުވި ތުއްތު ކުދިންގެ މައްސަލަވެސް މިހާރު ތަހްގީގު ކުރަމުންދާ ކަމަށެވެ.

ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ މައްސަލަތައް ތަހްގީގު ކުރުމަށްފަހު އާއިލާތަކުން ބޭނުންވާ ނަމަ އާއިލާއާއި ތަހްގީގީ ރިޕޯޓު ހިއްސާ ކުރާ ކަމަށާއި މިފަދަ ގޮތަކަށް ކުދިން މަރުވުމަކީ މުޅި ހޮސްޕިޓަލަށް ވެސް ލިބޭ ހިތާމައެއް ކަމަށެވެ،