ސިއްހަތު

ސަރުކާރުގެ ސިއްހީ ހިދުމަތަށް 72 އަހަރު

ދިވެހި ސަރުކާރުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން ދާތާ 72 އަހަރު ފުރިއްޖެ އެވެ.

ސަރުކާރުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށީ މީގެ 72 އަހަރުގެ ކުރިން 1948 ގައި "ޑޮކްޓަރުގެ" ނަމުގަ އެވެ. އޭގެ ފަހުން "ސެންޓްރަލް ހޮސްޕިޓަލް" ގެ ނަމުގައި ހޮސްޕިޓަލެއް ހުޅުވާ ހިދުމަތްދޭން ފެށި އެވެ. އެއީ މިހާރު އޭޑީކޭ ހޮސްޕިޓަލް ހިންގަމުންދާ ބިމުގަ އެވެ.

އޭގެ ފަހުން "އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް" ގެ ނަމުގައި 1995 ވަަނަ އަަހަރު ވަނީ ހޮސްޕިޓަލެއް ގާއިމްކޮށް ހިދުމަތްދޭން ފަށާފަ އެވެ.

ދިވެހި ސަރުކާރުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުންދާތާ 72 އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް ސިއްހީ ދާއިރާއިން ހާސިލްކުރަން ޖެހޭ ގިނަ ލަނޑުދަނޑިތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ ގިނަ ރައްޔިތުންނަށް ފަސޭހައިން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދަރުމަންތަ ހޮސްޕިޓަލްގެ ނަމުގައި އައިޖީއެމް ހޮސްޕިޓަލާއި އިންވެގެން 25 ބުރީގެ އިމާރާތެއް ކޮށްފައެވެ. މިވަގުތު އެ ދަރުމަންތަ ހޮސްޕިޓަލުން ގެންދަނީ ޒަމާނީ އެތައް ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

އޭގެ ތެރޭގައި ރޭޑިއޮޮޖީ، ނާރުގެ ބަލިތަކަށް ފަރުވާ، ކަށީގެ ބަލިތަކުގެ ފަރުވާ، ކުޑަކުދިން ޖެހޭ ބަލިތަކުގެ ފަރުވާ އަދި އެތެރެ ހަށީގެ ތަފާތު ފަރުވާތަކުގެ އިތުުރުން ހަމުގެ ބަލިތަކުގެ ފަރުވާ ހިމެނެއެވެ. މީގެ އިތުުރުން ޖެނެރަލް ސާޖަރީ، ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، ކަރުންމަތީގެ ބަލިތަކުގެ ފަރުވާ އަދި ލޮލުގެ ބަލިތަކުގެ ހާއްސަ އޯޕީޑީވެސް ދަރުމަވަންތަ ހޮސްޕިޓަލްގައި މިހާރު ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން އޯޕީޑީގެ ހިދުމަތާއި، ފުއްޕާމޭގެ ތަފާތު ބަލިތަކަށްވެސް މިހާރު ސަރުކާރުގެ މައި ހޮސްޕިޓަލުން ގެންދަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ މީގެ ކުރިން ރާއްޖެއިން ދެވެން ނެތް ސްޕެޝަލިޓީ ހިދުމަތްތައްވެސް މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން ނާރުގެ ބަލިތަކުގެ އޮޕަރޭޝަން، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ފަރުވާ، ހިތުގެ ބަލިތަކަށް ހާއްސަ ފަރުވާ، ކިޑްނީ ބަލިތަކަށް ހާއްސަ ފަރުވާ، ގޮހޮރުގެ ބަލިތަކަށް ހާއްސަ ފަރުވާ، ކަކުލުހުޅުގެ އޮޕަރޭޝަންތައް އަދި ކެންސަރު ބަލީގެ ހާއްސަ ފަރުވާތައް ދަނީ ދެމުންނެވެ.

"މީގެ އިތުރުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސިޓީ ސްކޭން، އެމްއާރްއައި، އެކްސްރޭ، މެމޯގްރާމް އަދި ތަފާތު އެތައް އޮޕަރޭޝަންތަކެއް ދަނީ ކުރަމުން." ސިއްހީ ހިދުމަތަށް 72 އަހަރު ފުރުމާއި ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.

އައިޖީއެމް ހޮސްޕިޓަލްގައި މިހާރު ވަނީ ނަފްސާނީ ބަލިތަކަށް ހާއްސަ ސެންޓަރެއްވެސް ގާއިމްކޮށްފައެވެ. އަދި ވަރަށް އަަވަހަށް ސްޓްރޯކް ސެންޓަރަކާއި، ހަކުރު ބައްޔަށް ހާއްސަ ސެންޓަރެއް ގާއިމް ކުރުމުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ. އަދި ކިޑްނީ ޓްރާސްޕްލާންޓްގެ ހިދުމަތް ދިނުމާއި، އޯޕަން ހާޓް ސާޖަރީ ހިދުމަތް ދިނުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އައިޖީއެމް ހޮސްޕިޓަލް އެކްރެޑިޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެއީ ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ޔަގީންކަމަކާއި، އިތުބާރެއް ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.