ހަބަރު

އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

Apr 8, 2019
4

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް އަލަށް ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ. ރަސްމީކޮށް ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވާފައިނުވި ނަމަވެސް، މިދިޔަ މަހުގެ 30 ވަނަ ދުވަހު އައިޖީއެމްއެޗުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފަ އެވެ.

ފިޒިއޮތެރަޕީ ޑިޕާޓްމެންޓުގެ އިތުރުން އޯޕީޑީ އާއި އެކްސްރޭ އާއި ސްޕޯޓްސް ތެރަޕީ އާއި ކަރުންމަތީގެ އާއި ލޮލުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓާއި ދަތުގެ ފަރުވާގެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލު ކޮށްގެން ތަރައްގީކޮށްފައިވާ 140 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އަގު ބޮޑު މި ހޮސްޕިޓަލްގެ މަސައްކަތްތައް ނިމިފައިވާ އިރު، އިމާރާތް ހުޅުވުން ލަސްވީ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހަމަ ނުވެގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް ބޮޑު ހަރަދެއް ކޮށްގެން ގެނެސްފައި ހުރީ ކުރީގެ މެޝިންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.