ހަބަރު

އިމުގެ ބޭރުގައި ހިންގާ ސިޔާސީ ހަރަކާތަށް އީސީ ސަމާލުވާންޖެހޭ: ސީޕީ

Dec 28, 2014

ރާއްޖޭގެ އަމަން ގެއްލޭ ގޮތަށް ގާނޫނުގެ އިމުގެ ބޭރުން ސިޔާސީ ފަރާތްތަކުން ކުރާ ކަންކަން ބަލައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އެކަން ކަމަށް ސަމާލުވާން ޕޮލިސް ކޮމިޝަނާ ހުސައިން ވަހީދު އެދި ވަޑައިގެންފި އެވެ.

ސީޕީ އާއި އީސީގެ މެންބަރުންގެ ބައްދަލުވުމާ ގުޅޭ ގޮތުން ފުލުހުންގެ ވެބްސައިޓްގައި ބުނަނީ އެ ބައްދަލުވުމުގައި ފުލުހުންނާ ގުޅިގެން ދެ ފަރާތުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާ ކުރި އިރު ޕާޓީތަކުން ހުށަހަޅާފައި ހުރި މެންބަޝިޕް ފޯމުތައް ފާސްކުރުމުގައި ފުލުހުންނާ ގުޅިގެން ވެރިފައި ކުރުމުގެ މަސައްކަތާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށެވެ.

ފުލުހުން ބުނީ ޕާޓީތަކުގެ މެންބަޝިޕް ފޯމްތަކުގެ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް 7000 ފޯމް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމްތަކުގެ މަސައްކަތް ދެ ހަފްތާ ތެރޭގައި ނިންމާނެ ކަމަށެވެ.

"މީގެ ކުރީގެ އަހަރުތަކުގައިވެސް ދިމާވެފައި ހުރި ކަންތައްތަކަށް ނަޒަރު ހިންގާލުމަކީ މި ފެށޭ އަހަރަށް ތައްޔާރު ވުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ... އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތަށް ވީހިނދު ޤައުމުގެ އަމާންކަން ގެއްލިގެންދާ ފަދަ ގޮތަކަށް ސިޔާސީ ފަރާތްތަކުން ޤާނޫނުގެ އިމުން ބޭރުން ކުރާ ކަންތައްތަކަށް ކޮމިޝަނުންސަމާލުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙިދު ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.

އެ ބައްދަލުވުމުގައި ސީޕީ އެގޮތަށް ވިދާޅުވި އީސީގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ ފުލުހުންގެ ފަރާތުން ކޮމިޝަނަށް އެއްބާރުލުން ލިބޭ ކަމަށާއި ކުރިއަށް އޮތްތާނގައި ގާނޫނު ނެގެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ކޮމިޝަންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.