ހަބަރު

އެމަޖެންސީތަކުގައި ގުޅާނެ ނަމްބަރެއް ގާއިމް ކުރަންޖެހޭ: މާރިޔާ

އިމެޖެންސީ ހާލަތްތަކުގައި ގުޅޭނެ ހާއްސަ ނަމްބަރެއް ގާއިމް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާލޭގައި ހަދަމުން އައި އިމާރާތަކުން އިއްޔެ ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކަށް އަނިޔާވި ހާދިސާއާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަމުގައި އިހްމާލްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެފަދަ އެމެޖެންސީ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތަކާމެދު ރައްޔިތުން ހޭލުންތެރި ކުރުން ވަރަށް މުހިންމު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެމަޖެންސީ ހާލަތްތަކުގައި ހޮސްޕިޓަލްތަކާއި ފަޔާ އެންޑް ރެސްކިއުއަށް އެއް ނަމްބަރަކުން ގުޅައި ހިދުމަތް ހޯދޭނެ ގޮތެއް ހޯދައި ގާއިމް ކުރަން ޖެހޭނެ ކަމަށެވެ. މިނިސްޓަރު މިސާލު ނަންގަވާފައިވަނީ އެމެރިކާގެ އެމެޖެންސީ ހާލަތްތަކުގައި ބޭނުންކުރާ ނަމްބަރު 911 ގެ މިސާލެވެ.

އިއްޔެ ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ކުއްޖާއަށް އަދިވެސް އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެހޮސްޕިޓަލް އިން ބުންޏެވެ.

ސިމެންތި ބަސްތާއެއް ވެއްޓުނީ މާފަންނު ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި މަސައްކަތް ހިނގަމުން ދަނިކޮށް އިއްޔެ ހެނދުނު 10:45 އެހާކަންހާއިރު އެވެ. އެ ބަސްތާއިން ޖެހި އަނިޔާވީ ބަންގްލަދޭޝްގެ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާ މާލެ އައިސް އުޅުނީ، ޗުއްޓީ ހާދަކުރުމަށް އާއިލާއާ އެކު އެވެ.

ސިމެންތި ބަސްތާއިން ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާވި އިރު، އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ސިމެންތި ބަސްތާ ވެއްޓި ޖެހިފައި ވަނީ އެ ކުއްޖާގެ ބޮލުގަ އެވެ. އަދި އެވަގުތު މުޅިތަން ސިމެންތީގެ ދުންގަނޑަކަށް ބަދަލުވެ އެވެ. މަންޒަފރު ސާފުވާ އިރު ކުއްޖާ އޮންނަނީ ބިންމަތީގައި ބަސްތާގެ ދަށުގެވެ، ހޭނެތިފައެ އެވެ. އެ ތަނުގައި ކުއްޖަކު އޮތް ކަން މީހުންނަށް އެނގެނީ ވެސް ހާދިސާގެ އިރުކޮޅެއް ފަހުންނެވެ. އެ ކުއްޖާއާއެކު އެހެން އަންހެނެއް ވެސް ދިޔަ އެވެ. ނަމަވެސް އެ މީހާއަށް ވެސް އެ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނުކަން އެނގުނީ އިރުގަނޑެއް ފަހުންނެވެ. މި ފަދަ ހާދިސާއެއް ރާއްޖޭގައި މީގެ ކުރިން ހިނގާފައެއް ނުވެއެވެ.

އެ ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި ކުރާ ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ. އަދި ޑަބްލިޔު ކޮންސްޓްރަކްޝަންގެއަށް ދޫކޮށްފައިވާ ހުރިހާ ހުއްދައެއްވެސް ވަނީ ހިފަހައްޓާފަ އެވެ. ހައުސިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މާލޭގައި މިހާރު އިމާރާތްކުރާ ހުރިހާ ސައިޓްތަކެއްގެ ސަލާމަތީ ކަންކަން ބެލުމުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ބެހޭ ފަރާތްތަކަށްވެސް ވަނީ އަންގަވައިފަ އެވެ.