އިމާރާތްކުރުމުގެ ދާއިރާ އާއި ރިއަލް އެސްޓޭޓްގެ ދާއިރާގެ ކުރިއެރުން އަންނަ އަހަރު 5.2 ޕަސެންޓް އިތުރުވާނެ ކަމަށް އަންދާޒާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ދާއިރާގެ އުފެއްދުންތެރިކަން 2023 ވަނަ އަހަރު 3.5 ޕަސެންޓް ކުރިއެރި ނަމަވެސް އެހެން ދާއިރާތަކާ ހިލާފަށް މި ދާއިރާ ކޮވިޑް-19 ގެ ކުރިން ހުރި މިންވަރައަށް އިއާދަވެފައިނުވާ ކަމަށެވެ.
އެ ގޮތުން އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ހިމެނޭ ލަކުޑި، ދަގަނޑު އަދި ސިމެންތި އިމްޕޯޓްކުރާ މިންވަރު 2022 ވަނަ އަހަރުން ފެށިގެން އިތުރުވަމުންދިޔަ ނަމަވެސް ކޮވިޑް-19 ގެ ދިގު މުއްދަތުގެ އަސަރުތަކާ ގުޅިގެން ކޮވިޑްގެ ކުރިން ހުރި މިންވަރަށް އިއާދަވެފައިނުވެ އެވެ.
ހައުސިން ޔުނިޓްތަކުގެ ސަޕްލައި އިތުރުވާނެ ކަމަށް ލަފާކުރެވޭތީ މިއަހަރު ނިމޭއިރު މި ދާއިރާ 3.5 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ސަރުކާރުން ވައުދުވެފައިވާ ގިނަ މަޝްރޫއުތަކަށް ބަޖެޓުން ޖާގަ ދިނުމަށް އިސްކަންދީ އަންނަ އަހަރު ޖުމްލަ ގޮތެއްގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދު އިތުރުވެ، ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާގެ ކުރިއެރުން 5.2 ޕަސެންޓް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މެދުރާސްތާގައި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާ އެވަރެޖްކޮށް އަހަރަކު 4.1 ޕަސެންޓް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.