މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ފަހުގައި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ރާއްޖެއިން ރަސްމީގޮތުން ދެކޭ ގޮތް އދ ގައި ބަޔާންކޮށްދެއްވަމުން ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ 2014 ވަނަ އަހަރު ވުޖޫދަށް އައި އާ ގާނޫނުލްއުގޫބާތުގައި ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން އިސްލާމީ ޝަރީއަތާ އެއްގޮތަށް އެ ހުކުމް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް އޭގެ ކުރިން މިނިވަން އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ ހެދުމަށް އެ ދާއިރާ މުޅީން އިސްލާހުކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބެންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ވެސް ނަސީރު ވިދާޅުވި އެވެ.
އދގެ ޖެނެރަލް އެސެމްބްލީގައި މިއަދު ނެގި ވޯޓުގައި، ރާއްޖެއިން ވަނީ "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތް ޕެނެލްޓީ" (މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުން) ރެޒޮލޫޝަނާ ދެކޮޅަށް ވޯޓުދީ، ވޯޓަށް ހާޒިރުވި އ.ދ. ގެ މެމްބަރު ގައުމުތަކަށް ސަބަބު ބަޔާންކޮށްދީފަ އެވެ.
ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައި ވަނީ މީގެ 60 އަހަރު ކުރިން 1954 ގަ އެވެ. ނަމަވެސް މިއަދު ވެސް މަރުގެ ހުކުމް އައިސްފައި ތިބި ބަޔަކު އެބަތިއްބެވެ. ކުރީ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތްތަކެއް ވެސް ފެށި އެވެ. ނަމަވެސް ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.