ރިޕޯޓް

ޖިއަންގެ މަރު: ދިވެހިން ހޭލައްވާލި ފިލާވަޅެއް!

އަޅައިލުމާއި ބެލުން ކުޑަވެ، ޒިންމާދާރުކަން ނެތުމުގެ ސަބަބުން ސިމެންތި ބަސްތާއެއްގެ ދަށުވެ ރޯޝަން ޖިއަން 7، ދުނިޔެ ދޫކޮށް ދިޔައީ ރާއްޖެއަށާއި ދިވެހިންނަށް އެތަކެއް ފިލާވަޅުތަކެއް ދޫކޮށްލާފަ އެވެ. ބަންގުލަދޭޝްގެ އެ ކުއްޖާ މަންމައާއެކު ޕޭމަންޓް މަތިން ހިނގާފައި ދަނިކޮށް ބޯމައްޗަށް ވެއްޓުނު ސިމެންތި ބަސްތާގެ ދަށުވެ ހަށިގަނޑުގެ ހުރިހާ ކައްޓެއް ފުނޑުފުނޑުވެގެން ދިޔަ މަންޒަރު މުޅި ރާއްޖެ ދެކެފި އެވެ.

ރޯޝަން ޖިއާން މަރުވީ، ސިމެންތި ބަސްތާ ބޮލަށް ވެއްޓި ޒަހަމްވިތާ ސައުވީސް ގަޑިއިރު ފަހުން، އިއްޔެ މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އައިޖީއެމްއެޗުން ޖިއާންގެ ދެ އޮޕަރޭޝަނެއް ކުރި އެވެ. ނަމަވެސް އެއިން އެއްވެސް ފަރުވާއެއްގެ ރާހަތު ނުލިބި ޖިއާން ވަކިވެގެން ދިޔައީ އެވެ. ގެއްލިގެން ދިޔަ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު އުނގަށް ލައިގެން ޖިއާންގެ މަންމަ އާއި ބައްޕަ އަމިއްލަ ގައުމަށް ރޭ އެނބުރި ދިޔައިރު ދިވެހިން ވަނީ އެކަމާ ދެރަވެ ލަދުގެންފަ އެވެ.

ރޯޝަން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު އިމާރާތުގައި ޑަބްލިޔު ކޮންސްޓްރަކްޝަނުން މަސައްކަތްކުރަމުން ދިޔައީ އެބާވަތުގެ "މަސައްކަތްކުރަން ނަގަންޖެހޭ ހުއްދަ" ނެތި އެވެ. ނުވިތާކަށް ކުރަމުންދިޔަ މަސައްކަތުގެ ގޮތުން އިމާރާތުން ބޭރަށް މަގުމައްޗަށް އެއްޗެއް ވެއްޓިދާނެ ކަމުގެ ޔަގީންކަން އޮތްއިރު ވެސް ލިބިދާނެ ގެއްލުމަކަށް ސަމާލު ކުރުވުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ.

ހުރިހާވެސް އެއްޗަކީ އެތަނުގައި ބަހައްޓާފައި ހުރި ބޯޑެކެވެ. އެކަމަކު ހާދިސާ ހިނގައި، ކުއްޖާއަށް ވާނެ އެއްޗެއްވެ ނިމުނު ފަހުން ވެސް އެ ކުންފުނިން މަސައްކަތް ކުރީ ޒިންމާއިން ރެކޭށެވެ. އެމީހުންގެ ބަހުން ނަމަ، މަސައްކަތްކުރީ ހުއްދަ ނަގައިގެންނެވެ. މިސާލަކަށް އަދި ހުއްދައެއް އޮތަސް، ކުންފުނީގެ ޒިންމާ ހުއްދައާ ހިސާބުން ނިންމައިގެން ވެސް ނުވާނެ އެވެ. އެމީހުންގެ ޒިންމާތައް އެއައްވުރެ މާ ބޮޑެވެ.

މާލެ ޕްލޭނިން ގަވާއިދުގައި ބުނާ ގޮތުން މަސައްކަތުގެ ހުއްދަ ލިބުމާއެކު ކުންފުންޏަކުން ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަންޖެހޭނީ މަސައްކަތަށް ބޭނުންވާ ސަރަހައްދު މުޅިން ބަންދުކޮށް، އެސަރަހައްދުގައި ކުރާ މަސައްކަތުގެ ދަތި އާންމު މީހާއަށް ނުފޯރާ ގޮތަކަށެވެ. އެއީ މަސައްކަތަށް ޕޭމަންޓް ބޭނުންކުރާނަމަ ޕޭމަންޓްގެ އެބައިވެސް ހުންނަންވާނީ ބަންދުކޮށް، މަގުން ހިނގާފައިދާ މީހާއަށް ރަނގަޅަށް ފެންނާނެހެން ނުރައްކާ ބޯޑު ބަހައްޓައިފަ އެވެ. އެހެންކަމުން ދޯދިޔާ ވެގެން އުޅެނީ މުޅިއަކުން ގަވާއިދެއް ނޫނެވެ. އެއްވެސް ގަވާއިދެއްގައި ސޭފްޓީ އަކީ ކޮމްޕްރޮމައިޒް ކުރެވޭނެ މާއްދާއެއް ނޫނެވެ.

"ގަވާއިދު ދޯދިޔާ ވެގެންނެއް ނޫން މިކަންކަން މި ދިމާވަނީ. މީގަ މި އުޅެނީ ޒިންމާ ނުނެގުމުގެ މައްސަލައެއް. ގަވާއިދުގެ ދަށުންވެސް ސޭފްޓީ އަކީ ކޮމްޕްރޮމައިޒް ކުރެވޭނެ ކަމެއް ނޫން،" ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ހިނގި ހާދިސާގެ ބޮޑު މަންޒަރަށް ބަލާއިރު އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހެނީ ކުންފުނިންނެވެ. އެއާ އެއްވަރުގެ ޒިންމާއެއް، މަސައްކަތު ސައިޓުގައި ގަވާއިދުގައި ބުނާ ގޮތަށް ކަންކަން ފުރިހަމަކޮށްފައި ނުހުންނަ ސައިޓްތަކަށް ހުއްދަ ދޭ ހައުސިން މިނިސްޓްރީ އާއި ސިޓީ ކައުންސިލް ވެސް ނަގަންޖެހެ އެވެ. ކޮންސްޓްރަކްޝަން ސައިޓަކަށް ފުރަތަމައިން ހުއްދަ ދޭން ޖެހޭނީ ވެސް ވަކި މިންގަނޑުތަކެއް ހަމަކުރުމުންނެވެ. އަދި އެކުންފުންޏަކުން މަސައްކަތުގައި ގެންގުޅޭ މުވައްޒަފުންނަށް ވެސް ވަކި ކަންތައްތަކެއް ފުރިހަމަ ކޮށްދިނުމުންނެވެ. އެހެން ނަމަވެސް ކަން ހިނގަނީ މި އުސޫލަކުން ނޫނެވެ. މިހާރު މި އޮންނަނީ އެމީހަކު ބޭނުން ގޮތަކަށް ބޭނުން ކަމެއް ކުރަން ދޫކޮށްލާފައި އޮންނަ ނިޒާމެކެވެ.

ސިޓީ ކައުންސިލުން އެމީހުންގެ ޒިންމާ އަދާނުކުރެވޭ މިންވަރަކީ، މިއޮއް ބަޑު މާލެ ސިޓީގެ އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއްް ބަލަހައްޓަން ބައިތިއްބާފައި ތިބެނީ އެންމެ ހަ ސުޕަވައިޒަރުންނެވެ. ވިލިނގިލީގައި ތިން މީހުންނެވެ. އެމީހުންނަކީ ކޮންމެ މަސައްކަތެއް ފެށުމުގެ ކުރިން އެތަނެއް ބަލައި ކަންކަން ހުރީ ރަނގަޅައްތޯ ނޫންތޯ ބަލާ މީހުންނެވެ. ގަވާއިދު ތަންފީޒުނުވާ ވާހަކަ ދައްކާއިރު މިއީ ބޭސިކް ހުރި ގޮތެވެ. ބާކީ އޮންނާނެ ގޮތް ދެން ވިސްނައިގަނެވޭނެ އެވެ.

"މިވަގުތު އަޅުގަނޑުމެން އެންމެނަށް ވެސް ވަރަށް މުހިއްމު ސިގްނަލެއް ލިބިގެން މި ދިޔައީ. ސިޓީ ކައުންސިލް ވެސް އެބަޖެހޭ މިއަށްވުރެ ޒިންމާދާރުވާން. ރަނގަޅަށް ސުޕަވައިޒް ކުރެވެން އެބަޖެހޭ. ކުންފުނިތަކުން ކޮންސްޓްރަކްޝަން މަސައްކަތްކުރަން މީހުން ނަގާއިރު، އެތަނުގައި ފާހާނާ ކުރެވޭހާ ހިސާބުވެސް ދައްކާދީފައެއް ނުހުރޭ. އެތާނގައި މަސައްކަތްކުރާ މީހުން ބޭނުން ގޮތަކަށް މަސައްކަތް އެކުރަނީ. އެހެންވީމަ، އަޅުގަނޑުމެން ރަނގަޅުކޮށް އިސްލާހުކުރަންޖެހޭ ކަންކަން ވަރަށް ބައިވަރު،" މާލެ ސިޓި މޭޔަރު ޝިފާ ވިދާޅުވި އެވެ.

އަހަރެމެންގެ ޒަމާންވީ ފަރުވާކުޑަކަމަށް މިއަދު ކުޑަކުޑަ މައުސޫމް ފުރާނައެއް ގެއްލުނީ އެވެ. ދެން ވެސް އެފަދަ ދެވަނަ ފުރާނައެއް ގުރުބާންކޮށް ނުލައި ވޭތޯ ބަލަން އެބަޖެހެ އެވެ. އަވަށު އޮފީސްތަކެއް ހަދައިގެން އަވަށަކަށް ސުޕަވައިޒަރުން ނަގައިގެން ނަމަވެސް ބިރުން ފުރިފައިވާ މި މާލޭގެ ބިރުވެރިކަން ކޮންމެވެސް ވަރަކަށް ކުޑަކުރަން މިހާރު މިއޮތީ ކޮންމެހެން މަސައްކަތްކުރަންޖެހިފަ އެވެ. މިހާރު މަގުމަތީގައި ދިވެހި އަކުރުން "ނުރައްކާ" ލިޔެފައި ހުންނަ ބޯޑު އިނގިރޭސި އާ ދެބަހުން ލިޔެ ބެހެއްޓުން މުހިއްމު ވެއްޖެ އެވެ. ކުންފުނިތަކުން ވެސް ދަތި ވިޔަސް، ލަސް ވިޔަސް، ގަވާއިދާ އެއްގޮތަށް ހުރިހާ ކަމެއް ކޮށްގެން ކަންކަން ރާވަން ވެއްޖެ އެވެ. އާންމު މީހާވެސް މަގުން ހިނގާފައި ދާއިރު ތިމާގެ ރައްކާތެރިކަމަށް އިހަށްވުރެ ބޮޑަށް ލޯހުޅުވަން ވެއްޖެ އެވެ. އެވަރަށް ކަންކަން މިއޮތީ ބޮއްސުންލައިފަ އެވެ. އިސްލާހު ވާނީ އަމަލުކޮށްގެންނެވެ.