ހަބަރު

ޖޭއެސްސީގެ ނައިބް ރައީސަކަށް މަސްތޫރު ހުސްނީ ހަމަޖައްސައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބް ރައީސަކަށް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެމްބަރު ގާނޫނީ ވަކީލު މަސްތޫރު ހުސްނީ ހަމަޖައްސައިފި އެވެ.

މަސްތޫރު އެމަގާމަށް ހަމަޖައްސާފައިވަނީ މިދިޔަ ހޯމަ ދުވަހު އެކޮމިޝަނުން ބޭއްވި ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. މަސްތޫރު އެމަގާމަށް ރައީސް އައްޔަން ކުރައްްވާފައިވަނީ މީގެކުރިން ރައީސްގެ މެންބަރުގެ ގޮތުގައި ޖޭއެސްސީގައި އިންނެވި އަހުމަދު ސަލީމް އެ މަގާމުން ދުރުކުރުމަށްފަހު އެވެ. ސަލީމް އެކޮމިޝަނަށް އައްްޔަންކުރެއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީނެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާއި، ސްޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ އަރީފާއި، ހައިކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު އަބުދުއްރައޫފު އިބްރާހިމާއި، ދަށު ކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު މުހައްމަދު އީސާ ފުޅާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، އާމުންގެ ތެރެއިން މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެމްބަރު އަބުދުލް ހަންނާން އަހުމަދާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި، ބަންޑާރަނައިބް އިބްރާހިމް ރިފްއަތާއި، ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ލާތީފާ ގާސިމްގެ އިތުރުން ރައީސްގެ ފަރާތްޕުޅުން މަސްތޫރު ހުސްނީއެވެ.