އެފްއޭއެމް

ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން ވާހަކަ ދައްކަނީ!

ސޯޝަލް މީޑިއާގައި މި ދޭތެރެއިން އެނބުރިގެން ދިޔަ އަދި ސަމާލުކަން ހޯދި އެއް ވާހަކައަކީ، ރާއްޖޭގެ ސުކޫލް ބޮޑު ޗުއްޓި ޖޫން، ޖުލައި އަށް ބަދަލު ކުރުމަށް ތާއީދުކޮށް ހިޔާލު ފާޅު ކުރަމުން ދިޔަ މައްސަލަ އަށެވެ. ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް އެކަމަށް ތާއީދުކޮށް ވާހަކަ ދެއްކި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަންވެސް ޖޫން މަހު ފަށާ ގޮތަށް ޖެހިގެން އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މެއި މަހަށް ނިމޭ ގޮތަށް ސީޒަންގެ ކަލަންޑަރު ބަދަލު ކުރަން އުޅޭ ކަމަށް ދަނީ ވާހަކަ ދައްކަމުންނެވެ. މި ވާހަކަތައް ފެތުރުނީ، މިދިޔަ ސީޒަން ނިމެން ކައިރިވެފައި ވަނިކޮށެވެ. ކުލަބުތަކުގެ މެނޭޖަރުންނާއެކު މިދިޔަ މަހު ބޭއްވި ބައްދަލުވުމެއްގައި އެފްއޭއެމުން ވަނީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޖޫން އަށް ބަދަލު ކުރުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. މިހާރު ރާއްޖޭގެ ފުޓުބޯޅަ ސީޒަންގެ ކަލަނޑަރު އެކުލަވާލަނީ ފެބްރުއަރީން ފެށިގެން ޑިސެމްބަރު ކުރީ ކޮޅަށެވެ. ނުވަތަ ނޮވެމްބަރު މަހު ފަހު ކޮޅަށެވެ. މިދިޔަ ދެ ސީޒަންގައިވެސް ދިޔައީ އެގޮތަށެވެ.

އަންނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރު މިހާތަނަށް އެފްއޭއެމުން ހާމަކޮށްފަ އެއް ނުވެ އެވެ. ސީޒަންގެ ކަލަންޑަރު ހާމަ ކުރުން ލަސްވަމުން ދާތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޖޫން މަހު ސީޒަން ފަށާ ގޮތަށް އެފްއޭއެމުން ބަދަލު ގެންނަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ ސީޒަންގެ ފެށުމުގެ މުއްދަތު ބަދަލު ކުރުމާ ބެހޭގޮތުން އެފްއޭއެމުން ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

ޖަވާޒު ވިދާޅުވީ، ޖޫން މަހު ސީޒަން ފެށުމަށް ކުލަބު ތަކުން މީގެ ކުރިންވެސް އެފްއޭމްއަށް ހިޔާލު ހުށަހަޅާފައިވާ ކަމަށާއި ކުލަބުތަކާ އެކު ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމުގައި އެފްއޭއެމުން އެ ވާހަކަ ހުށަހެޅީ ހިޔާލެއްގެ ގޮތުގައި ކަމަށެވެ.

"ޖޫންގައި ސީޒަން ފެށުމާ ބެހޭގޮތުން ވަކި ގޮތެއް ނުނިންމަން،" ޖަވާޒު ވިދާޅުވި އެވެ. "އެފްއޭއެމުން އެކަން ކުލަބުތަކާއެކު ހިއްސާ ކުރީ ގެންގުޅޭ ވިސްނުމެއްގެ ގޮތުގައި، އެއީ މީގެ ކުރިން ބައެއް ކުލަބުތަކުންވެސް އެ ހިޔާލު އެފްއޭއެމް އަށް ހުށަހަޅާފައި ވާތީ، ހުރިހާ ކުލަބެއްގެ ހާޒިރު ގައި އެފްއޭއެމުން އެ ހިޔާލު ހުށަހެޅުމުން ކުލަބުތަކުން އެކަމާ އިއުތިރާޒެއް ނުކުރޭ."

ޖޫންގައި ސީޒަން ފެށުމާ ބެހޭގޮތުން ވާހަކަ ދެއްކި ބައެއް ކޯޗުން އެކަމާ މެދު ފާޅު ކުރީ އިޖާބީ ހިޔާލެއް ނޫނެވެ. ސީޒަންގެ ފަހު ކޮޅު ނިއު ރޭޑިއަންޓަށް ކޯޗު ކޮށްދިން ސޮބާހް މުހައްމަދު އިބްރާހިމް ބުނީ، ރާއްޖޭގެ ސުކޫލު ޗުއްޓީ ވަކި ދުވަސްވަރަކަށް އޮވެފައި އެދުވަސް ވަރުގައިވެސް ސީޒަން ކުރިއަށް ގެންދިއުމުގެ ބޭނުމެއް އޭނާއަށް ނުވިސްނޭ ކަމަށެވެ. އަދި އަންނަ އަހަރު ސީޒަން ޖޫންގައި ފަށާނަމަ "ޖަނަވަރީން ފެށިގެން ޖޫން މަހާ ހަމައަށް ކުޅުންތެރިން އަތް އުރާލައިގެން ތިބެންވީތޯ." ބުނެ ސޮބާ ވަނީ ސުވާލު އުފައްދާފަ އެވެ.

ގްރީން ސުޓްރީޓްގެ ކޯޗް އަލީ ސުޒޭން ވަނީ، އަންނަ ސީޒަން ޖޫންގައި ފަށާ ގޮތަށް ވާހަކަ ދައްކަނީ، ރާއްޖޭގެ ކުލަބުތަކަށް އަންނަ އަހަރު އޭއެފްސީ ކަޕަށް ނުދެވުމުގައި އެފްއޭއެމްއަށް ހެދުނު ގޯސް ރިކަވާ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ ތުހުމަތު ކޮށްފަ އެވެ.

"އަންނަ އަހަރު ސީޒަން ޖޫންގައި ފަށާ ވާހަކަ އަޅުގަނޑުވެސް އަޑުއެހިން، މީގެއިން ދިވެހި ފުޓްބޯޅައަށް ވާނީ ކޮންފައިދާއެއް ބާއޭ، މިއީ ވަރަށް ބޮޑު ސުވާލެއް،" ސުޒޭން ވާހަކަ ދެއްކި އެވެ. "އެކަމަކު މީގެ އެންމެ ބޮޑު ވިސްނުމަކަށް ވެދާނެ، މި އަހަރު އޭއެފްސީ ކަޕުގެ ރަޖިސްޓްރީ ނުވި ޓީމުތައް އަންނަ އަހަރުގެ ސީޒަން މެދު ތެރޭގައި ވީމަ (ދެން އަންނަ އަހަރު [2020 ވަނަ އަހަރު] އޭއެފްސީ ކަޕަށް ހަމަ މިއަހަރު ލީގުން އޭއެފްސީ ކަޕަށް ޖާގަ ހޯދި ދެ ޓީމު ފޮނުވުން."

"އޭގައި ކޮބާތޯއޭ އެމީހުން [އެފްއޭއެމް] ހެދި ދިރާސާއަކީ، ޖޫންގައި ފަށައިގެން ކޮން އެޑްވާންޓޭޖެއްތޯ އޮތީ، މިއީ ހަމަ ސުވާލު ކޮށްލަން ޖެހޭ ކަންތައްތައް، ކޮންކަމެއްތޯ މަދުވެގެން ޖޫންއަށް ލަސް ކުރަން ޖެހެނީ، އަދިވެސް 2019 ވަނަަ އަހަރުގެ ސީޒަން ރަނގަޅަށް (ފެބްރުއަރީ ގައި) ފަށައިގެން ގޮސް ނޮވެމްބަރަށް ނިންމާފައި އޭއެފްސީ ކަޕުގައި ދެން އަންނަ [2020] ވަނަ އަހަރު ބައިވެރިވާން ޓީމަތަކަށް ފުރުސަތު ދީފައި، މިކަމެއް ނޫންތޯ ކުރަންވީ."

"ކުއްލިއަކަށް ހެދުނު ގޯހެއް އެއީ ރަނގަޅު އެއްޗަކަށް ހަދަންވެގެން ފުޓްބޯޅަ ސީޒަން (އަހަރުގެ) މެދަށްލައި، ބައިވަރު އެކަހަލަ ކަންތައްތަކެއް ކުރަން ޖެހުން މިއީކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން، އަޅުގަނޑު މިކަމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން ފުޓްބޯޅަ ސީޒަން ޖޫންގައި ނުފަށައި ވާނެ ގޮތެއް، އެއީ މިކަންމީ އެއްވެސް ގޮތަކަށް ފެއާ ގޮތެއް ނޫން."

"ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ހުރިހާ އެންމެން މިކަމަށް ސަމާލުކަން ދޭން ޖެހޭނެ އެއްގޮތަކަށްވެސް ފުޓްބޯޅަ އެސޯސިއޭޝަނުން ބޭނުންހައި ގޮތަކަށް ސީޒަން ފަށަން ދޫކޮށްލައިގެން ނުވާނެ، އެއީ ދިވެހިރާއްޖޭގެ ފުޓްބޯޅައަކީ ހަމައެކަނި އެސޯސިއޭޝަނަކާ ގުޅުންހުރި އެއްޗެއް ނޫން، އެއަށްވުރެ މާ ބައިވަރު މީހުންނާ ގުޅުންހުރި އެއްޗެއް، އެހެންވީމަ އެހެން ކުއްލިއަކަށް ޖޫންގައި ސީޒަން ފަށަނީއޭ ބުންޏަސް އެކަން ބަލައެއް ނުގަނެވޭނެ."