ހަބަރު

އެކައުންޓްގައި ހުންނާނީ ސައްހަ ފައިސާ: ޔާމީން

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އެކައުންޓްގައި ގާނޫނާ ހިލާފު އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށާއި އެކައުންޓްގައި ހުރި ފައިސާއަކީ ޖާއިޒް ފައިސާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާތަނަށް ހިފަހައްޓާފައިވާ ރައީސް ޔާމީންގެ އެކައުންޓްތަކުން އެމަނިކުފާނުގެ ވެރިކަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ މައްސަލާގެ ތަހުގީގަށް އެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ފްރީޒް ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ވާދަކުރައްވާ 13 ފަރާތަކަށް ޓިކެޓް ދެއްވުމަށްޓަކައި ބޭއްވި ޕްރެސްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ، އެކައުންޓްގައި ހުރި ފައިސާއާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ސުވާލުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މާލީ ބަޔާނެއް ހުށަހަޅުއްވާފައިވާ ކަމަށާއި އެކައުންޓްގައި ހުރި ފައިސާއާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ތުހުމަތެއް ކޮށްފައިނުވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެކައުންޓަށް ވަން ފައިސާ އަޅުގަނޑު އިނގޭނެ، މާލީ ބަޔާނުގައި ލިޔާނީ އަޅުގަނޑަށް އިނގޭ އެއްޗެއް ދެއްތޯ، މާލީ ބަޔާނުގައި އޮންނާނީ އަޅުގަނޑު ސޮއިކޮށްފައި އޮތް މާލީ ބަޔާނެއް، މާލީ ބަޔާނުގައި އޮތް ކޮންމެ އަކުރަކަށް، ކޮންމެ އަދަދަކަށް އަޅުގަނޑު ޒިންމާ އުފުލަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، މީހެއްގެ އެކައުންޓްގައި ފައިސާ ހުރުމަކީ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކަމެއް ނޫން ކަމަށާއި އެ ފައިސާއާ ގުޅޭގޮތުން ފުލުހުން ސުވާލު ކުރައްވައިފިނަމަ ޖަވާބުދެއްވާނެ ކަމަށެވެ.

"ފުލުހުން އަޅުގަނޑަށް ތުހުމަތު ކުރައްވާފައި އައްސަވާ 100 މިލިއަން ރުފިޔާ އައިސްފައިވާ ގޮތެއް، ތިމަންނަމެން ތުހުމަތު ކުރައްވަނީ މިވަނަ ކަމަކަށޭ، އޭރުން އެތުހުމަތަށް އަޅުގަނޑު ބަރީއަތްވާނަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މާލީ ބަޔާން ނާޖާއިޒް ގޮތުގައި ބޭނުން ކުރަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ. މީހުންގެ އެކައުންޓްގައި ހުންނަ ފައިސާ އަކީ އެމީހެއްގެ ސިއްރު މައުލޫމާތެއް ކަމަށާއި އެމައުލޫމާތު އާންމު ކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިއަދުވެސް ރައްޔިތުންނަށް ކަށަވަރުކަން އަރުވަން ބޭނުންވަނީ މި 100 މިލިއަން ރުފިޔާގެ ނުހުންނާނެ ގާނޫނާ ހިލާފް އެންމެ ފައިސާއަށްވެސް، ގާނޫނާ ހިލާފް އެންމެ ލާރިއެއްވެސް ނޯންނާނެ، ދައުލަތުގެ ތަހްގީގީ އިދާރާއަކުން ނޫނީ އެހެންވެސް ދާއިރާއަކުން އެ 100 މިލިއަން ރުފިޔާއާ ބެހޭގޮތުން ތުހުމަތެއް ކުރައްވައިފިނަމަ އެތުހުމަތަކުން އަޅުގަނޑު ބަރީއަތްވާނަން،" ޔާމީން ވިދާޅުވި އެވެ.

"މިތާ ހުންނާނީ ޖާއިޒް ފައިސާ، މިތާ ހުންނާނީ ސައްހަ ފައިސާ، މިއީކީ ދައުލަތުގެ ފައިސާއެއް ނޫން، މިއީ އެހެން މީހެއްގެ ފައިސާއެއްވެސް ނޫން، އެހެންވީމަ މިތާކު ނުހުންނާނެ ގާނޫނާ ހިލާފް އެއްވެސް ފައިސާއެއް،"

ރައީސް ޔާމީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް އެދުވަހު ސުވާލުކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއްގަ އެވެ. އެދުވަހު 100 މިލިއަން ރުފިޔާއާ ގުޅޭގޮތުން ސުވާލުކޮށްފައިނުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް އާޒިމާ ޝުކޫރުވެސް ވަނީި މީގެ ކުރިން ވިދާޅުވެފަ އެވެ.