ހަބަރު

މުސްތަގުބަލު އޮތީ އާ ޕާޓީއެއް އުފައްދައިގެން: ޔާމީން

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި މުސްތަގްބަލް އޮތީ އާ ޕާޓީއެއް އުފައްދައިގެން ކަމަށް ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ޕްރެސްގައި އާ ޕާޓީއެއް އުފައްދަވަން އުޅުއްވާ ކަމަށް ވިދާޅުވެ އަވަސްގެ ނޫސްވެރިއަކު ސުވާލު ދެންނެވުމަށް ރައީސް ޔާމީން ވިދާޅުވީ، "ތިވާހަކަ ވާނީ ވަރަށް ހަގީގަތާއި ގާތް ވާހަކައަކަށް،" ކަމަށެވެ.

ޔާމީން ވިދާޅުވީ، އާ ޕާޓީއެއް އުފައްދަވަނީ އެމަނިކުފާނު ނޫން ކަމަށާއި އާ ޕާޓީއެއް އުފައްދަނީ ޕީޕީއެމްގެ ވަރަށް އިސް ފަރާތްތަކެއް ކަމަށެވެ. އަދި އާޕާޓީއެއް އުފެއްދެވުމަށް ފުރިހަމަ ތާއީދާއި އެއްބާރުލުން އެފަރާތްތަކަށް ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާ މީހުންނަކަށް އެއްވެސް ގޮތަކަށް ކެއްސެއްދޭނެ ބައެއް ނޫން، އެހެންވީމަ އާ ޕާޓީއެއް އުފެދޭ ހިސާބުން މި ހުރިހާ ބޭފުޅުންނަށް ވެސް އާޕާޓީއަށް ވެސް ވަޑައިގަނެވޭނެ، އަޅުގަނޑުމެންނާއެކު މިހާރު މަސައްކަތް ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށްވެސް އާޕާޓީއާ ގުޅިވަޑައިގަނެވޭނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އާޕާޓީއެއް އުފައްދަވަން ނިންމަވާފައިވަނީ ޕީޕީއެމްގެ މުސްތަގްބަލާއިމެދު ގޮތެއް ނުނިމި ލަސްވަމުންދާތީ ކަމަށާއި އެކަމަކީ އުންމީދެއް އޮތް ކަމެއްވެސް ނޫން ކަމަށެވެ. އެކަމަށް ދިގު އިންތިޒާރެއްކޮށް މައްސަލަ ނިމެންދެން ތިބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"ހުޅަނގު ނިމި އިރުވާއަށް ބަދަލުވެގެންދާއިރު ޕާޓީގެ މިލްކުވެރިކަން ބަދަލުވެދާނެ، އިރުވައިނިމި ހުޅަނގަށް ބަދަލުވާއިރު، އަނެއްކާވެސް އެހެން ގޮތަކަށް ބަދަލުވެދާނެ، އެހެންކަމުން މިކަމުން އަޅުގަނޑުމެން އެބަޖެހޭ ހުރިހާ އާންމު މެންބަރުންގެ ހިތްތަކަށްވެސް ފިނިކަމެއް ގެންނަން، ތަސައްލީއެއް ގެންނަން، އެހެންވީމަ މުސްތަގްބަލެއް އޮންނާނީ އާޕާޓީއެއް ހަދައިގެން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓް މިވަގުތު އޮތީ ރިސެސްގައި ކަމަށާއި އެމައްސަލައިގައި ގޮތެއް ނިންމާނީ ކޮންދުވަހަކުންކަމެއް ނޭންގޭ ކަމަށެވެ. ޔާމީިން ވަނީ އެމައްސަލަ އަވަހަށް ނިންމައި ދިނުމަށްއެދި ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފަ އެވެ.

ޔާމީން އިތުރަށް ވިދާޅުވީ، އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި ނަމަވެސް ޕީޕީއެމްގެ އެއްވެސް މަސައްކަތަކަށް ހުރަސް އެޅިގެން ނުދާނެ ކަމަށެވެ. އަދި އާޕާޓީއެއް އުފެދުމުން އެޕާޓީއަށް ވަންނާނެ ކަމަށާއި އެމަނިކުފާނަށް ސަޕޯޓްކުރާ ހުރިހާ ފަރާތްތަކުންވެސް އެޕާޓީއަށް ވަނުމަށްވެސް ޔާމީން ވަނީ ގޮވާލާފަ އެވެ.

ކުރީގެ ރައީސް ޔާމީން އާއި ޕީޕީއެމްގެ ބައެއް އިސްބޭފުޅުން ވެގެން އުފައްދާ އާ ޕާޓީގެ ނަމަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކަމަށް ވެއެވެ.

ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް އަދިވެސް ބާއްވާފައެއް ނުވެ އެވެ. ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕަކީ ސައްހަ ލީޑަރޝިޕެއް ނޫން ކަަމަށާއި، ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫން ކަމަށް ކަނޑައެޅުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު އެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނަގައިފަ އެވެ.