ވާހަކަ

ފައިލަސޫފި

ޗެޕްޓާ 2: ނުބައި ފާލެއް

ސާޅީސް ދުވަސްވީ އެވެ. އެންމެ ފަހަށް ހުރި ރާ ފުޅި ރާހުތަށް ބަދަލުވީ އެވެ. ކޮއްކޮމެން ދިން ތެލުލި ބަނބުކޭލާއި އަލަފޮތި ކައިކައި ބަނޑުގައި ރިއްސަނީ އެވެ.

ކެތިނަކަތުގެ ހިމަފޮދު ވާރެ އާއި ގަދަ ވަޔާ އެކު ލޮނުގަނޑު ކަފަމުން ގޮސް މިހާލެއްގައި ޖެހިފައި އޮތް އިސްމާއީލުފުތާ ދެން ބައްދަލުވީ ރޯނު ނަކަތުގެ ރޯޅިތަކާއި ކެކިއަރައިގަނެގެން، ރުޅިއަރައިގަނެގެން އައި މާ ކަނޑުގެ ބިޔަ ރާޅުތަކާ އެވެ.

ބަލި އެނދުގައި އޮތް މުސްކުޅި އަމާ އާއި އެއްބަނޑަށް ތިބި އަންހެން ހަ ކޮއްކޮ ދޫކޮށް އަމިއްލަ އެދުމުން ފޯވެ ނުވަތަ ހުވަފެނެއް ދެއްކި ބިލާހަކަށް ނަފުސު ވިއްކާލައިގެން އުދަރެހުގެ އަޖާއިބުތަކަށް ދަހިވެތިވެގެން ގޮސް އިސްމާއީލުފުތު މާ ކަނޑަށް ނުކުތުމުން އެ ކަނޑު އޭނާ އަށް ކެއްސެއް ދޭން އުޅޭ ކަހަލަ އެވެ. މިހެން ހިތަށް އަރައި އިސްމާއީލުފުތުގެ ހިތަށް ބިރުވެރިކަން ވެރިވިއިރު ކަޅު ބޯ ވިލާތަކުން އުދަރެސް ބަންދުކޮށް ކައުނު ވެސް އެކުގައި އަނދިރިކޮށްލައިފި އެވެ.

މޯހިރުން އުފައްދަމުން ދިޔަ ހުދުފޮނުގެ ރޮނގުތައް ރޫޅެމުން ފެތުރެމުން ދިޔަ ހިސާބު ދުރުން އައިނުތަކުން ފުމެމުން ދިޔަ ކޯމަސްތައް ވެސް ނުބައި ޒާތަކަށް ހިނި އައިސް ތިބެގެން އިސްމާއީލުފުތަށް މަލާމާތްކުރާ ކަހަލަ އެވެ. މިހުރިހާ މަންޒަރެއް ފެނި ދެ ދުނިޔެއިން މޮޔަވާން އުޅޭހެން ހީވި ހިނދު އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔަ ހަނދާނަކީ އޭނާގެ މޯހިރުއުޅުމާއި މޯހިރުކެއުމާއި ބޯހަރު މޮޔަކަމުން ހެދި ގޯސްތަކާއި ކުރެވުނު ތާކުންތާކުނުޖެހޭ ކަންކަމެވެ.

ވާރެ އާއި ފިނީގައި ތުރުތުރުއަޅަމުން ދިޔަ އިސްމާއީލުފުތުގެ އޮޑިއާ ދެން ބައްދަލުކުރީ ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ނަގޫރޯޅީގެ ބިޔަ ލަޝްކަރެކެވެ. އެކަކަށް ދެރައެއް ދީފައި އަނެކަކަށް އުފަލެތް ނެތް ކަމަށް ބުނާ ވާހަކައިގައި ހަގީގަތެއްވާ ކަމަށް އިސްމާއީލުފުތަށް ގަބޫލުކުރެވުނީ މިޔަހެލީގެ ގަދަފަދަކަމާއި ބިރުވެރިކަން ލޮލަށް ފެނި އިހްސާސްކުރެވިގެންނެވެ.

ގޮތެއްފޮތެއް ނެތި އެނބުރެމުން އައި ނަގޫރޯޅިއެއްގެ ތެރެއަށް އިސްމާއީލުފުތުގެ އޮޑި ދަމައިގަނެގެން ގޮސް ވިއްސިވިހާލިކޮށް މުޅި ހިސާބުގަނޑަށް އޭގެ ބައިތައް ބުރުވައިލީ އެވެ. އެންމެ ފުރަތަމަ ވެސް ބިންދައިގެން ދިޔައީ ދައްސޫރަ އެވެ. ވެއްޓިގެން އައި އެ ބަރު ލަކުޑިގަނޑުން ސަލާމަތްވުމަށް އަޑުންއަޑު ނަގައި ޝަހާދަތްގޮވަމުން ގޮސް އިސްމާއީލުފުތު އެ މާ ސިންގާ ކަނޑަށް ފުންމާލީ އެވެ.

ކަޅު ކުލައެއް ވެރިވެފައި އޮތް އެ ކަނޑުގެ ލޮނުގަނޑުގައި އިސްމާއީލު ޖެހުނު ވަގުތު ހީވީ ފުންމައިގެން އެރި ދެޔޯއެއް އޭނާ ދިރުވައިލިހެންނެވެ.

"ތިބާ އަކީ އިހްތިޔާރުކުރެވިފައިވާ ޒުވާނާ އެވެ،" ގެނބިގެން ދިޔައިރު އިސްމާއީލުފުތުގެ ކަންފަތުގައި ޖެހުނީ ފައިލަސޫފީގެ އަޑެވެ.

"އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟،" ހިތާހިތުން ނިކަމެތި އިސްމާއީލަށް ބުނެލެވުނީ މިހެންނެވެ.

*** ** ***

ވެރިވި އަނދިރިކަމުން ހޭލެވުނުއިރު މީހަކު އައިސް މުށީގެ ކަންވާރަކުން ފެން އެއްޗެއް މޫނު މައްޗަށް އޮއްސައިލަނީ އެވެ. އިސްމާއީލަށް އެ އޮވެވުނީ މަސްވަތެއްގައި ގުޅައަކަށް ޖެހިފަ އެވެ. މަސްވަތް ހުސްކޮށް އެންމެ ފަހަށް ދޯނިން ފައިބާ މީހުން މަސްވަތް ދޮންނަނީ އެވެ. 

ކުއްލިއަކަށް ގަޔަށް އަރައިގަތް ވަރުގަނޑަކާ އެކު ދެ ފައި މައްޗަށް ތެދުވެ މަސްވަތުން ބޯ ހިއްލައިލި އެވެ. އޭރު ދެ މީހަކު ހަރުބީއަކަށް ފޫއަނބުރަމުން ރައިވަރެއް ކިޔަމުން ނިކަން ފޯރީގައި ދޯނީގެ ވަތްތައް ދޮންނަމުން ގެންދަނީ އެވެ.

މައްޗަށް އެރި އިސްމާއީލުފުތު ފެނި ސިހިގެން ރައިވަރާއި ހަރުބީގެ އަޑު ކެނޑުނެވެ. ނަމަވެސް އެމީހުންނަށް މާ ބޮޑު ސަމާލުކަމެއް ނުދީ މޯޅިއަކަށް ދެމިލުމަށް ފަހު އިސްމާއީލުފުތު ދިރުނބާކޮޅަށް އަރައި ނަޒަރު ހިންގައިލީ ކުރިމަތިން ފެންނަން އޮތް ރަށަށެވެ.

އެއީ މަލިކެވެ. ރުއްތަކުން ފެހިކޮށްފައިވާ މަލިކެވެ. ނުވަތަ ހުސްނުވާ ރަލުގެ ސުވަރުގެ އެވެ.

ވިލާތަކުން ސާފުކޮށް ނޫކުލައިން ދިއްލިފައި އޮތް އުޑާއި ފެހި ކުލައިގެ ދުއްޔެއް ފަދައިން ފިނި ރޯޅީގައި ހެލެމުން ދިޔަ މަލިކު ފެނި ވަރުބަލިކަން މަތިން އިސްމާއީލު ހަނދާންނެތިއްޖެ އެވެ. މޫނު މައްޗަށް ދެން ބަންޑުންވީ އުފާވެރިކަމެކެވެ.

އޭރު މަސް ދޯނި އަޅާފައި އޮތް ހިސާބަށް ބޮއްކުރައެއްގައި މީހަކު ކައިރިކުރަނީ އެވެ.

އިޝާރާތުން އޭނާ އެންގީ އިސްމާއީލުފުތު އެއަށް ފޭބުމަށެވެ. ދެން އޭނާ ގޮވައިގެން ފަލި ޖަހަމުން ގޮނޑުދޮށާ ދިމާލަށް ނައްޓާލައިފި އެވެ.

"ހުސްނުވާ ރަލުގެ ރުއްތައް ތިބާ އަށް އިންތިޒާރުކުރަނީ އެވެ."

"ބޮކަރު މަލުގެ ހާރެއް ގަތައިގެން ތިބާގެ ބައިވެރިޔާ ވެސް އެހުރީ އިންތިޒާރުގަ އެވެ."

ގޮނޑުދޮށާ ގާތްވަމުން ދިޔަ ވަރަކަށް އިސްމާއީލުގެ ބޮލު ތެރޭގައި އެނބުރެމުން ދިޔަ ފައިލަސޫފީގެ މި އަޑު ދިޔައީ ގަދަވަމުންނެވެ.

ނަމަވެސް ބީއްސާލި ބޮއްކުރައިން ފައިބާނެ ހިތްވަރެއް ނުލިބި އޭނާގެ ހިތަށް ބިރުވެރިކަން ވަދެ ހަރު ގާގަނޑަކަށް ބަދަލުވެގެން ދިޔައީ އުނަގަނޑުގައި ކަނޑި އާއި ފިސްތޯލަ ހަރުކޮށްގެން ތިބި ޖާނުން ވަރުގަދަ ދެ މީހަކު އޭނާއާ ދިމާލަށް އަންނަތަން ފެނުމުންނެވެ.

"ހުވަފެނަކީ ބިލާހެކެވެ."

ބައްޕަ އަބަދުވެސް ދިން ނަސޭހަތް އަނެއްކާވެސް އިސްމާއީލުފުތުގެ ސިކުނޑި ތޮރުފާލި އެވެ.

މިހެން ހިތަށް އަރައި އާދެވުނު މަންޒިލާއި އޭނާ ސަލާމަތްކުރި މީހުންނާއި އެމީހުންގެ ނިޔަތާ މެދު ވެސް އޭނާގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ. މި ފިކުރެއްގައި ހުއްޓައި ދެން ފެނުނީ ޖާނުން އެންމެ ވަރުގަދަކޮށް ހުރި މީހާ އައިސް އިސްމާއީލު ނަގައި ކިހިލީގައި ޖަހައިގެން ރަށު ތެރެއަށް ހިނގައިގަތް ތަނެވެ.

"ފައިލަސޫފި ކޮބައި ހެއްޔެވެ؟ ފައިލަސޫފި ހެދީ ހުސް ދޮގެވެ. ފައިލަސޫފަކީ ކެއްސެކެވެ،" މިހެން ހިތަށް އަރައި އިސްމާއީލުފުތުގެ ދެ ލޯ މަރައި ނިކަން ބާރުކޮށްގަތެވެ.

*** ** ***

"އޮޔާއެކު ބެހެމުން ދިޔަ ފިލާގަނޑެއްގެ މަތީގައި އޮތްވައި އަހަރެންގެ މީހުން ކަލޭ ނެގިއިރު ކަލޭ ގޮވަމުން ދިޔައީ ފައިލަސޫފަކަށެވެ. އަދި ހުސްނުވާ ރާ ލިބޭ ކަމަށް ބުނާ ރުއްދަނޑަކަށް އެދިގޮވަމުން ދިޔަ ކަމަށް ބުނެވެ އެވެ."

އަތްގަނޑުލީ އަދަރާދަގޮނޑިއަކަށް ލެނގިލައިގެން އޮތް މި މީހާ މި ވާހަކައެއް ދައްކަމުން ގެންދިޔައިރު އޭނާ ދައްކަމުން ދިޔަ ވާހަކަ އަށް ވުރެ ބޮޑަށް އިސްމާއީލުފުތުގެ ސަމާލުކަން ގެއްލިފައި ހުރީ ގޮނޑީގައި އޮތް މީހާގެ ސިފަ އަށެވެ.

އެއީ ފައިލަސޫފި އެވެ. ކޮންމެ ރެއަކު ހުވަފެނުގައި އޭނާއާ ބައްދަލުކޮށް ބުއްދިވެރި ވާހަކަ ކިޔައިދޭ މީހާ އެ އޮތީ އިސްމާއީލުގެ ކުރިމަތީގައި ހުރި އަދަރާދަގޮނޑީގަ އެވެ.

"އަހަރެމެން އެންމެފަހުން ބައްދަލުވީ އެވެ. މި ޗޭނުތަކުން އަހަރެން ސަލާމަތްކުރާށެވެ،"

ހިރިގަލުގެ ގަނޑުވަރަށް ހާޒިރުކޮށް ހަތަރެސްފައިގައި ޖަހާފައި ހުރި ޗެންޗޭނުމަތިން ހަނދާން ނެތި އިސްމާއީލު ބޭއިހްތިޔާރުގައި ކުރިއަށް ހިނގައިގަތުމުން ވެއްޓިއްޖެ އެވެ. އެވަގުތު ފުންމައިގެން އައި މީހަކު އުރައިން ދަމާލި ކަނޑިއަކުން ޖަހައި އިސްމާއީލުފުތުގެ ބޯ ބުރިކޮށްނުލީ ހަމަ ކިރިޔާ އެވެ.

ބޮޑު ގޮނޑިކޮޅުގައި އިން މީހާގެ އަމުރަށް ކަނޑި އުރައަށް ލައިގެން ފާރަވެރިޔާ ފަހަތަށް ޖެހިގަތެވެ. އޭރު އިސްމާއީލުފުތު އޮތީ ގޮނޑީގައި އިން ވެރިމީހާގެ ދެފައިގައި ބީހޭހާ ގާތަށް ދެ ކަކޫ މައްޗަށް ތިރިވެގެންނެވެ. ގޮނޑީގައި އިން މީހާގެ މޫނު ރަނގަޅަށް ފެނިލީ ލެނގިލައިގެން އޮވެފައި ބުރަކަށި ތެދުކޮށް އިސްމާއީލުފުތާ ދިމާލަށް އޭނާގެ މޫނު ގުދުކޮށްލުމުންނެވެ.

"ތިޔައީ ހަމަ އަސްލަށް ވެސް އަހަރެންގެ ފައިލަސޫފެވެ. އަހަންނަށް މި ދައްކަވަނީ ކޮން ފަދަ ބޮޑު އަނިޔާވެރިކަމެއްތޯ އެވެ؟،"

ގޮނޑީގައި އިން މީހާގެ މޫނު ރަނގަޅަށް ފެނުމުން އިސްމާއީލުގެ ހިތަށް ވެރިވީ އުފާވެރިކަމެކެވެ. ނަމަވެސް އެ މީހާ އެހުރި އަދިވެސް އިސްމާއީލުފުތުގެ ފަރާތުން ޖަވާބުތަކެއް ހޯދަން ކެތްމަދުވެ އޭނާ އަށް ކޮންމެ ފަދަ އަނިޔާއެއް ވެސް ކުރަން މޫނުކުނިކޮށްލައިގެންނެވެ.

ރަނާއި ޖަވާހިރަށް ވުރެ އަޑު ބޮޑު ކަމަށް ބުނެވޭ ރާރުއްތަކުގެ ވާހަކަ އޭނާ އަށް ވެސް އަޑުއިވިފައި އޮތީމަ އެވެ.

"ކަލެއަށް ރާރުއްތަކުގެ ޚަބަރު ދިނީ ކާކު ހެއްޔެވެ؟،" އެމީހާ އެއްސެވެ.

"އެ ރާރުއްތައް އުތުރު ބިތުގައި ވާ ކަމުގެ ޚަބަރު ދިނީ ކާކު ހެއްޔެވެ؟،" ހައިރާންވެ އިސްމާއީލަށް އަނގައިން ބަހެއް ބުނެނުލެވޭ ވަރުވެފައި އިނުމުން އަނެއްކާވެސް ސުވާލުކުރީ އެމީހާ އެވެ.

"އެއީ ތިބާ އެވެ. އަޅުގަނޑުގެ ފައިލަސޫފެވެ.،"

އެހެންޏާ ފަހެ ކުރިމަތީގައި އެ ހުރި އަދަރާދަގޮނޑީގައި އިން މީހާ އާއި ހުވަފެނުގައި ބައްދަލުވި މީހާގެ ތަފާތެއް ބުނެދޭކަށް އިސްމާއީލުފުތަކަށް ނޭނގެ އެވެ.

"އެއީ ތިބާ އެވެ،" އަނެއްކާވެސް ބުނެލެވުނީ ހަމަ މިހެންނެވެ.

އެވަގުތު ގޮނޑިން ފުންމައިގެން އައިސް އިސްމާއީލުފުތުގެ ލަފުގައި ހިފައި އެ މީހާ އޭނާ ހޫރުވާލައިފި އެވެ. އެއަށް ފަހު އޭނާ ހުށަހެޅީ ތިން އިހްތިޔާރެކެވެ.

އެއްގޮތަކީ އެބައިމީހުންގެ ކަނޑުގެ ސަރަހައްދުން ހޮވައިގެން ގެނެވޭ ގޮތް ނޭނގޭ މީހާ އަށް މީހާ އަށް އިއްވާ ނިޔާ އިސްމާއީލުފުތަށް ވެސް އިއްވުމެވެ. އަނެއް ގޮތަކީ އިސްމާއީލުގެ ކިބައިން ބަދަލުހިފުމަށް ކެތްމަދުވެފައިވާ ސައުދާގަރާ އޭނާ ހަވާލުކުރުމެވެ.

ކަނޑުން ހޮވައިގެން ގެނެވޭ މީހާ އަށް އިއްވޭ ނިޔާ އަކީ އޭނާގެ ބޯ ބުރިކޮށްލުމެވެ. ކެހިދިން ސައުދާގަރުގެ އަތް ދަށުވިޔަސް އިސްމާއީލުގެ ބޯ ކަނޑާލާނީ އެވެ. އެހެންވީމަ ތިން ވަނަ ގޮތަކީ ކޮބައިތޯ ބެލުމަށް އޭނާ ޝައުގުވެރިނުވާންވީ ސަބަބެއް ނެތެވެ.

"އެގޮތަކީ ތިޔަ ބުނާ ހަޒާނާއެއް ފޮރުވިފައިވާ ރަށަކަށް އަހަރެންނާއި އަހަރެންގެ މީހުން ގެންގޮސް ދިނުމެވެ."

އެހެންވީމަ އެއީ ހުވަފެނުގައި އޭނާ އަށް މަގު ދެއްކި ބުއްދިވެރިޔާއެއް ނޫނެވެ. އަދި އިސްމާއީލަށް އާދެވިގެން މި އުޅެނީ ޖަވާހިރާއި ރަނަށް ވުރެ އަގުބޮޑު ކަމަށް ބުނެވޭ ރާ ރުއްތަކުގެ ބިމަކަށް ވެސް ނޫނެވެ.

ރާރުކުގެ ސުވަރުގެ އަކީ މަލިކެއް ވެސް ނޫންތާ އެވެ. މަލިކަކީ ކަނޑުފޭރޭ މީހުންގެ ސުވަރުގެއެކެވެ. އެ ރަށުގެ މާ ކެއުޅުންނާއި ކުޅަދާނަ ނިއަމިންނާއި މަޝްހޫރު މާވަޑިން ތަބާވަނީ އެ ރަށް ހިސޯރުކޮށް އަމިއްލަ ކޮށްގެން އުޅޭ ކަނޑުފޭރޭ މީހުންގެ ބައިގަނޑަށެވެ.

އެމީހުންގެ ވެރިޔަކަށް ހުރީ މުހައްމަދު ބިބީއޭ ކިޔުނު މީހެކެވެ. އެއީ ހިރިގަލުގެ ގަނޑުވަރުގައި އަދަރާދަގޮނޑިއަށް ދެމިފައި އޮތް މީހާ އެވެ.

މިއީ ތުރާކުނާއި މަލިކާ ދެމެދު ދަތުރުކުރާ މަސްދޯނިތަކާއި ނާލުބައްތެލިފަހަރާއި ބަނޑުއޮނޑިފަހަރުތަކުން ފޭރޭ މީހުންނެވެ.

މި ބައި މީހުންގެ އިންޒާރު ފައިލަސޫފި ކުރިން ނުދިނީ ކީއްވެގެން ހެއްޔެވެ؟ ފަހަރެއްގައި މުހައްމަދު ބިބީގެ ސިފާގައި ފައިލަސޫފި ހުވަފެނުގައި އިސްމާއީލުފުތުއާ ބައްދަލުކުރުމަކީ އެންމެ ފުރަތަމަ ވެސް ނުބައި ފާލެކެވެ. މި މުހައްމަދު ބިބީއެއްގެ މުސީބާތެއް ލައިގަންނާނޭ ކަމަށް ބުނެ ދިން އިންޒާރަކީ އެއީ ކަމަށް ވެދާނެ އެވެ.

ނުވަތަ ހުސްނުވާ ރާ ލިބޭ ރުއްދަނޑަށް ވާސިލުވުމަށް އިސްމާއީލުފުތު ވާން ޖެހޭ އަނެއް ގުރުބާނީގެ މަންޒިލަކީ މިއީ އެވެ. މިއީ އުތުރު ބިތުގެ އެންމެ މަޝްހޫރު ނިއަމިންނާއި މާވަޑިން ތިބި ރަށެވެ. އަނެއްކޮޅުން އެންމެ ބޮޑެތި އަދި އެންމެ ދުވެލި ބާރު ބަނޑުއޮޑިފަހަރުތައް ވެސް ވީ މި ރަށުގެ އައްސޭރީގަ އެވެ.

އެހެންވީމަ މުހައްމަދު ބިބީގެ ސިފާގައި ފައިލަސޫފި ފެނުން ހަމައެކަނި ބަދުނަސީބަކަށް ނިންމޭކަށް ވެސް ނެތެވެ.

ޖަވާހިރާއި ރަނަށް ވުރެ އަގުބޮޑު ކަމަށް ބުނެވޭ ހަޒާނާގެ ބިމަށް ދިއުމުގެ ދަތުރު އަދިވެސް ކުރިއަށް އޮތީ އެވެ. އަތުގައި އޮޑިއެއް ނެތެވެ. އަދި އިސްމާއީލަށް ތަބާވާނެ ފަޅުވެރިއަކު ވެސް ނެތެވެ. ރާވެރިބެއެއްގެ ދަރިއެކެވެ. މީހުން ބުނަނީ އަޖާއިބުން ފުރިގެންވާ އެ ރަށާއި ރާރުއްތައް ނުފެންނަނީސް ރާވެރިއެއްގެ އަގު އަދި ރާވެރި އާއިލާއެއްގެ އަގު ނާޅިއަކަށް ވެސް ނާރާނެ ކަމަށެވެ.

އެހެންވީމަ މުހައްމަދު ބިބީގެ ހުށަހެޅުން ގަބޫލުކޮށް އޭނާގެ ފަޅުވެރިންނާ އެކު ރަލުގެ ސުވަރުގެ ހޯދަން ނުކުތުން ނޫން އެހެން އިހްތިޔާރެއް ގަބޫލުކުރެވޭކަށް ނެތެވެ. އަނެއްކޮޅުން ލަޝްކަރެއް އެއްކޮށް ތުރާކުނުން ފުރައިގެން އަންނަ ސައުދާގަރުގެ އަތްދަށުވާކަށް ވެސް އިސްމާއީލު ބޭނުމެއް ނުވެ އެވެ.

އޭނާ އެހެރަ އަންނަނީ ހުސްނުވާ ރަލޭ ކިޔާފައި އިސްމާއީލުފުތު ވިއްކި ރާރުއްދަނޑު އެއްކޮށް ކޮށައި މަށައި ނައުގެ ލަޝްކަރު ވެސް ބޮޑުކޮށްލައިގެންނެވެ.

އޭނާގެ ކިބައިން ސަލާމަތްވުމަށާއި އަމިއްލަ ފުރާނަ ސަލާމަތްކުރުމަށް މުހައްމަދު ބިބީ، އިސްމާއީލުފުތަށް ދިނީ ހަތް ދުވަހުގެ މުހުލަތެކެވެ. ކުރިއަށް އޮތް ހަތް ދުވަސް ނިމޭ އިރަށް ސައުދާގަރު ކަލޭފާނާއި އޭނާގެ ލަޝްކަރު މަލިކުގެ އެތެރެވަރިއަށް ވަންނާނޭ ކަމަށް ބުނެވެ އެވެ.

އެހެންވީމަ އިސްމާއީލުފުތުގެ ފުރާނަ އަށް ހަދާނޭ ގޮތެއް ނިންމުމަށް މުހުލަތު ޖަހައި މުހައްމަދު ބިބީގެ ފާރަވެރިން އޭނާ ރަށު ތެރެއަށް ދޫކޮށްލީ އެވެ.

އެރޭ މެންދަންވިއިރު ވެސް އިސްމާއީލުފުތު އޮތީ ދެ ލޯ ބޮޑުކޮށްލައިގެން ފިކުރުބޮޑުވެފަ އެވެ. އޮށޯވެލައިގެން އޮތީ އަތިރިމަތީގައި ހަދާފައި ހުރި އައްޓެއްގަ އެވެ. މިހެން އޮތްވައި ނިދުނުއިރެއް ނޭނގެ އެވެ.

ދެން އޭނާ އަށް ގޮވާލީ ކާކުކަން ދެނެގަންނަން އެނގޭ ވަރަށް ވުރެން ބީރައްޓެހި އަޑެކެވެ. އެމީހާ ބުނެތެވެ.

"ތިބާ އިހްތިޔާރުކުރެވިއްޖެތެވެ. މިހައި ހިސާބުން ތިބާގެ ދަތުރުގެ ބައިވެރިޔަކީ އަލިމަނިކުފާނެވެ."

"އަލިމަނިކުފާނަކީ ކާކު ހެއްޔެވެ؟" އިސްމާއީލުފުތަށް އަހާލެވުނީ މިހެންނެވެ. (ނުނިމޭ)