ވާހަކަ

ބޭނުންވަނީ ޔާރާ

(17 ޑިސެމްބަރ 2018 އާ ގުޅޭ)

އެ ސިޓީއުރަ ތަކުގައި ހިތްގައިމު ވަހެއްހުރެއެވެ. ހީވާ ގޮތުން އެއީ އަންހެން ސެންޓެއްގެ ވަހެވެ. އަދި އެ ސިޓީ އުރަތައް ހުޅުވާލުމުން ވަކިން ވަސްގަދަހެން ހީވެއެވެ. އެވަސް ދާއިންއަށް ކަމުދިޔައެއް ކަމަކު އެގޮތްނޭގޭ ސިޓީއެއް އޭނައަކަށް ކަމަކު ނުދިޔައެވެ. އޭނަ ސިއްސައިގެން ދިޔައީ ލިފްޓު ހުއްޓުނު އަޑަށެވެ. އެއާއެކު އަތުގައި އޮތް ސިޓީއުރަ ކޮނޑުގައި އަޅުވާލެވިފައި އޮތް ލެޕްޓޮޕް ދަބަހުގެ ތެރެއަށް ކޮއްޕާލަމުން ޒިބުއަޅުވާލިއެވެ. އަދި ފަޓުލޫނު ޖީބުގައި އޮތް ރުމާލުން އަތްފޮހެމުން އައިސް އޭނަ އުޅޭ އެޕާރޓްމަންޓަށް ވަދެއްޖެއެވެ.

ހެވިފައި ހުރި ޒާރާ ފެނުމާއެކު މިއަދުވެސް ދާއިންގެ ބޮލުގައި ނުބައިގޮތަކަށް ރިއްސާލިއެވެ. ޒާރާ ކިތަންމެ ހެވިފައި ވާހަކަ ދެއްކިއެއްކަމަކު އޭނަވެސް ދާއިންއަށް މިފަދަ ކަމެއް ކޮއްފާނެ ކަމަށް ޝައްކުކުރެއެވެ. ޒާރާގެ ލާނެތްކަން ދާއިންއަށް އެނގެއެވެ.

"ޔަގީން ޒާރާ އަހަރެން ހައްދަނީކަން، މިވާނީ އޭނަގެ ކަމަކަށް.......ސިޓީ އުރައަށްވެސް މިހުންނަނީ އޭނަ ގެންގުޅޭ ތަނުން ސެންޓެއް ޖަހާފަ، އެކަމަކު މީ އާ ވަހެއް، މަށަށް އޮޅުވާލަންވެގެން އާ ސެންޓެއް ބޭނުން ކުރަނީ ކަންނޭގެ.........ބަސްތައްވެސް ހާދަ ފަށުވިއޭ، ޒާރާ ހަމަ މިހާ މޮޅުތައް ބަސްތައް އަތުރާލަން، ހުރެބަލަ ނުބުނަން، މި ސިޓީގެ ސިއްރު އަހަރެން ހޯދާނަން........." ދާއިން ހިތާހިތާ ވާހަކަ ދައްކަމުން ދިޔައެވެ.

"ހާދަ ހެވިފަ......." ޒާރާ ސޯފާ އާއި ދުރަށް ޖެހިލަމުން ބުނެލިއެވެ. އެހެންނަމަވެސް ދާއިން ހިނިތުންވުމަކުން ފުއްދާލަމުން ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.

"ދާން......ހިނގާބަލަ އަހަރެން ގޮވައިގެން" ޒާރާ ދާއިންގެ ފަހަތުން ދަމުން ބުނެލިއެވެ.

"ކޮންތާކަށް........މިގަޑީގަތަ" ދާއިން ވަރުބަލިވެފަ ހުރި ރާގެއްގައި އަހާލިއެވެ.

"ޝޮޕިންއަކަށް، ކުޑަ ޝޮޕިންއަކަށް، މިހާރަކު ނޫނޭ، މިރޭ ދާނީ" ޒާރާ އުނަގަނޑުގައި އަތްއަޅުވާލަމުން ބުނެލިއެވެ. ދާއިން ހޫ ލައްވާލަމުން ލެޕްޓޮޕް ދަބަސްނަގާ އެނދުމަތީ ބާއްވާލިއެވެ.

"އަދި ހަނދާންނެތިފައޭ މިހުންނަނީ، ދާން، ނިއު އިޔާގަ މަންމަމެން ކައިރިއަށް ދާނަންތަ؟ މަންމަ ގުޅި ތަންކޮޅެއް ކުރިން، ވަރަށް ވާހަކަ ދެއްކި......." ޒާރާ ހަނދާންވުމާއިއެކު ބުނެލިއެވެ.

"އައިމް ސޯ ޓަޔަޑް، ފެންވަރައިގެން ނުކުމެ ތިކަމާ ވާހަކަ ދައްކާނީ ދޯ، ޕްލީޒް" ފެންވަރަން ފާހާނާއަށް ވަންނަން ތައްޔާރުވަމުން ދިޔަ ދާއިން ބުނެލިއެވެ.

* * * * *

އެނދުމައްޗަށް އަތުގައި ހުރި ހަދިޔާތައް އަޅާލުމާއިއެކު މަންހާ އަވަސްވެގަތީ ޔުނީފޯމް ބަދަލުކުރުމަށެވެ. މިއަދަކީ ރިޕޯޓް ފޮތް ހަވާލުކުރި ދުވަހެކެވެ. މުޅި އަހަރުގެ ނަތީޖާއަށް ބެލުމާއިއެކު މަންހާއަށް ގިނަ ވަނަތަކެއް ވަނީ ލިބިފައެވެ. ކުލާސް ފެންވަރުގަ އާއި ސްކޫލު ފެންވަރުގައެވެ. އެހެން ދަރުވަރުންނަށް ނަމޫނާއެއްގެގޮތުގައި ހޮވާލެވުނު ކުދިންތެރޭ މަންހާވެސް ހިމެނުނެއެވެ. ނުވަވަނަ ކުލާސް ނިމި ދިހަވަނަ ކުލާހަށް މަންހާ ދިއުންވީ އޭނަ ވަކިން ބޮޑަށް އުފާވިކަމެވެ. ކިޔެވުމުގެ ދައުރުގެ ތެރެއިން އަނެއްކާވެސް އެއްއަހަރު، އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަކޮށް ނިންމާލެވުނު ސަބަބަށްޓަކައެވެ. އަނެއްކޮޅުން މަންހާގެ ކޮންމެ ދުވަހެއްވަނީ، އޭނަގެ ހިޔާލުތަކުގައި އެމީހަކާއި އެކު މުސްތަޤްބަލުގެ ޕްލޭންތައް ރާވަމުން ދިޔަ އޭނަގެ ހިތާއި އެހިތުގެ ހިތްހަމަޖެހުމާ ކައިރިއަށް އެޅޭ ފިޔަވަޅެއްހެންނެވެ. އޭނަގެ މުސްތަޤުބަލުގެ ހުރިހާ ޕްލޭނެއްވެސް ގުޅިފައިވަނީ ދާއިން އާއިއެވެ.

މިފަހަރުވެސް ވަސީމާގެ ދެލޮލުން ކަރުނައައީ އޭނަގެ ދަރިފުޅު ގެނައި މަތީ ފާސް ފެނުމުންނެވެ. އެދަރިފުޅުގެ މޮޅުކަމާއި، ކިޔަމަންތެރިކަމާއި އަޙްލާގު ރަނގަޅުކަން އެހިތަށް އެރުމުންނެވެ. ސޯފާގައި ވަސީމާގެ ގާތުގައި އިން ސަޢީދުވެސް ވަސީމާގެ ކޮނޑުގައި ފިރުމާލީ އުފަލުންގޮސް ފެންކަޅިވެފައިވާ ހާލުގައެވެ.

"މަންހާ ފަދަ ދަރިއަކު އަހަރުމެންނަށް ދެއްވިކަމަށްޓަކާ އާލަމްތަކުގެ ވެރި ﷲއަށް ޝުކުރުކުރަން، މަންހާ އޭނަގެ ބޭބެމެންނަށްވުރެސް ވިސްނުން ތޫނުވެފައި ހިތްއަލި، އަނެއްކާ އަހަރުމެން ކޮންމެ އެއްޗެއް ބުންޏަސް އެމަންޖެ ގަބޫލު ކުރޭ، ދުވަހަކުވެސް އަހަރުމެންގެ ކުރިމަތީ ބާރަށް ބަހެއް ނުބުނޭ، އަހަރެން ހިތަށް އަރާ އެދަރިފުޅަށް މިއަދު ދޭނީ ކޮންހަދިޔާއެއް ބާއޭ.......ސަޢީދު، އަހަރެން ބޭނުން މަންހާއަށް ވަރަށް އަގުހުރި ހަދިޔާއެއް ދޭން" ވަސީމާ ސަޢީދުގެ އަތްތިލާގައި ހިފަހައްޓާލަމުން ބުނެލިއެވެ.

"އާ....އާ.......އަހަރެންވެސް ބޭނުން އެމަންޖެއަށް ކޮންމެވެސް އެއްޗެއް ދޭން، ވަސީ އަހަންވީނު އެމަންޖެ ގާތު އެންމެ ބޭނުމީ ކޯޗެއްތޯ؟" ސަޢީދު ބުނެލިއެވެ.

މަންހާ ޔުނީފޯމް ބަދަލުކޮއްލުމާއިއެކު އަވަސްވެގަތީ ސައިބޯން ދިއުމަށެވެ. ސިޑިން ފައިބަ ފައިބާ ހުރި މަންހާއަށް އަރައިގެން އަންނަ ވަސީމާ ފެނުމުން މަޑުޖެހެވުނެވެ. ވަސީމާ ހިނިތުންވުމާއިއެކު މަންހާއަށް ގޮވާލާފައި އޭނަ މަންހާ އާއި ކުޑަ ވާހަކައެއް ދައްކާލަން ބޭނުންވާ ކަމުގައި ބުންޏެވެ. ހަމަ އެފަދައިން މަންހާވެސް ހުރީ އޭނަގެ މަންމަ ގާތުން ކަމަކަށް އެދެން ބޭނުންވެފައެވެ.

ހެނދުނުގެ ސައިބުއިމަށް ކާމޭޒުކައިރީ މަންހާ އިށީނުމާއިއެކު ވަސީމާ މަންހާގެ ތައްޓަށް ރޮށި ލާދިނެވެ. އަދި އައިސް އަލަމާރިން ނެގި ފުޅިއަކުން މަންހާގެ ފޭވަރިޓް ޓިގާރ ތައްޓަށް ޖޫސްއަޅާ ދިނެވެ. މަންހާގެ ބުރަކަށީގައި ފިރުމާލަމުން ރަނގަޅަށް ކައްޗޭ ބުނެލިއެވެ. ވަސީމާގެ އޯގާތެރިކަން މިއަދު އެހެންދުވަސް ދުވަހަށްވުރެ ވަކިން ބޮޑަށް މަންހާއަށް އިޙްސާސްވިއެވެ. އެފަދަ މަންމައަކު ލިބޭނީ ޔަގީނުންވެސް ނަސީބުގަދަ ދަރިއަކަށެވެ. އެކަމާ މަންހާ ހިތުގެ އަޑިން އުފާކުރިއެވެ. މަންހާ ދެކޭގޮތުގައި އޭނަގެ މައިންބަފައިންނަކީ މިދުނިޔެމަތީވެސް އޭނައަށް ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. އެންމެ ބޮޑު ނަސީބެވެ. އެދެމީހުންހާ އޯގާތެރި ރަނގަޅު މަންމަ އަކާއި ބައްޕައެއް މަންހާ ނުދެކެއެވެ. އެމީހުންނީ މިސާލު ޖަހާލެވޭނޭފަދަ ހިތްހެޔޮ ރިވެތި އަޙްލާގެއްގެ ބައެކެވެ.

"ދަރިފުޅު ރިޕޯރޓު ގެންނަ ދުވަހަކީ މިހާތަނަށް މަންމަ އާއި ބައްޕައަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފާ ހާސިލްވާ ދުވަސް، ވަރަށް އުފާވޭ ދަރިފުޅު ބަސްއަހާ މޮޅުކުއްޖަކަށް ވީމަ، މަންމަ އާއި ބައްޕަ ވަރަށް ފަހުރުވެރިވޭ ދަރިފުޅާއި މެދު........" ސަޢީދުވެސް އިނީ މަންހާ އާއިއެކު ސައިބޯން ކާމޭޒުކައިރީއެވެ. އެހެން ދުވަސްދުވަހަށްވުރެ ކުރިން އޮފީހުގައި ކުރަންހުރި މުހިއްމު މަސައްކަތްތައް ބަހައްޓާފަ އޭނަ ގެއަށް އައީ ދަރިފުޅު މަންހާ ގޮވައިގެން މިއަދު ސްކޫލުން ގެއަށް އަންނަމީހަކީ އޭނަ ކަމުގައި ވުމަށެވެ. އެދަރިފުޅު ދެކެ ދޮއްޓަށް ތިބޭ ދެކުދިންނަށްވުރެވެސް ސަޢީދު ލޯބިވެއެވެ. އެހެންނަމަވެސް އެކަން އޭނަ އެއްގޮތަކަށްވެސް ނުދައްކައެވެ. ހުރިހާ ކުދިންނަށް ހަމަހަމަކޮށް ކަންތައްތައް ކޮށްދެމުން އޭނަ އައީ އެއްވެސް ކުއްޖަކަށް ޝަކުވާ ކުރުމުގެ ފުރުޞަތު ނުދިނުމަށެވެ. ތިން ދަރިންގެ މެދުގައިވެސް އެއްކުއްޖެއް އަނެއްކުއްޖަކަށްޓަކައި އެހިތްތަކުގައި ދާއިމީ ލޯތްބާ ގަދަރު ދެމެހެއްޓުމަށްޓަކައެވެ.

"އަހަންނަށް އޭރުވެސް އެނގޭ މަންހާ އަހަރުމެން މިކޮއްދޭ މަސައްކަތުގެ އަނގުވަޒަންކުރާ ކުއްޖަކަށްވާނެކަން.........." ވަސީމާގެ ޖުމްލަ ނުނިމެނިސް އޭނަގެ މޫނުމައްޗަށް އިތުރު އުފާވެރިކަން ލިބުނީ ދޮރުން ވަދެގެން އައި ޝިމާދު ފެނުމުންނެވެ.

"ސަޕްރައިޒް.......ސަޕްރައިޒް......" އަނގައިގާ ވާހުރިހާ ދަތްތަކެއް ފެންނަވަރަށް ހެވިފައި އައި ޝިމާދު ހުއްޓުނީ މަންހާގެ ގާތުގައެވެ. އޭނަގެ އަތުގައި އޮތީ ޕާޕަލް ކުލައިން ވަރަށް ރީތިކޮށް ބަންދުކުރެވިފައިވާ ބޮޑު ޕާރުސަލްއެކެވެ.

"ވާއު........މަންކޮއަށްތަ...........ވާއު.........." މަންހާއަށް ޝިމާދު ދިއްކޮލި ޕާރުސަލް ބޮޑުކަމުން ބުނެލެވުނެވެ.

"ހޫމް.......މޮޅަށް ކިޔަވާ ކުދިންނަށޭ ހަދިޔާ ލިބެނީ......މީ ދޮންބެގެ ހަދިޔާ" ޝިމާދު މަންހާގެ އަތަށް ފާރުސަލް ދެމުން ކާމޭޒުކައިރީ އޭނަ އަބަދުވެސް އިންނަ ތަނުގައި އިށީނުމަށް ގޮނޑިދަމާލިއެވެ.

"ދޮންބެއަށް ކިހިނެތް އެނގުނީ މަންކޮއަށް ވަނަ ލިބުނުކަމެއް؟" މަންހާ ހައިރާން ވެފައި އަހާލިއެވެ. އަދި އަތުގައި އޮތް ފާރުސަލް ތިރީގައި ބެހެއްޓީ އޭތި ބޮޑުކަމުން އޭނައަށް އޭގައި ހިފަން އުނދަގޫވީމައެވެ.

"ދޮންބެއަށް ހަންރެޑް ފަސަންޓު ޔަގީންކަން އޮވެޔޭ މަންކޮ އަބަދުވެސް ވަނައެއް ގެންނާނެކަން، އެހެންވެ ކުރީބައިގަ މިއައީ ގިފްޓުވެސް ހިފައިގެން، އަވަހަށް ބަލާބަލަ ކަމުދޭތޯ" ޝިމާދު ބުނެލިއެވެ.

"އާ މިހާރު މިގޭގެ އެންމެ މޮޅު ކުއްޖާއަށް ދަރިފުޅަށް ވެވުނީ، ކުރީގަ އެންމެ މޮޅު، މިނަން އޮންނަނީ ދޮންބެއަތުގަ......" ވަސީމާ ޝިމާދުއަށް ރޮށިތަށި ތައްޔާރުކޮއްދޭން އަވަސްވެގަންނަމުން ބުނެލިއެވެ.

"ހެ ހެ ހެ ހެ، މަންމާ އަޅުގަނޑު ގަދަ ދޯ އެހެންވީމަ، ގްރޭޑް ޓެންއަށް ގޮއްސަވެސް ހަމަ އެއްވަނަ ގެންނާނަން.......ދޮންބެއާ ތިއްތޭއަށްވުރެ މޮޅުވާނަން.........." މަންހާ ހެމުން އެހެން ބުނެލީ އޭނައަށް މައިންބަފައިންގެ ކުރިމަތީ ލިބުނު ކުރިއެރުމުންނެވެ.

"ދަރިފުޅާ އިރާދަކުރެއްވިއްޔާ އޭ ބުނޭ......ބައްޕަގެ އުއްމީދަކީވެސް ދަރިފުޅު ވަރަށް މޮޅު ކުއްޖަކަށްވުން" ސަޢީދު މަންހާގެ އެޖުއްލައަށް އިތުރު ކޮއްލިއެވެ.

"އޯ މައި ގޯޑް...........އޯ ގޯޑް..........ވާއު.........ވާއު....އޯ ދޮންބޭ ޔޫއަރ ދިބެސްޓު ބްރަދާރ އެވަރ" ގޮނޑިންތެދުވެ ފާރުސަލް ކަނޑަން ފެށި މަންހާ ކުއްލިއަކަށް ތެޅެންފެށިގޮތުން ހީވީ ފަޔަށް ދިރޭ ސޫތްޕެއް އަރާތީ އުޅެންފެށިހެންނެވެ. އެކަމަކު އެއީ އުފަލުންގޮހެވެ. އޭނައަށް ލިބުނު ހަދީޔާ ފެނުމުންނެވެ.

"ކަމުގޮއްސި ދޯ........ތި ނިމުނީ ކަމުދިޔައީމަ" ޝިމާދު ރޮށިތައްޓަށް އުލާ ސަމްސާ ލަމުންބުނެލިއެވެ.

"ދިސް އިސް އޯސަމް...........ތެންކިޔު، ތެންކިޔު، ތެންކިޔު ސޯ މަޗް" މަންހާ އުޅޭ ގޮތް ބަލަން އެންމެންވެސް ހިނިއައިސްފައި ތިއްބެވެ. މަންހާއަށް ޝިމާދު ގެނެސްދިނީ ބޮޑު ބެޔާރއެކެވެ. މަންހާގެ އުނަގަނޑާއި ހަމައަށް އަރާވަރުގެ ބޮޑު އެއްޗެއްކެވެ. މަންހާގެ ދެއަތުން އޭގައި ހިފަހައްޓާލީމަވެސް އޭގެ ވަށަމިން ޖަހާނުލެވެއެވެ.

"ދެން އާދޭ އަވަހަށް ރޮށިކޮޅުތައް ފޯނުވަނިސް ކާން" ވަސީމާ ބުނެލިއެވެ.

"ދޮންބެ ތިއްތޭ ކައިރީ ބުނެއްދެއްޗޭ ނިއު އިޔަރ ބަންދުގަ މާލެ އަންނައްޗޭ.......ހާދަ ފޫހިވެޔޭ ތިއްތޭނެތީމަ، ތިއްތޭ ހުރިނަމަ މިއަށްވުރެ ބޮޑު ބެއަރ އެއް ގެންނާނެ، ދޮންބެއާއި ޗެލެންޖު ކުރަންވެގެން.........ހެ ހެ ހެ ހެ" މަންހާގެ އުފާވެރިކަން ފެނިފައި އެންމެންގެ ހިތްތަކުގައި އެކުއްޖާއަށްޓަކައި ލޯތްބާ އުފެދުނު ކުލުނު ގަދަވެގެންދިޔައެވެ. އެގޮތުގައި އެ އުފާވެރިކަންމަތީ މަންހާ ހުރުމަށްއެދި އެންމެނަށް ހިތާ ހިތުން ދުޢާކޮއްލެވުނެވެ.

"އައްދޭ، އަދި މަންމަ އާއި ބައްޕަގެ ހަދިޔާވެސް އޮތީއެއްނު، ދަރިފުޅު ނިކަން ބުނެބަލަ ބޭނުން އެއްޗެއް" ވަސީމާ އަހާލިއެވެ.

"މަންމަ އާއި ބައްޕައަށް ފެންނަ އެއްޗެއް ދެއްވީމަ އަޅުގަނޑަށް އޯކޭ" މަންހާ އިރުކޮޅަކު ވިސްނަން އިނދެލާފަބުނެލިއެވެ.

ވަސީމާ އާއިއެކު ނަމާދުން ފޭބި މަންހާ ވާހަކައެއް ބުނަން އުޅޭހެން ހީވެގެން އަހާލިއެވެ. މަންހާ ވަރަށް ވިސްނާލާފައި އޭނަ ސްކުލޫން އައިސްސުރެން އަހަން އަހަން ހުރި ސުވާލު އަހާލިއެވެ.

"ހޫމް.....މައްސަލައެއްނެތް، ދަރިފުޅު ކުލާސްކުދިންނާއިއެކު ބޭރަށް ދިޔަޔަސް އިރުއޮއްސުމުގެ ކުރިން އަންނަން ވާނެ" ވަސީމާ މުއްސަލަ އޮޅާލަމުން ތެދުވިއެވެ.

"އޯ މަންމާ ތެންކިޔޫ ސޯ މަޗް، ހަވީރު ފޯ ތާޓީ ކަން ހާއިރު އަންނާނެ އެކުދިން" މަންހާ ނަމާދު ދޮޅި ބާލާފައި ފަތްޖަހާލަމުން ބުނެލިއެވެ.

"މަންމަ ދަރިފުޅަށް ކުރާ އިތުބާރަކުން މި އެއްބަސްވީ، ދާން ކައިރިކޮއްލާފަ މަންމައަށް ހަނދާންކޮއްލަދީ، އޭރުން ލާރިއެއްދޭނަން ތިކުދިން ދާންވާއިރަށް" ވަސީމާ ހިނިތުންވެލަމުން ބުނެލިއެވެ.

* * * * *

ރޭގަނޑުގެ ހަމަހިމޭން ކަމުގެތެރޭ ލެޕްޓޮޕްގެ ތެރެއަށް ގެއްލިފައި އިން ދާއިން އޭނަގެ ދެލޮލުގައި އަތްހާކާލަމުން ހަށިގަނޑު ތެދުކޮއްލާ ޖޯޑުކޮއްލެވިފައިވާ އަތްތިލަ ފަހަތުން ކަނދުރާގައި އަޅުވާލަމުން އުޅާހަށްދެމިލިއެވެ. ރޭގަނޑުގެ އެއްދަން ހުސްވިއިރުވެސް އޭނަ އިނީ އޮފީހުގެ މިހާރު ހިނގަމުންދާ ޕްރޮޖެކްޓު ނިންމު މުގައެވެ. އޭނަކީ އިމާރާތްފަދަ ތަންތަން ފަރުމާކޮށް އަދި ގޭގެއާއި އޮފީސްތަކާއި ރިސޯޓްފަދަ ތަންތަނުގެ އިންޓީރިއާ ޑިޒައިންވެސް ކުރާ މޮޅު ހުނަރުވެރިއެކެވެ. ރޭގަނޑުގެ އެކެއް ދޭއް ޖަހަންދެން އެގޮތަށް ލެޕްޓޮޕްގެ ތެރެއަށް، އޭނަގެ މަސައްކަތުގެ ތެރެއަށް ގެއްލިފައިއިނުމަކީ އޭނަގެ އާދައެކެވެ. ހާއްޞަގޮތެއްގައި މިދުވަސްކޮޅު އެހާބުރަކޮށް މަސައްކަތް ކުރަންޖެހިފައިވަނީ އޭނަގެ ކޮމްޕެނީއަކީ މާލޭގެ މާކެޓުގައި ކިރިޔާ ފިރުކެން ފަށައިފައިވާ ކޮމްޕެނީއަކަށްވުމެވެ. އެކޮމްޕެނީ ބާރު ދުވެލީގައި ދުވަންފަށާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ބުރަކަށި ވާޅުވުމާއިއެކު ދެއަތްތިލާގެ އިނގިލިތައް މަހާލަމުން ދެފަރާތަކަށް އިނގިތައް ލަންބާލުމާއިއެކު ދެތިން ކަށިގޮވައިގެން ދިޔައެވެ. ދާއިން އިންތަނުން ތެދުވީ މިރެއަށް މަސައްކަތް ނިންމާލަން ވިސްނާފައެވެ. އެހެންވެ ލެޕްޓޮޕް ނިންވާލާފައި އެއަށް ގުޅާފައިވި ކޭބަލްތައް ނައްޓަމުން ދިޔައެވެ. ދާއިންގެ މޫނުމައްޗަށް ކުއްލި ހިނިތުންވުމެއް ގެނުވީ އޭނަގެ ލެޕްޓޮޕް ލާންގެންގުޅޭ ދަބަހުގެ ތެރޭގައި އޮތް މަޑު އޮރެންޖުކުލައިގެ ސިޓީއުރަ ފެނުނީމައެވެ. ދާއިން އެސިޓީއުރަ ނަގައިގެން ހިނގައިގަތީ ކޮޓަރީގެ ކަނަކަށްވާގޮތަށް އިން ދޮރާދިމާލަށެވެ.

ދާއިން ދޮރުހުޅުވާލުމާއިއެކު އެތެރެއަށް ޖެހިލިއެވެ. އެއީ ކޮޓަރިއެއްނޫނެވެ. އެއީ ދާއިންގެ އެކޮޓަރީގައި ހުންނަ އަލަމާރިއެވެ. އެއްފަރާތު ތިރީގައި ދާއިންގެ ބޫޓުތައް ހުރިއިރު އެތާމަތީގައިވަނީ އެކިކުލަ ކުލައިގެ ޓައީތަކެވެ. ގަމީސްވެސް ނެތްކުލައެއްނެތެވެ. ބައެއްކުލަތަކުން ތިންހަތަރު ގަމީސްވެސް ހުއްޓެވެ. އެތަނުގައި ހުރިހާ އެއްޗެއްވެސް ވަނީ ވަރަށް ތަރުތީބުކޮށެވެ. ދިގު އިސްކޮޅެއް ލިބިފައިވިޔަސް، ދާއިން ކުޑަކޮށް ކޮރާލަމުން މަތީގައި އެއްޗެއްހި ބަހައްޓަން ހަދާފައި ހުރި ފިލާމަތީގައި ތަންކޮޅެއް ބިއްދޮށުގައި އިން ކަރުދާސް ފޮށިގަނޑެއް ނެގިއެވެ. އެހިފައިގެން އޭނަ ނުކުތީ ކޮޓަރީގެ ތެރެއިން ނުކުމެވެން އިން ބެލްކަންޏެވެ. ހިމަފޮދު ވާރޭވެހޭކަންވެސް ދާއިންއަށް އިނގުނީ ދެނެވެ. އޭސީ ކުރެވި ބޭރަށް އަޑު ނުނިކުންނަގޮތަށް ހަދާފައިވާ އެކޮޓަރީގައި އޭނާ އިންއިރު އެތަނުން ބޭރުގައި ހިނގައި އެއްވެސް ކަމަކަށް އޭނަގެ ހިޔާލެއް ފިކުރެއްނެތެވެ.

ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިތަކާއިއެކު މަޑު ތެތްފިނިކަމެއް ފަޒާގައި ހަރުލާފައި ވިއެވެ. އެކަމުން ދާއިންގެ ހިތަށް ބުނެދޭންނޭގޭ ހަމަޖެހުމަކާއި ފިނިކަމެއް އިޙްސާސްކުރުވިއެވެ. ބެލްކަނީގައި އިން ލައްޕާލެވޭ ގޮނޑިމަތީ އަތުގައި އޮތް ފޮށިގަނޑު ބަހައްޓަމުން އުޑުމައްޗަށް ބަލާލިއެވެ. އުޑުމައްޗަށްވަނީ މަޑު ރަތްކުލައެއްވެރިވެފައެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭވެސް ވިލާގިނަކަން ފާހަގަކުރެވުނެވެ. އެންމެ ތަރިއެއްވެސް ފެންނަ ހިސާބުގައި ނެތެވެ. އަންނަން އުޅޭ ކޮޅިގަނޑު ގަދައީކަންނޭގެއެވެ. އެހެންވެ އެކަމާ ބިރުން އެންމެ ތަރިއެއްވެސް ފިޔަޖަހާލަން ނުކެރިފައި ފިލާތިބީއެވެ.

މާލެއަކީ ކިތަންމެ ދަންވިޔަސް ހަމަހިމޭން ވާނެ ތަނެއްނޫންކަން ދާއިންއަށް އިޙްސާސް ކުރެވުނީ ކޮޓަރިން ބޭރަށް ނުކުމެލީމައެވެ. އެއީ ދޭތެރެއަކުން ޒޫންކަނޑާފަ ދާ ސައިކަލުތަކުގެ އަޑު އިވެމުންދާތީއެވެ. ބެލްކަނީގައި ޖަހާފައިވާ ހޮޅީގައި ދެއަތުން ހިފަހައްޓާލައިގެން އިރުކޮޅެއްވަންދެން ދާއިން ހުއްޓެވެ. ވަށައިގެންވާ މާހައުލަށް އޭނަގެ ހިތާ ސިކުނޑި ދޫކޮއްލައިގެންނެވެ.

ހިމަ ފޮދުވާރޭތިކި ދާއިންގެ ހާމަވެފައިވާ ހަށިގަނޑުގައި ޖެހި ލަދުރަކި ކަމާއިއެކު ހިނދިގެން ދެއެވެ. އެހެންނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއްނެތް ދާއިން ގޮނޑީގައި އިށީނދެ އަތުގައި އޮތް ކަރުދާސް ފޮށީގެ މަތިނެގިއެވެ. ބެލްކަނީގައި ދިއްލާފައި ހުރި ބޮކިން އެޅިފައިވި ހުދު އަލީގައި ދާއިންއަށް އެފޮށީގައި ހުރި އެއްޗެއް ސާފުކޮށްފެނެއެވެ. އޭގައި ހުރީ ދާއިންގެ ކުރީގެ ހަނދާންތަކެވެ. ސްކޫލް ދުވަސްވަރު ނަގައިފައިވާ ފޮޓޯތަކާއި އެކިއެކި ކުދިންގެ ފަރާތުން އެކި މުނާސަބަތުތަކުގައި ލިބިފައިހުރި ކާޑުފަދަތަކެއްޗެއެވެ. އެހެންނަމަވެސް މިފަހަރު ދާއިންގެ ޝައުގުވެރިކަން އަތުލީ އެފޮށީގައި ހުރި މަޑު އޮރެންޖުކުލައިގައިވި ފިނިމެންމާ ޖެހި ސިޓީއުރަތަކެވެ.

ދާއިންގެ އަތުގައި އޮތް ސިޓީ އުރަ ކަނޑާލިއެވެ. އޭގައި ލިޔެފައިވި ޖުމްލަތަކަށް ނަޒަރު ހިންގާލިއެވެ. އެއީ އިނގިރޭސި ބަހުން ލިޔެފައިވާ ލޯބީގެ ސިޓީއެކެވެ. ދާއިންއަށް އެފަދަ ލޯބީގެ ސިޓީތައް ލިބިފައިވަނީ އޭނަ ޔުނިވާރސިޓީގައި އުޅުނު ދުވަސްވަރުއެވެ. ދާއިން ގޮނޑީގައި ހަމަޖެހިލަމުން އެސިޓީ ކިޔަންފެއްޓިއެވެ. މިނޫނީ ދާއިން އެސިޓީތަކެއް ނުކިޔައެވެ. އެއީ ކާކު ފޮނުވާ ސިޓީއެއްކަން ނޭގުމާއި އަދި އެސިޓީގެ ބަސްތަކަށް ދާއިން އަވަސް ނަޒަރެއް ދިނުމުން އެއީ ލޯބީގެ ސިޓީއެއްކަން އިނގުނު ދުވަހުން ފެށިގެން އެކިއުމުގެ ޝައުގުވެރިކަމެއް އޭނަގެ ނެތެވެ. އެހެންނަމަވެސް މިރޭ އޭނަގެ ހިތަށް އެސިޓީތައް ކިޔާލުމުގެ ހިޔާލުވަނީ ކީއްވެކަމެއް ނޭގެއެވެ.

(ނުނިމޭ)