މިއަދު ހެނދުނު އިންޑޮނީޝިއާގެ ސުރަބާޔާ އިން ފުރައިގެ ސިންގަޕޫރަށް ދަނިކޮށް ގެއްލިފައިވާ އެއާއޭޝިއާގެ ފްލައިޓް QZ8501 ގެ އެއްވެސް ނިޝާނެއް މިހާތަނަށް ވެފައި ނުވާ ކަމަށް އިންޑޮނީޝިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އެއާބަސް A320-200 މަރުކާގެ މި ބޯޓު ހޯދުމުގެ މަސައްކަތް މިއަދު ހުއްޓާލާފައި ވަނީ އިރު އޮއްސި އަނދިރިވުމާ އެކުގަ އެވެ. އޮފިޝަލުން ވިދާޅުވީ 162 މީހުންނާ އެކު ގެއްލިފައިވާ ބޯޓު ހޯދުުމުގެ މަސައްކަތް މާދަމާ އަލިވިލުމާ އެކު ފަށާނެ ކަމަށެވެ. ބޯޓު ފެނޭތޯ މަސައްކަތް ކުރަމުން ދަނީ އެއާ ޓްރެފިކް ކޮންޓްރޯލަށް ބޯޓު ގެއްލުނު އިރު ހުރި ދިމާލުން، ޖާވާ ކަނޑުގަ އެވެ.
އިންޑޮނީޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ އޭއެފްޕީ އަށް ވިދާޅުވެފައި ވަނީ ބޯޓު ހޯދުުގެ މަސައްކަތް މިއަދަށް ހުއްޓާލީ 11 ގަޑިއިރު މަސައްކަތްކުރުމަށް ފަހުގައި ކަމަށާއި މާދަމާ ހެދުނު ހަތެއް ޖަހާއިރު އަލުން މަސައްކަތް ފަށާނެ ކަމަށެވެ.
ބޯޓު ގެއްލިފައި ވަނީ ކޮޅިގަނޑެއްގައި ޖެހުމުން، ބޯޓު ދަތުރުކުރި ރޫޓު ބަދަލުކުރަން ބޭނުންވެގެން އެކަން އެއާޓްރެފިކް ކޮންޓްރޯލަށް އެންގި ފަހުންނެވެ. އޭގެ ފަހުން ވަނީ ޓަވަރާ ގުޅުން ކެނޑިފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބޯޓާ ގުޅުން ކެނޑުމުގެ ކުރިން ޕައިލެޓް ވަނީ ބޯޓު ދަތުރުކުރަމުން ދިޔަ އުސްމިން 6000 ފޫޓް މަތިކޮށް 38000 ފޫޓްގައި ދަތުރުކުރުމުގެ ހުއްދަ އަށް އެދިފައި ކަމަށެވެެ. އެއީ ކޮޅިގަނޑުގެ ވިލާތަކުން ނެއްޓުމަށެވެ. ނަމަވެސް އެވަގުތު މަތީގައި އެހެން ފްލައިޓެއް އޮތުމުން އެ ހުއްދަ ނުދެވުނެވެ.
"ބޯޓުން ދެން އެދުނީ ވާތް ފަރާތަށް ޖެހެން. އެގޮތަށް ހުއްދަ ވަނީ ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް މި ހުއްދަ ދިންތާ ފަސް މިނެޓް ފަހުން ފްލައިޓާ ވަނީ ގުޅުން ކެނޑިފަ އެވެ.
ބޯޓު ހޯދުުމުގެ މަސައްކަތުގައި އިންޑޮނީޝިއާގެ ހަތް މަތިންދާބޯޓާއި ހަތަރު މަނަވަރާއި ސާޗް އެންޑް ރެސްކިއު ޓީމުތަކުގެ ހަ ބޯޓެއް ދަނީ ހަރަކާތްތެރިވަމުންނެވެ.
މެލޭޝިއާގެ ގައުމީ އެއާލައިންގެ އެއް ބޯޓު މި އަހަރު ގެއްލި އަދިވެސް ނުފެނިފައި ވާއިރު އެ އެއާލައިންގެ ބޯޓެއް ޔުކްރެއިން މަތިން މި އަހަރު ވައްޓާލާފައިވެ އެވެ. މިއީ މި އަހަރު މިފަދަ ހިތާމަވެރި ގޮތެއް މެދުވެރިވި މެލޭޝިއާގެ ތިން ވަނަ ބޯޓެވެ.