ރާއްޖެ ކުޅިވަރު

ވެލެންސިއާ ބަލިކޮށް އީގަލްސް ތާވަލްގެ އެއްވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ވެލެންސިއާ އަތުން 2-1 އިން މޮޅުވެ، ކްލަބް އީގަލްސް ތާވަލްގެ އެއްވަނަ އަށް އަލުން ޖެހިލައިފި އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އީގަލްސް އަށް ލީޑު ހޯދައިދިނީ މިޑްފީލްޑަރު އިމްރާން ނަޝީދެވެ. ވެެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަސަން އަދުހަމް (ސަޑޭ) ވެލެންސިއާގެ ޑިފެންޑަރެއް ކައިރިން ނަައްޓާލުމަށް ފަހު، ތިރިތިރިން ހުރަސްކޮށްލި ބޯޅަ އިމްރާން ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

އެކަމަކު މެޗުގެ 63 ވަނަ މިނިޓުގައި ވެލެންސިއާ އަށް ލިބުނު ހިލޭޖެހުމަކުންް އަކުރަމް އަބްދުލް ގަނީ ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލަށް އަމާޒުކޮށްލައި، އިބްރާހިމް އަބްދުﷲ (އިއްބެ) ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އީގަލްސް އިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 88 ވަނަ މިނިޓުގައި އެ ޓީމުގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ މެސީ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

އީސަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ތެރޭގައި ކޯނަރު ދަނޑީގައި ކޮޅު ފައިން ޖެހުމުގެ ސަބަބުން، ރެފްރީ އަހުމަދު އަފްސަހު ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައިފަ އެވެ. މެސީ އަށް އޭގެ ދެ ތިން މިނިޓު ކުރިން ފުރަތަމަ ރީނދޫ ކާޑު ދެއްކީ ރެފްރީއާ ދިމާލަށް އެއްޗެއް ބުނެގެންނެވެ.

މި މެޗުން މޮޅުވެ، އީގަލްސް އަލުން އެއްވަނަ އަށް ޖެހިލީ ހަތް ޕޮއިންޓާއެކު އެވެ. ވެލެންސިއާ ތާވަލްގެ ހަތް ވަނައިގައި އޮތްއިރު، އެ ޓީމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މެޗަށް ފަހު ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މެޗުން ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.

"މި މެޗުގައި އީގަލްސްގެ ކުޅުން ތަންކޮޅޭއް ދަށްކޮށް ފެނުނީ. އެކަަމަކު މުހިންމުކަމަކީ ތިން ޕޮއިންޓް. ތިން ޕޮއިންޓް ލިބުމުން ހިތްހަަމަޖެހިއްޖެ. ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ތަންކޮޅެއް ދަށްކޮށް ވަރުބަލިކޮށް ފެނިގެންދިޔައީ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ އީސަ އަށް ދެއްކި ރަތްކާޑާމެދު ޝަކުވާއެއް ނެތް ކަމަށާއި ކުޅުންތެރިން "ބޭކާރު" ކާޑުތައް ހޯދުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ބައެއް މީހުން ރެފްރީ ގޯސްކޮށްފާނެ އެކަމަކު އަޅުގަނޑަށް އޭގައި ރެފްރީގެ މައްސަލައެއް ނެތް. ބޭކާރު ކާޑުތައް ހޯދުން އެބަޖެހޭ ހުއްޓަން،" ސާންތީ ބުންޏެވެ.

ވެެލެންސިއާގެ ކޯޗު މުހައްމަދު އިގުބާލް ބުނީ މެޗުން ބަލިވިޔަސް، ވެލެންސިއާގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"އީގަލްސް ކަަހަލަ ޓީމަކާ ދެކޮޅަށް ރަނގަޅަށް ކުޅެފި. އެކަމަކު ފަހު ވަގުތު ނަސީބު ދެރަކަމުން މެޗު ގެއްލުނީ. ފަހު ވަގުތު ޑިފެންސް ލައިންގައި ގޯސްތަކެއް ހެދުނީ،" އިގުބާލް ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝާނާއި ޓީސީ ސްޕޯޓްސް ކްލަބެވެ.