ކަޅުވަކަރާއި ހިރިގާ ބޭނުންކޮށްގެން ހަދާފައިވާ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަންވީ ތަނަކާ މެދު ތަޖުރިބާކާރުންނާއި އާންމުންގެ ހިޔާލު ވަރަށް ބޮޑަށް ތަފާތުވެއްޖެ އެވެ.
ކުރިން ސަލްޓަންޕާކްގެ އިރުމަށްޗާވީ ދިމައިން ކަންމަރީހައި ހުރި ކަޅުވަކަރު މިސްކިތް، އެތަނުގައި މިހާރު ހުރި ވިންޓާޕާކް އެޅުމަށްޓަކައި ރޫޅާލާފައި ނެގި ގޮތަށް މިސްކިތުގެ ބައިތައް އަދިވެސް ހުރީ ފޮށި ފޮށީގައި ބަންދުކޮށްފަ އެވެ. މި ބައިތައް އަލުން ނަގައި މަރާމާތު ކުރުމަށްފަހު މިސްކިތް އަނެއްކާ ވެސް އާންމުންނަށް ފެންނަ ގޮތަށާއި ނަމާދަށް ވެސް ބޭނުންކުރެވޭނެ ގޮތަށް މާލޭގައި ބަހައްޓަން ތަރިކައާބެހޭ ވަޒީރު ޔުމްނާ މައުމޫން ވަނީ މަސައްކަތް ފައްޓަވާފަ އެވެ.
ރޭ އެކަމަނާގެ މިނިސްޓްރީން ވަނީ މި މިސްކިތް ބަހައްޓާނެ ތަނަކާ ގުޅޭ ގޮތުން އާންމުންނާއި ތަޖުރިބާކާރުންގެ ލަފާ ހޯދަން ފޯރަމެއް ވެސް ބާއްވާފަ އެވެ.
ސަރުކާރަށާއި ދިވެހި ބަހާ ތާރީހަށް ހިދުމަތްކުރެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ބޭފުޅުންނާއި، ތައުލީމީ އިލްމީ ތަޖުރިބާކާރުންގެ އިތުރުން ފަތުރުވެރިކަމާއި، އާކިޓެކްޗާ އާއި ފަންނީ އިލްމީ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ރޭގެ ފޯރަމް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ކަޅުވަކަރު މިސްކިތް ހުޅުމާލޭގައި ބެހެއްޓުމަށް ހިޔާލު ހުށަހަޅާފަ އެވެ. އެއާ އެއްވަރަށް މިސްކިތް މާލޭގައި ބެހެއްޓުމަށް ވެސް ހިޔާލުތައް ލިބުނު އިރު ހިޔާލުތައް ދެކަފިވެގެން އައީ އެހާ ހިސާބުންނެވެ.
ހުޅުމާލޭގައި މިސްކިތް ބެހެއްޓުމަށް ތާއީދު ކުރި ފަރާތްތަކުން ބުނަނީ، އެފަދަ ދުވަސްވީ ތާރީހީ މިސްކިތެއް އޭގެ ހައިބަތާއި ރީތިކަން ގިނަ ދުވަހަށް ފެންނާނެ ގޮތަށް ބެހެއްޓޭނީ ހުޅުމާލޭގައި ކަމަށެވެ. ހުޅުމާލެއަކީ ބިން އޮވެ، އެތަނުގެ މާސްޓާ ޕްލޭންގެ ދަށުން މިހާރުވެސް ހެރިޓޭޖް އައިލެންޑެއްގެ ގޮތުގައި ވަކި ރަށެއް ތަރައްގީ ކުރަމުންދާ ތަނަކަށް ވެސް ވެފައި އެންމެ ރައްކާތެރި ގޮތެއްގައި މިސްކިތް ބެހެއްޓޭނީ ހުޅުމާލޭގައި ކަމަށް އެފަރާތްތަކުން ގަބޫލުކުރެ އެވެ.
"ކަޅުވަކަރު މިސްކިތަކީ ދިރުން ހުރި ތަނެއްގެ ގޮތުގައި ބަހައްޓަންޖެހޭ ތަނެއް. އެހެންވީމަ ރީސްޓޯ ކުރާއިރު ކުރަންޖެހޭނީ މިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް. އެ މިސްކިތަކީ އެ މިސްކިތުގެ ހާއްސަ ސިފަތަކުގެ ސަބަބުން ވޯލްޑް ހެރިޓޭޖް ލިސްޓަސް ވެސް ނޮމިނޭޓް ވުމުގެ ޗާންސް އޮތް މިސްކިތެއް. މި ހުރިހާ ކަމަކަށް ވިސްނާއިރު ކަޅުވަކަރު މިސްކުތް ހަލާކު ނުކޮށް ގިނަ ދުވަހު އެންމެ ރައްކާތެރިކަމާއެކު ބަހައްޓަން ރަނގަޅީ ހުޅުމާލޭގައި،" ރާއްޖޭގައި މިވަގުތު ހިރިގަލުގެ މަސައްކަތް ދިރާސާކުރައްވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ހައުސިން މިނިސްޓަރު މައުރޫފް ޖަމީލް ވިދާޅުވި އެވެ.
މިއާ ދެކޮޅަށް، މިސްކިތް މާލޭގައި ބަހައްޓަންޖެހޭ ކަމަށް ހިޔާލު ހުށަހެޅި ފަރާތްތަކުގެ ނަޒަރުގައި ކަޅުވަކަރު މިސްކިތަކީ މާލޭގެ ތަރިކައެކެވެ. އެއީ މާލޭގެ ރައްޔިތުންނާއި މާލޭގެ ވަހާއި މާލޭގެ ފަސްގަނޑާ ގުޅިފައިވާ މާލޭ ރައްޔިތުންގެ ތަރިކަ އެކެވެ. އެފަދަ އަގުހުރި ތަރިކައެއް މާލެއިން ބޭރަށް ގެންގޮސް މާލޭގެ ރައްޔިތުންނާ ދުރުގައި މުޅީން ވަކިން ބެހެއްޓުމަކީ މާލެއާއި ތާރީހާއި މާލޭގެ ރައްޔިތުންނާ މެދު ވެވޭ ބޭއިންސާފެކެވެ. އެފަދަ ކަމެއް ބަލައި ނުގަނެވޭނެ އެވެ.
"އަޅުގަނޑަކީ މާލެއަށް މިސްބަތްވާ މީހެއް. އަމީނިއްޔާއަށް ކިޔަވަން ދިޔަ ދަރިވަރެއް. ކަޅުވަކަރު މިސްކިތް ކައިރިން ހިނގައި އުޅުނު ރަށްވެއްސެއް. އެ މިސްކިތަކީ މީހުން އަބަދުވެސް ނަމާދުކުރުމަށް ބޭނުންކުރަމުން އައި ދިރުން ހުރި މިސްކިތެއް. އެ މިސްކިތަށް ދިރުން އަންނަނީ އެހެންވެ. އެ މިސްކިތަށް ދިރުން އަންނަނީ މިސްކިތް މާލޭ ފަސްގަނޑުގައި ހުރީމަ. މާލެއިން ބޭރުކޮށްގެން ކަޅުވަކަރު މިސްކިތަށް ދިރުމެއް ނާންނާނެ،" ދިވެހި ތާރީހަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅަކު ހިޔާލު ހުށަހެޅި އެވެ.
މިސްކިތް މާލޭގައި ބަހައްޓަން ތާއީދުކުރި ފަރާތްތަކުން، މިސްކިތް ބަހައްޓަން އެންމެ ރަނގަޅު ލޮކޭޝަނެއްގެ ގޮތުގައި ހުށަހެޅީ ދާރުލް އާސާރު ގޯތިތެރެއާއި ފަލްޓަންޕާކް ސަރަހައްދު ނުވަތަ ހުކުރު މިސްކިތު ސަރަހައްދެވެ.
ރޭގެ ފޯރަމްގައި ކުރީގެ މިނިސްޓަރު އަދި ދިވެހި ބަހާއި ތާރީހަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އަދި މިހާރުގެ ހެރިޓޭޖް މިނިސްޓަރުގެ ބޮޑުބޭ، އައްބާސް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ނަޒަރުގައި ވެސް ކަޅުވަކަރު މިސްކިތް ބަހައްޓަން އެންމެ ރަނގަޅީ ހުޅުމާލެ އެވެ. އެއީ މާލޭގައި ބިން ނެތުމެވެ. ތޮއްޖެހިފައި އޮތުމެވެ. އަދި ކަޅުވަކަރު މިސްކިތް ހުޅުމާލޭގައި ބެހެއްޓުމަކީ މިސްކިތް މާލެއިން ބޭރަށް ގެންދިއުން ނޫންކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"ހުޅުމާލެއަކީ މާލޭގެ ރައްޔިތުންނަށްޓަކައި ހެދި މާލޭގެ އަވަށެއް. ކަޅުވަކަރު މިސްކިތް ހުޅުމާލޭގައި ބެހެއްޓުމަކީ މިސްކިތް މާލެއިން ބޭރު ކުރުމެއް ނޫން. އެތަނަކީ ޒުވާނުންގެ ސިޓީ. ހުޅުމާލޭގައި މިސްކިތް ރީތިކޮށް ގިނަ ދުވަހު ރައްކާތެރި މާހައުލެއްގައި ބެހެއްޓޭނެ ބިމާއި ގޮތް އެބަ ހުރި. ހުޅުމާލެއަކީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ތަރިކަ. އެފަދަ ތަނެއްގައި، ޒުވާނުންނާ ރައްޓެހި ތަނެއްގެ ގޮތުގައި ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ މާލެއަށް ދެވޭ އުނިކަމެއްނޫން. އަބަދު ވިސްނަންވީ މާލޭގެ ވިސްނުމަކުންނެއް ނޫން. މިއަސްވުރެ ފުޅާކޮށް އަޅުގަނޑުމެން ވިސްނަން ވެއްޖެ،" އައްބާސް އިބްރާހިމް ވިދާޅުވި އެވެ.
އައްބާސްގެ އިތުރުން އިބްރާހިމް ވަހީދު (އޮގަރު) ފަދަ ބޭފުޅުން ވެސް ތާއީދުކުރެއްވީ މިސްކިތް ހުޅުމާލޭގައި ބެހެއްޓުމަށެވެ.
މި ހުށަހެޅުންތަކާއެކު ރޭގެ ފޯރަމް ނިންމާލީ މިފަދަ އިތުރު މަޝްވަރާތަކެއް ކުރިއަށް އޮތްތަނުގައި ވެސް ބާއްވާނެ ގޮތަށެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ، ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް މުޅިން ފައިނަލް ކުރާނީ އަދިވެސް މަޝްވަރާކޮށް ހިޔާލު ހޯދުމަށްފަހު ކަމަށެވެ. އަދި އެ ނިންމުން ވެގެންދާނީ ރަނގަޅު ނިންމުމަކަށް ކަމަށް ވެސް ވިދާޅުވި އެވެ.