ބޭރު ކުޅިވަރު

ޗެކް އާސެނަލް އަށް ބަދަލުވަނީ

ޗެލްސީގެ ތަޖުރިބާކާރު ގޯލްކީޕަރު ޕެޓާ ޗެކް އާސެނަލް އަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޗެކް ،33، ގެ ޓްރާންސްފާއާ ގުޅޭގޮތުން އާސެނަލް އާއި ޗެލްސީއާދެމެދު މިހާރު ގާތްގަނޑަކަށް އެއްބަސްވެފައިވާ ކަމަށެވެ.

ޗެލްސީގައި ޗެކް ބަހައްޓަން ޗެލްސީގެ ކޯޗު ޖޯސޭ މޮރީނިއޯ ބޭނުންވި ނަމަވެސް، އެހެން ކްލަބުަތަކާ ވާހަކަދެއްކުމުގެ ހުއްދަ ޗެކް އަށް އެ ކްލަބުން ދީފައިވާ ކަމަށް އޭނާގެ އޭޖެންޓް މިދިޔަ މަހު ވަނީ ބުނެފަ އެވެ.

ޗެލްސީއާ 2004 ވަނަ އަހަރު ގުޅުނު ޗެކް އެ ކްލަބަށް 300 އަށްވުރެ ގިނަ މެޗު ކުޅެފައިވެ އެވެ. ޗެލްސީ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ހަތަރު ފަހަރު، އެފްއޭ ކަޕް ހަތަރު ފަހަރު، ލީގު ކަޕް ތިން ފަހަރު އަދި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

ޗެލްސީގެ އެއްވަނަ ގޯލްކީޕަރުގެ މަގާމު ޗެކް އަށް ގެއްލުނީ މިދިޔަ ސީޒަންގައި ބެލްޖިއަމްގެ ޒުވާން ގޯލްކީޕަރު ތީބޯ ކޯޓުއާ އެ ކްލަބާ ގުޅުނު ހިސާބުންނެވެ. ޗެކް މިދިޔަ ސީޒަންގައި ޗެލްސީގެ ގޯލު ބެލެހެއްޓީ 16 މެޗުގަ އެވެ.