ބޭރު ކުޅިވަރު

ރާމޮސް އާއި ޝްވައިންސްޓައިގާ އަށް ޔުނައިޓެޑުން ޝައުގުވެރިވޭ

ރެއާލް މެޑްރިޑްގެ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޮސް އާއި ބަޔާން މިއުނިކްގެ ޖަރުމަން މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ އަށް މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ރާމޮސް ރެއާލްއާއެކު ހަދާފައިވާ ކޮންޓުރެކްޓް 2017 ވަނަ އަހަރު ހަމަވާއިރު، ބަޔާންއާއެކު ޝްވައިންސްޓައިގާ ހަދާފައިވާ ކޮންޓުރެކްޓް އަންނަ އަހަރު ހަމަވާނެ އެވެ.

މިިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދި ޔުނައިޓެޑްގެ ސްކޮޑް ވަރުގަދަކުރަން ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ވިސްނާއިރު، ރާމޮސް އާއި ޝްވައިންސްޓައިގާ އަކީ ވެން ހާލް ބޭނުންވާ ދެ ކުޅުންތެރިންނެވެ.

ބަޔާންގައި މުޅި ކެރިއަރު ހޭދަކޮށްފައިވާ ޝްވައިންސްޓައިގާ ،30، އަށް ވެން ހާލް ވަނީ މީގެ ކުރިން އިރުޝާދު ދީފަ އެވެ. ވެން ހާލް ޔުނައިޓެޑްގެ ކޯޗަކަށް ހުރުމަކީ ޔުނައިޓެޑަށް ބަދަލުވާން ޝްވައިންސްޓައިގާ ވެސް ބޭނުންވެދާނެ ސަބަބެއް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ރެއާލް އަށް 400 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ރާމޮސް އަށް ޔުނައިޓެޑް ޝައުގުވެރިވާޢިރު، ރާމޮސް ގެންނަން ޔުނައިޓެޑުން އެ ޓީމުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބޭނުންކުރާނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. ރެއާލް އިން ޑެހެއާ އަށް ޝައުގުވެރިވާއިރު، ރާމޮސް ދޭމަތިން ޑެހެއާ ދޫކޮށްލަން ޔުނައިޓެޑުން އެއްބަސްވެދާނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ޔުނައިޓެޑުން ވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ފޯވަޑް މެމްފިސް ޑީޕާއި އެ ޓީމަށް ގެނެސްފަ އެެވެ. ކުރިއަށް އޮތް ސީޒަނަށް ޓީމުގެ ވަރުގަދަކުރުމުގެ ގޮތުން ޔުނައިޓެޑުން ރައިޓް ބެކަކާއި ސެންޓްރަަލް ޑިފެންޑަރަކާއި ސެންޓްރަލް މިޑްފީލްޑަރެއް އަދި ފޯވަޑެއް ގެންނަން ޔުނައިޓެޑުން ބޭނުންވެ އެވެ. -- ބީބީސީ