ރިޕޯޓް

ގަރުނެއްހާ ފަހުން ކާފަ ފެނި، އެންމެން އުފަލުން!

Dec 23, 2018
17

މަޝްހޫރު އިލްމުވެރިޔާ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަރަށް އާދަޔާ ހިލާފު ވާހަކައެއް އޭނާގެ ފޭސްބުކްގައި އިއްޔެ ލިޔުއްވި އެވެ. ކުރީގެ މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ، ޝަހީމް ހިއްސާ ކުރެއްވީ އޭނާގެ ކާފަ ހުސެއިން ބެއްޔާއަށް އޭނާގެ "ގެއްލިފައިވާ" އާއިލާއާ އަލުން ދިމާވި ގޮތުގެ ވާހަކައެވެ. އައްޑޫގައި އޭނާއާ ތިމާގެ އެތައް ސަތޭކަ މީހުން ތިބިކަން އެނގުނު، "އަޖައިބެއް ކަހަލަ" ހާދިސާގެ ވާހަކަ އެވެ. ޝަހީމްގެ ކާފަ، ހުސެއިން ބެއްޔާގެ އުމުރު މިހާރު 100 އަށް އަހަރަށް ވުރެ މައްޗެވެ.

"ކާފައަކީ ޒުވާން އުމުރުގައި އައްޑޫން ގެއްލުނު މީހެއް ކަމަށްވޭ. ކާފަގެ އެއްބަނޑު މީހުންނާއި އާއިލާ މީހުން އުޅެނީ މަރަދޫގައި. އެކަމަކު އެކަމެއް އަޅުގަނޑުމެންނަކަށް އެނގިފައެއް ނޯވޭ، އެނގޭ މިންވަރަކީ ކާފައަކީ އައްޑު އަތޮޅު މީހެއްކަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ކާފަގެ އާއިލާގެ 100 އެއްހާ ބޭފުޅުން އައްޑޫ ސިޓީގެ މަރަދޫއިން ފުރައިގެން އޭނާގެ ރަށް، ގއ. މާމެންދޫއަށް އިއްޔެ ދަތުރު ހަދައިގެން ދިޔައީ ކާފަ ދުނިޔޭގައި ހުރިކަން އެނގި ކާފައާ ބައްދަލު ކުރުމަށެވެ.

"އެއީ ޒުވާން އުމުރުގައި ގެއްލުނު އަޅުގަނޑުގެ ކާފަ ދުނިޔޭގައި ހެޔޮ ހާލުގައި ހުރިކަން އާއިލާގެ އެ ބޭފުޅުންނަށް އެނގިގެން،"

އައްޑޫ މަރަދޫ އިން ޝަހީމްގެ ކާފަ އާއިލާއަށް ނިސްބަތްވާ މެންބަރަކު "އަވަސް" އާ ވާހަކަ ދައްކަމުން ބުނީ އޭނާއަށް މިހާތަނަށް އެނގިފައިވާ ގޮތުން ހުސެއިން ބެއްޔާ (ޝަހީމްގެ ކާފަ) ގެއްލުނީ އުމުރުން 12 ނޫނީ 13 ވަރަކަށް އަހަރު ހުވަދޫ އަތޮޅަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެވެ. އަދި އޭގެ ވިއްސަކަށް އަހަރު ފަހުން ވެސް ހުސެއިން ބެއްޔާ ހޯދުމަށް ކުރި މަސައްކަތް ވެސް އޮތީ ނާކާމިޔާބުވެފަ އެވެ. ފަހުން އިހަށް ދުވަހާ ހަމައަށް ބެލެވިފައި އޮތީ އޭނާ މަރުވީ ކަމަށެވެ.

"އަޅުގަނޑުމެންގެ އާއިލާ މަޝްހޫރުވެފައި އޮންނަނީ "ކޮއްޔާބިޔާ" ގެ ނަމުން، އެ އާއިލާގައި ޖުމުލަ ފަސް ބެއިން ތިބޭނެ އަޅުގަނޑުގެ ކާފައަކީ އެތަނުން އިބްރާހިމް ބެއްޔާ، އެއީ ޝަހީމްގެ ކާފަ ހުސެއިން ބެއްޔާގެ ދޮށީ ބޭބެ، އަޅުގަނޑުމެންނަށް ކިޔާދީފައި އޮންނަ ގޮތުން ހުސެއިން ބެއްޔާ ވަނީ ހުވަދޫ އަތޮޅަށް ދިޔަަ ގޮތަށް ގެއްލިފައި، ފަހުން ބެލެވުނީ މަރުވީ ކަމަށް،" އޭނާ ބުންޏެވެ.

މިއަދު ކުއްލިއަކަށް ހުސެއިން ބެއްޔާގެ އާއިލާއަށް އޭނާ ހޯދުނީ ވަރަށް ބޮޑު އާދަޔާ ހިލާފު އިއްތިފާގަކުން ކަމަށް އޭނާ ބުންޏެވެ. އެކަން ހިނގީ ކޮއްޔާބިޔާ މިވަގުތު ދިރިއުޅެމުންދާ މާމެންދޫގެ އާއިލާ މެންބަރަކާއި މަރަދޫ އާއިލާ މެންބަރަކު އެއް ފްލައިޓަކުން ދިމާވެ، ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. ފުރަތަމަ ވީ ކުޑަ ޝައްކެކެވެ. އެ ހިސާބުން އެއީ އަސްލު ވެސް ގެއްލިފައިވާ ހުސެއިން ބެއްޔާގެ ދަރިންތޯ ބަން އެހިސާބުން ފެށުނީ އެވެ.

"އަޅުގަނޑު ދަންނަ މީހެއް ނޫން، ނަމަވެސް އެއް ފްލައިޓަކުން ދިމާވެ ކައިރީގަ އިނދެވުނީ... ވަރަށް އަނގަ ގަދަ ކަމުންނޭ އަޅުގަނޑަށް ބުނެވޭނީ ވަރަށް ވާހަކަ ދެކެވުނު، އޭނަ ބުނި އައްޑޫގަ ތިމަަންނަގެ ތިމާގެ ބަޔަކު ވެސް އުޅޭނެއޭ ނަމަވެސް މާ ބޮޑަކަށް ނޭނގެއޭ. ދެން އަޅުގަނޑު އޭނާއާ ގިނަ ސުވާލުތައް އެހީ، އަހައިގެން ހޯދީ، ފުރަތަމަ އެއްވެސް ވަރަކަށް ޔަގީނެއް ނޫން އަދި ހީވެސް ނުކުރަން ހުސެއިން ބެއްޔާ ހުރި ކަމެއް ނުވަތަ އާއިލާ ބައެއް ކަމަށް ވެސް، އެހެންވެ ދެން އިތުރަށް ބައްދަލުވެ، އަލުން ބަލަން ފެށީ،" އެ ދަތުރުގައި މާމެންދޫގައި އޮތް އާއިލާއާ މެންބަރަކާ ދިމާވި ސަދީގު "އަވަސް" އަށް ކިޔައިދިނެވެ.

ސަދީގު ބުނި ގޮތުގައި ހުސެއިން ބެއްޔާއަކީ ގެއްލުުނު ކާފަ ކަން ކަށަވަރު ކުރުމަށް ފުރަތަމަ ހެދީ ވައިބާ ގްރޫޕެކެވެ. އެ ގްރޫޕަށް ދެ ފަރާތުގެ އާއިލާ މީހުން އެއް ކުރަން ފަށާ މާމެންދޫ އާއި މަރަދޫ އިން ގާތްގަނޑަކަށް 300 އެއްހާ މީހުން ޖަމާކުރީ އެވެ. އެ ގްރޫޕުގައި ދެ އާއިލާ އިން ވެސް ހުސެއިން ބެއްޔާއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކާއި އަދި ނަންތައް ވެސް ދިމާވެ އެވެ. ދެ އާއިލާ މީހުންގެ ބައެއް ސިފަތައް ވެސް ކާފައާ ދިމާވެ އެވެ. މާމެންދޫ މީހުން ކިޔަނީ ހުސެއިން ބެއްޔާ އެވެ. އައްޑޫ މީހުން ކިޔަނީ ހުސެއިން ފުތާ އެވެ.

"ގާތްގަނޑަކަށް މަސް ދުވަހަށް ފަހު އަޅުގަނޑުމެންނަށް ޔަގީން ކުރެވުނު މިއީ ހުސެއިން ބެއްޔާކަން، އެ ވައިބާ ގްރޫޕުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން ތިބޭނެ، އެއީ އައްޑޫ ފަޅިން ތިމާގެ މީހުންނާއި މާމެންދޫ ފަޅީގެ މީހުން އެއްކޮށްލައިގެން، ވަރަށް ކުރިން ގެއްލުނު ކޮއްޔާބިޔާ އާއިލާގެ ކާފަ ދުނިޔޭގައި ހުރިކަން އެނގުމުން ގިނަ ބަޔަކަށް ގަބޫލު ވެސް ނުކުރެވޭ، ވަރަށް އާދަޔާ ހިލާފު،" ސަދީގު ބުންޏެވެ.

ވައިބާ ގްރޫޕުގައި ރޭވުމަށް ފަހު އިއްޔެ ކާފައާ ބައްދަލުކޮށްލަން އާއިލާގެ 100 އަށް ވުރެ ގިނަ މީހުން މާމެންދޫއަށް ދަތުރުކުރި އެވެ.

އެ ކާފަގެ އުމުރުން ވެސް 100 އަށް ވުރެ ގިނަ އަހަރުވެފައިވާތީ އޭނާއަށް ވާހަކަދެއްކުމުގައި ދަތިތަކެއް ހުރެ އެވެ. ނަމަވެސް ކާފަ ވަނީ އޭނާއަކީ ކޮއްޔާބިޔާ އާއިލާގެ ތިން ވަނައަށް ހުންނަ މީހާ ކަމާއި އާއިލާގެ ގިނަ ވާހަކަތައް ބުނެދީފަ އެވެ. އެހާ ހިސާބުން އެކަން އިތުރަށް ކަށަވަރު ކުރެވުނެވެ. އަދި ގެއްލިފައި އޮތް ބޮޑު އާއިލާ އެއްތަންވި އެވެ.

"އަޅުގަނޑުމެން އެންމެން ވެސް މިތިބީ ވަރަށް އުފަލުން، ކޮއްޔާބިޔާގެ ފަސް ބެއިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ކާފަގެ އެއްބަނޑު މީހަކީ ހުސެއިން ބެއްޔާ، އަލުން ބައްދަލުވެ ދިމާވީމަ ވަރަށް އުފާވެ، މިއީ ވަރަށް އަޖައިބު ކުރަނިވި ވާހަކައެއް،"

މިހާރު ރާއްޖެއިން ބޭރުގައި ހުންނެވި ޝަހީމް ވެސް ވަނީ އޭނާގެ އާ އާއިލާ މެންބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. މަރަދޫ އާއިލާ ފަޅިން ރައްކާކޮށްފައިވާ ކާފަ އާއިލާ ބޭފުޅުންގެ ނަންތައް ހިމެނޭ ޗާޓެއްގެ ފޮޓޮއެއް ވެސް އޭނާ ޝާއިއު ކުރެއްވި އެވެ. އަދި ތިމާގެ އެތައް 100 ބަޔަކު ތިބިކަން އެނގި އުފާ ކުރާ ކަމަށް ޝަހީމް ވެސް ވިދާޅުވެފައިވެ އެވެ.