ހަބަރު

އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރައީސް ފައްޓަވައި ދެއްވައިފި

Dec 28, 2014

އައްޑޫ ސިޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފަށައި މަސައްކަތް ހުއްޓިފައި އޮތް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަލުން މިރޭ އިފްތިތާހުކޮށް ދެއްވައި އަލުން ފައްޓަވައި ދެއްވައިފި އެވެ.

އެ މަޝްރޫއު ރައީސް ފައްޓަވައި ދެއްވީ އައްޑު އަތޮޅު ހުޅުދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަސައްކަތް ހަވާލު ކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ރައީސް އެ މަސައްކަތް ފައްޓަވައި ދެއްވުމުން އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު ރައީސް ޔާމީންގެ ސަރުކާރުން އަލުން އެ މަޝްރޫއު ހިންގަން ނިންމާ އިފްތިތާހު ކުރި އިރު އެ މަސައްކަތަށްް 600 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށާއި އަންނަ އަހަރު މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

މިރޭ ފެނަކަ އިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވީ އައްޑޫ ސިޓީއަށް ސާފު ބޯފެން ފޯރުކޮށްދޭން 36 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަޝްރޫގެ މަސައްކަތް އަލުން ފެށީ ދައުލަތުގެ ބަޖެޓާއި ސަރުކާރުން ނަގާ ލޯނަކުން ހަރަދު ކުރާ ގޮތަށް ކަމަށާއި މި މަޝްރޫގައި ހިތަދޫ ފިޔަވައި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ބޭނުންވާ ފައިސާ އޯޕެކް ފަންޑު ފޯ ޑިވޮލޮޕްމަންޓުން ހޯދައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަޝްރޫގެ ދަށުން ހިތަދޫ ފިޔަވައި އެހެން ރަށްރަށުގެ ނަރުދަމާގެ ނިޒާމް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން ވެސް އިއުލާން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހިތަދޫ ދެކުނާއި އުތުރު ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމް ކުރަން އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމަނާފައިވާ ކަމަށާއި އެ މަސައްކަތަށް އަންނަ މަހު އިއުލާން ކުރާނެ ކަމަށެވެ.

އައްޑު އަތޮޅުގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުން އިއުލާން ކުރީ ސަދަން ޔުޓިލިޓީޒް އިން 15 މިލިއަން ޑޮލަރާއި އިނގިރޭސި ވިލާތުގެ ބައިވޯޓާ އިން 27 މިލިއަން ޑޮލަރު ހަރަދު ކުރާ ގޮތަށެވެ.

މިނިސްޓަރު ތޯރިގު މިރޭ ވިދާޅުވީ އެ އެއްބަސްވުން ނިމުނު އިރު އިނގިރޭސި ކުންފުނިން އެއްވެސް މިންވަރެއް ހަރަދު ނުކުރާ ކަމަށާއި އެ މަޝްރޫއުގެ ފަސޭހަ އައްޑު އަށް ގެނެސްދޭނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ.