ހަބަރު

އިމިގްރޭޝަން ކޮންޓްރޯލާ ކަމަށް ހަނަފީ ހަމަޖައްސައިފި

Dec 23, 2018
1

އިމިގްރޭޝަން ކޮންޓްރޯލާ ކަމަށް، މުހައްމަދު އަހުމަދު، (ހަނަފީ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ. އޭނާ ވަނީ މީގެ ކުރިން ޕީއެސްއެމްގެ އިސް މަގާމުތަކާއި ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފަ އެވެ.

ހަނަފީ އަކީ ޖޭޕީގެ، ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީގައި ހިމެނޭ މެންބަރެކެވެ. އޭނާއަށް ކޮންޓްރޯލާގެ މަގާމުގެ ފަތްކޮޅު ހަވާލު ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަގާމަށް ހަނަފީ އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.

ހަނަފީވަނީ ސިންގަޕޫރުގެ ޓީއެމްސީ އެކަޑެމީގައި ޑިޕްލޮމާ އިން ބިޒްނަސް އާއި ހަޔަ ޑިޕްލޮމާ ހާސިލު ކުރައްވާފަ އެވެ. އެއަށްފަހު ހަނަފީ ވަނީ އެ އެކަޑަމީން ހިންގި، ޔުނިވާސިޓީ އޮފް ގްރީންވިޗްގެ ހޮނާސް ޑިގްރީ ކޯސް ވެސް ފުރިހަމަ ކުރައްވައިފަ އެވެ. އޭގެ ފަހުން، ހަނަފީވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުން، އިންޓަނޭޝަނަލް އިން މެނޭޖުމަންޓުން މާސްޓާސް ހާސިލު ކުރައްވައިފަ އެވެ.

ހަނަފީ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، އަލްބަޓްރޮސް އިންޓަނަލްނޭޝަނަލްގެ ސީއީއޯގެ މަގާމާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑައިރެކްޓާ އޮފް ސޭލްސްގެ މަގާމާއި ހައިޕް މީޑިއާގެ ސީއީއޯކަން ހިމެނެ އެވެ.