ހަބަރު

އިންޑޮނޭޝިއާގެ ރައީސަށް، ރައީސް ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ

Dec 23, 2018

އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީއެއްގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވަނީ، އިންޑޮނޭޝިއާގެ ސުންޑާ ސްޓްރެއިޓްއަށް ސުނާމީއަރައި އެތައްބަޔަކު މަރުވެ، ގެތަކަށާއި މުދަލަށް ގެއްލުން ލިބުނު ހަބަރު އަޑުއެހީ ފުން އަސަރާއި ހިތާމައާއެކު ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި އެގައުމުގެ ރައީސަށާއި ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުވާ ކަމަށާއި ހިތާމައިގައި ބައިވެރިވާ ކަމަށްވެސް ރައީސްގެ މެސެޖްގައި ވެއެވެ.

އިންޑޮނީޝިއާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީއެއްގައި، މިހާތަނަށް 62 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފި އެވެ. ސުންޑާ ސްޓްރެއިޓްގައި ހިނގި އެ ހާދިސާގައި އެތަކެއް ސަތޭކަ އިމާރާތަކަށް ގެއްލުން ލިބިފައިވާއިރު، 584 މީހުން ޒަހަމްވެފައިވާކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.

ސުނާމީ އަރަން މެދުވެރިވީ، އެ ސަރަހައްދުގައި އޮންނަ ކްރަކަޓާއޯ އަލިފަން ފަރުބަދަ ގޮވައިގެން ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. ސުންޑާއަކީ އިންޑޮނީޝިއާގެ ދެ ރަށެއް ކަމުގައިވާ ސުމާޓްރާ އާއި ޖާވާ އާ ދެމެދު އޮންނަ ހަނި ސަރަހައްދެކެވެ.

ހޮނިހިރު ދުވަހުގެ ރޭ އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ.