ހަބަރު

ރައީސް ޔާމީންގެ ޕާޓީ އުފައްދަން އީސީއަށް ފޯމް ހުށަހަޅައިފި

Dec 24, 2018
14

ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފި އެވެ. އެނގިފައިވާ ގޮތުގައި، އެ ޕާޓީ އުފެއްދުމަށް ފޯމް ހުށަހެޅުއްވީ، ޕީޕީއެމްގެ އެއް ނައިބު ލީޑަރު އަބްދުރަހީމް އަބްދުﷲކަން ވަނީ ކަށަވަރުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު، އަހުމަދު އަކުރަމް މިއަދު، "އަވަސް"އަށް ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ފޯމް ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ފޯމް އީސީއިން ބަލައިގަނެ، ޕާޓީއެއް އުފެއްދުމަށް ހުއްދަ ދިނުމުގެ ކުރިން އީސީއިން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

"ހުރިހާ ކަމެއް ބެލުމަށް ފަހު އަޅުގަނޑުމެން މި ބަލަނީ މި ހަފްތާ ތެރޭގައި ހުއްދަ ދެވޭތޯ. މައްސަލައެއް ނޫޅެންޔާ ޕާޓީ ހަދަން މި ހަފްތާ އަޅުގަނޑުމެން ހުއްދަ ދޭނަން،" އަކުރަމް ވިދާޅުވި އެވެ.

ޕާޓީ އުފައްދަން ފޯމް ހުށަހަޅާފައިވާ ކަން ޕީޕީއެމްގެ އިސް މެންބަރަކު ވެސް "އަވަސް"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ މުސްތަގުބަލެއް އޮތީ އާ ޕާޓީއެއް އުފައްދައިގެން ކަމަށެވެ. އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައި ވަނީ ޕީޕީއެމްގެ މުސްތަގްބަލާއި މެދު ގޮތެއް ނުނިމި ލަސްވަމުންދާތީ ކަމަށާއި އެކަމަކީ އުންމީދެއް އޮތް ކަމެއް ވެސް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.