ހަބަރު

މެހުމާނުންނަށް ކަމޭނުހިތައިފި ނަމަ ހިތާމަ ކުރަންޖެހޭނީ ދިވެހިން: ރައީސް

ރާއްޖެ އަށް އަންނަ ބޭރުގެ މެހުމާނުންނަށް އިންޒާރު ދިނުމުން އެކަމުގެ ހިތާމަ ކުރަންޖެހޭނީ ދިވެހިން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމީދޫގައި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހު ކުރުމަށާއި މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް އިފްތިތާހު ކޮށް ދެއްވުމަށް އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބޭރުގެ ބޮޑެތި މަހުޖަނުން ރާއްޖެ ގެނައުން ކަމަށާއި ނަމަވެސް އެގޮތަށް އަންނަ ފަރާތްތަކަށް އިންޒާރު ދީ ތަފާތު މެސެޖްތައް އާންމު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުން ގެއްލުން ވާނީ މުޅި ރާއްޖެ ބަރޯސާވެފައިވާ ފަތުރުވެރި ކަމަށާއި އެހެންވެ ބޭރުން އަންނަ މެހުމާނުންނަށް ކަމޭހިތަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވި ނަމަވެސް ރާއްޖެ އަށް އަންނަ މެހުމާނުންނަށް ކަމޭހިތަން ދަސްކުރަން އެބަޖެހޭ، އަޅުގަނޑުމެން މެހުމާނުންގެ ހަށިގަނޑަށް ނުވަތަ ފުރާނަ އަށް ގެއްލުންވާ ކަހަލަ މެސެޖްތައް ހަދައިގެން ފެތުރުމަކީ ދިވެހިރާއްޖޭއަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެފަދަ އަމަލުތަކުގެ ސަބަބުން މިއަދު ގެއްލުން ނުވިޔަސް މާދަމާ ނުވަތަ ކައިރި މުސްތަގްބަލެއްގައި އޭގެ ނުބައި ނަތީޖާ ނިކުންނާނެ ކަމަށާއި އޭރުން އެކަމާ ހިތާމަ ކުރަންޖެހޭނީ ދިވެހިން ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އިގްތިސާދީ ބޮޑެތި މަޝްރޫއުތައް ވެސް ބިނާވެފައިވަނީ ބޭރުން އަންނަ ބޮޑެތި މަހުޖަނުންނަށް ކަމަށް ވާއިރު އެފަދަ އަމަލުތައް ކުރަމުންދާ ނަމަ ސަރުކާރުން ކުރާ މަސައްކަތަކީ "ފޫ ނެތް ފަޔަށް ފެން ފުރުން" ކަމަށް ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިކަން ހިނގައިފި ނަމަ ކަމަށް ވާ ނަމަ މި ދައްކަނީ ދެ ތިން ބިލިއަން ޑޮލަރުގެ ވާހަކަ، އެކަމަކު އެވަރުގެ މަސައްކަތް ކުރަން އަންނަ ފަރާތްތަކަށް މިދެންނެވި ކަހަލަ އަމާންކަން ދިވެހިރާއްޖޭގައި ނެތްކަމުގެ ސިގްނަލްތައް އަޅުގަނޑުމެންގެ ރައްޔިތުން ދޭން ފަށައިފި ކަމަށް ވަންޏާ ދެން ދިވެހިރާއްޖެއާ މެދު އަޅުގަނޑުމެން ވިސްނަން ތިބީ ހިތާމައާ އެކީ." ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވިއިރު އާ އަހަރު ފާހަގަ ކުރުމަށް ޝޯއެއް ބާއްވަން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލަށް މަރުގެ އިންޒާރު ދީ ބަޔަކު ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެކަމާ ގުޅިގެން ޝޯން ޕޯލް ރާއްޖެ އައުން ކެންސަލް ކުރި ކަމަށް އަޑުފެތުރިފައި ވިޔަސް ރަސްމީކޮށް އެހެން އެއްވެސް ފަރާތަކުން މިހާތަނަށް ކަށަވަރު ކޮށެއް ނުދެއެވެ.