އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލިސް އިންތިހާބަށް ރަށްރަށުންނާއި އަތޮޅުތަކުންނާއި ސިޓީތަކުން ފޯކަލް ޕޮއިންޓް ހޯދުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފި އެވެ.
އީސީ އިން ކުރި އިއުލާނެއްގައި ވަނީ، އަންނަ އަހަރު މަޖިލިސް އިންތިހާބަށް ރަށްރަށުން 179 މީހުންނާއި އަތޮޅު ތެރެއިން 18 މީހުން އަދި ސިޓީތަކުން ދެ މީހުން ފޯކަލް ޕޮއިންޓްގެ ގޮތުގައި ބޭނުންވާ ކަމަށެވެ. އެގޮތުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ ލިބޭނެ ކަމަށާއި ކަނޑައެޅިފައިވާ އުސޫލުން ފޯކަލް ޕޮއިންޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު 150 ރުފިޔާ ދެވޭނެ ކަމަށްވެސް އިއުލާންގައި ވެއެވެ.
ޝަރުތުތަކުގެ ގޮތުގައި އިއުލާންގައިވަނީ، ރަށު ކައުންސިލް ނުވަތަ އަތޮޅު ނުވަތަ ސިޓީ ކައުންސިލް އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވުމާއި އިލެކްޝަންސް ކޮމިޝަނުން ހަވާލުކުރާ އިންތިހާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާ ހުރި މީހެއް ކަމުގައިވާންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަގާމެއް ފުރާ މީހެއް ކަމުގައި ނުވުމަށް އިއުލާންގައި ވެއެވެ.
އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި އިންތިހާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ އާއިލީ މެންބަރަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓެއްގެ އިންތިހާބީ އެޖެންޓެއްކަމުގައި ނުވުމާއި ސިޔާސީ ހަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށްވެސް އިއުލާންގައި ވެއެވެ.
މަސްއޫލިއްޔަތުގެ ގޮތުގައި އިއުލާންގައި ބަޔާންކޮށްފައިވަނީ، އިންތިހާބުގެ ކަންތައްތަކާއި ގުޅިގެން އީސީއާ ސިޓީއާ އަތޮޅު އަދި ރަށު ކައުންސިލްގެ އިދާރާއާ ދެމެދު ހިންގާ ހުރިހާ މުއާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމެވެ. އަދި އިންތިހާބާއި ގުޅޭގޮތުން އީސީއާ ސިޓީއާ އަތޮޅު އަދި ރަށު ކައުންސިލްގެ އިދާރާއާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިންތިޒާމުކުރުމާއި ހިންގައި ބެލެހެއްޓުންވެސް ހިމެނެ އެވެ.
މީގެ އިތުރުން މަޖިލީސް އިންތިހާބުގައި އަތޮޅާއި ސިޓީ އަދި ރަށުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި އިލެކްޝަންސް ކޮމިޝަނުން ހިންގާ ޕްރޮގްރާމްތައް ހިންގުމާއި އެކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އީސީގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ކުރުންވެސް މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެ އެވެ.
އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ ފޯކަލް ޕޮއިންޓަށްވުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ ތިން ވަނަ ދުވަހާއި ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތި ލުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.