ހަބަރު

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން މުނާޒު އިސްތިއުފާ ދެއްވައިފި

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ މެންބަރުކަމުން އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވައިފި އެވެ.

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން މުނާޒު އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމިޝަނުން މުނާޒު އިސްތިއުފާދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ވަޑައިގަތުމަށެވެ.

މުނާޒު ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވާ އިރު، އެ ކޮމިޝަނުން މީގެ ކުރިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ލިސްޓެއް މިމަހުގެ 27 ވަނަ ދުވަހު އާންމު ކުރާނެ ކަމަށެވެ. އަދި ތިން މަސް ދުވަސް ތެރޭގައި އެ ހުރިހާ މައްސަލައެއް ބަލާ ނިންމުމަކީ އަމާޒެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ރައީސް ސޯލިހު މި ކޮމިޝަން އުފައްދާފައިވަނީ، އަނިޔާވެރި މަރުތަކާއި، ވީނުވީއެއް ނޭގި ގެއްލިފައިވާ މިހުންގެ ތަހުގީގު ކުރުމުގެ ގޮތުން އެވެ. ނޫސްވެރިޔާ އަހުމަދް ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަތް ތަހުގީގު ކޮށް އެކަމުގެ މައުލޫމާތު ފުރަތަމަ 100 ދުވަހު ހާމަ ކުރައްވަން ރައީސް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

މި ކޮމިޝަން އަށް އާއްމުންނަށްވެސް މައްސަލަ ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.