ހަބަރު

ހެލިކޮޕްޓަރުތައް ދުއްވަނީ ދިވެހި ސިފައިން އަންގާ ގޮތަށް

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު، ރާއްޖޭގައި ތިބޭ އެގައުމުގެ ސިފައިން ދުއްވަނީ ދިވެހި ސިފައިން އަންގާ ގޮތަށް ކަމަށް ދިވެހި ސަލާމަތީ ބާރުން ޔަގީންކޮށްދީފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޖާ އަހުމަދު ފާތިހް ވިދާޅުވީ، ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިންނަކީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ދިވެހި ސިފައިންނަށް އެހީތެރިވެދިނުމަށްޓަކައި ހަރަކާތްތެރިވާ ބައެއް ކަމަށެވެ. އެއީ ދިވެހި ސިފައިންނަށް ނޭނގި، ދިވެހިންނަށާއި ގައުމަށް ނުރައްކާކުރަން ތިބޭ "ސްޕައި" އިން ނޫން ކަމަށާއި އެހެންކަމުން އެފަދަ ކަންބޮޑުވުންތައް ނުގެންގުޅުމަށް މޭޖާ ފާތިހް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލުކޮޕްޓަރުތައް އިންޑިއާގެ ސިފައިން ދުއްވާތީ އެވާހަކަ ސޯޝަލް މީޑިއާގައި އާންމު ރައްޔިތުންނަށް ވަރަށް ގޯސް މެސެޖެއް ލިބޭ ގޮތަށް ދައުރުވާ ކަމަށެވެ. ނަމަވެސް އެކަމުގެ ހަގީގަތަކީ، އިންޑިއާ ސިފައިން އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ދުއްވަނީ ދިވެހި ސިފައިންގެ ކޮމާޑްތަކާ އެއްގޮތަށް ދިވެހި ސިފައިން އަންގާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ހެލިކޮޕްޓަރަކީ ބޭކަލުން [އިންޑިއާ ސިފައިން] މިތާ ތިބިކަމުގައި ވިޔަސް ބޭކަލުން އަމިއްލަޔަކަށް ބޭނުން ގޮތަކަށް އޮޕަރޭޓް ކުރާއެއްޗެއް ނޫން. އަޅުގަނޑުމެން އިންސްޓްރަކްޝަން ދިނީމަ، އަޅުގަނޑުމެން ބޭނުންވާ ގަޑިއެއްގަ، އަޅުގަނޑުމެން ބޭނުންވާ ތާކަށް އޭގެ ހުރިހާ މޫވްމަންޓެއް ހިނގާނީ. އެހެންވީމަ އެއްގޮތަކަށްވެސް މިއީ ކަންބޮޑުވެވަޑައިގަންނަވަންޖެހޭ ކަމެއް ނޫންނާނެ. އަޅުގަނޑުމެން މީ އެކަން ކުރާ މީހުން އެކަން ކުރުވާ މީހުން،" މޭޖާ ފާތިހް ވިދާޅުވި އެވެ.

އެކަން އިތުރަށް ސާފުކޮށްދެއްވަމުން ކޯސްޓްގާޑް ކޮމާންޑާ ބްރިގޭޑިއާ ޖެނަރަލް އަލީ ޒުހައިރް ވިދާޅުވީ، މިއީ ބަޔަކު ތިބެގެން ކަންބޮޑުވާންޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ. ގައުމަށް ދެރައެއް، ނުރައްކަލެއް އަންނަ އެއްވެސް ކަމަކަށް ދިވެހި ސިފައިން އެއްބާރުލުން ނުދޭނެ ކަމަށް ވެސް ވުދާޅުވި އެވެ.

ޒުހައިރް ވިދާޅުވީ ތަރައްގީވެފައިވާ ދުނިޔޭގައި ގައުމުތަކުން ހުރިހާ މަސައްކަތެއްވެސް ކުރަނީ ގުޅިގެން ރަހުމަތްތެރިން ހޯދައިގެން ކަމަށެވެ. ހާއްސަކޮށް ރާއްޖެ ފަދަ ވަސީލަތް މަދު ގައުމަކަށް ރާއްޖޭގެ އިގްތިސޯދީ ކަނދުގެ ސަރަހައްދު ވަރުގެ ބޮޑު ސަރަހައްދެއްގެ ރައްކާތެރިކަމާއި އަމާންކަން ބެލެހެއްޓޭނީ އަވައްޓެރި ރަހުމަތްތެރިންގެ އެހީ ހޯދައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"މިއިން ކޮންމެ ހަރަދެއް ބެލެހެއްޓުމާއި ހޯދުމަކީ ވެސް ވަރަށް ބޮޑު ހަރަދެއް. ރާއްޖޭގެ އިގްތިސޯދީގެ މިންވަރަށް ބަލާފަ މި ހުރިހާ ހަރަދެއް ކުރަމުން ގެންދަނީ. އަޅުގަނޑުމެން އިގްތިސޯދީ ގޮތުން ފުދުންތެރި ބަޔަކަށް ވެގެން ނޫނީ ހުރިހާ ކަމެއް އަމިއްލަޔަށް ނުކުރެވޭނެ. އެހެންވީމަ ކުދި ޖަޒީރާ ގައުމުތަކުގައި، އެހެން ހުރިހާ ގައުމެއްގައި ވެސް މި ކަހަލަ ކަންކަން ކުރަމުން ގެންދަނީ ބޭރުގެ ގާތް ރަހުމަތްތެރިންގެ އެހީތެރިކަމާ އެކު. މިޒަމާނުގަ އެއްވެސް ގައުމެއްގަ، އެއްވެސް ތަނެއްގަ ބޭރުގެ ރަހުމަތްތެރިންނަށް ނުވަތަ އެހެނިހެން އާމް ފޯސަސްގެ އެހީތެރިކަން ނެތި، ދުނިޔޭގެ އެއްވެސް ގައުމެއްގެ ސަލާމަތާ ރައްކާތެރިކަމެއް ނުއެއް ބެލެހެއްޓޭނެ،" ޒުހައިރް ވިދާޅުވި އެވެ.

އެހެންކަމުން އިންޑިއާ ސިފައިންގެ ފަރާތުން ލިބޭ އެހީއާ މެދު ކަންބޮޑުނުވުމަށް ވެސް ޒުހައިރް އެދިވަޑައިގެންނެވި އެވެ.