ހަބަރު

ޔާމީންގެ ޕާޓީ އުފައްދަން އަނެއްކާވެސް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ ޕާޓިއެެއް އުފެއްދުމަށް ހުށަހެޅި ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލު ކުރުމުން އަލުން އެ ފޯމް ހުށަހަޅައިފި އެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރަސް (ޕީއެންސީ)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް އީސީއަށް ފޯމް ހުށަހަޅާފައި ވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އީސީ އިން އެ ފޯމް ބަލައި ނުގަންނަން ނިންމީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުރެ އަބްދުއްރަހީމް އެ ފޯމް ހުށަހެޅުމުންނެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް "އަވަސް"އަށް ވިދާޅުވީ ޕީޕީއެމް އިން އަބްދުއްރަހީމް ވަކިވުމަށް ފަހު ޕީއެންސީ އުފެއްދުމަށް އަލުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފޯމް ބަލައިގަނެ އެކަން ބަލަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޕާޓީ އިން ވަކިވުމަށް ފަހު މިއަދު އަލުން ވަނީ ފޯމް ހުށަހަޅާފައި، ޕީއެންސީއަށް ހުއްދަ ދިނުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން މިހާރު އެބަ ކުރަން،" ޝަރީފް ވިދާޅުވި އެވެ.

އާ ޕާޓީއެއް އުފައްދަން ރައީސް ޔާމީން ނިންމަވާފައި ވަނީ ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ހަވާލު ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމާ ގުޅިގެންނެވެ.