ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައި އާ ޕާޓީ -- ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުއްދަ ދީފި އެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް މިމަހުގެ 26 ވަނަ ދުވަހު ހުށަހެޅުއްވީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުالله ޔާމީންގެ މަސްއޫލުވެރިކަމުގައެވެ.

ރައީސް ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ކަމުގެ ލިޔުން އެ ޕާޓީއާ ހަވާލުކޮށްދެއްވީ އީސީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އީސީގެ ރައީސް ފުއާދު ތައުފީގު އެވެ.

ޕީއެންއެފް އިން ބޭނުންވީ މަސްއޫލުވެރިންގެ ގޮތުގައި އަށް ބޭފުޅަކު ހިމެނުމަށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވައިދު އޮތް ގޮތުން ޕާޓީއެއް އުފެއްދުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހެނީ އެންމެ މީހެއްގެ ނަމުގައެވެ.

ޕީއެންއެފްގެ އެންމެ އިސް އަށް ބޭފުޅުން

  • ކުރީގެ ރައީސް އަބްދުﷲ ޔާމީން
  • ކުރީގެ ނައިބް ޑރ. މުހައްމަދު ޖަމީލް އަހްމަދު
  • ޒޭން އަބްދުﷲ ޔާމީން
  • ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ
  • ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާދަމް
  • މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއީ؛ް
  • ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު
  • ޑރ. ޖިހާދު

ޕީއެންއެފް އުފެއްދުމުގެ ހުއްދަ މިއަދު ދިނުމާ ގުޅިގެން 3،000 މެންބަރުން ހަމަކުރުމަށް ޕީއެންއެފް އަށް މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

ރައީސް ޔާމީނާ އެކު މަސައްކަތް ކުރާ ޓީމުން މިހާރު ވަނީ އެމަނިކުފާނުގެ އާ ޕާޓީގެ ލޯގޯ އަަދި ކުލަ އިއުލާންކޮށް އެ ޕާޓީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް އެކްޓިވްކޮށްފަ އެވެ.

ރައީސް ޔާމީން އެންމެ ފަހުން ހުންނެވި ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވާކަން އެމަނިކުފާނުގެ ޓީމުން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މިއިއުލާނާ އެކު ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަޕޯޓަރުންނާ ދެމެދު ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.

ސިޔާސީ މައިދާނަށް ބަދަލެއް ގެންނާނެ ކަމަށް ބެލެވޭ ޕީއެންއެފްގެ މައުލޫމާތު ހާމަކުރުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ޑރ. މުހައްމަދު ޖަމީލް އާއި އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް އެވެ.

މަލީހް މީގެކުރިން ވިދާޅުވި ގޮތުގައި ޕީއެންއެފް ވަނީ އެ ޕާޓީ އުފެއްދުމަށް ހުއްދަ ދިނުމާ އެކު ރާއްޖޭގައި އެންމެ އަވަހަށް ރަޖިސްޓްރީ ކުރަން ހުށަހަޅާ ޕާޓީ އަށެވެ.

ރައީސް ޔާމީން މީގެކުރިން ވަނީ ޕީޕަލްސް އެލަޔަންސްގެ ނަމުގައިވެސް ޕާޓީއެއް އުފައްދަވާފަ އެވެ. ޕީއެންއެފްގެ ނަމާއި، ކުލަ، ޕީޕަލްސް އެލަޔަންސްގެ ނަމާއި ކުލައާއި ވަރަށް ބޮޑަށް އެއްގޮތެވެ.