ރާއްޖެ ކުޅިވަރު

ޓީސީ އަތުން މާޒިޔާ އަށް ފަސޭހަކަމާއެކު މޮޅުވެ، މާޒިޔާ ދެވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ޓީސީ ސްޕޯޓްސް އަތުން 3-1 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ތާވަލްގެ ދެވަނަ އަށް ޖެހިލައިފި އެވެ.

މެޗުގެ 15 ވަނަ މިނިޓުގައި މާޒިޔާ އަށް ލީޑު ހޯދައިދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. އަހުމަދު ނާޝިދު (ނާއްޓޭ) ދިން ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، ޕެނަލްޓީ އޭރިޔާ ތެރެއިން އާއްކޮ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ނުލައި ކުޅެމުންދިޔަ މާޒިޔާގެ ދެވަނަ ލަނޑު މެޗުގެ 21 ވަނަ މިނިޓުގައި ޖެހީ ސްޕެއިންގެ ފޯވަޑް ޕަބްލޯ ރޮޑްރިގޭޒެވެ. އާއްކޮ ހުރަސްކޮށްލި ބޯޅަ، ޕެނަލްޓީ އޭރިޔާ ތެރެއިން ޕަބްލޯ ވަނީ ބޮލުން ގޯލަށް އަމާޒުކޮށްލައިފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު މެޗުގެ 54 ވަނަ މިނިޓުގައި ޖެހީ މުހައްމަދު އުމެއިރެވެ. މާޒިޔާ އިން އުފެއްދި ކައުންޓާ އެޓޭކެއްގައި ޓީސީގެ ޑިފެންޑަރު އަލީ އިމްރާން (އިންމަ) ކައިރިން ދެމިގަނެ، އުމެއިރު ވަނީ ޕެނަލޓީ އޭރިޔާ ތެރެއިން ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ޓީސީ އަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 68 ވަނަ މިނިޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ބްރެޒިލްގެ ފޯވަޑް ރަފީނިއާ އެވެ. ޓީސީ އަށް ޕެނަލްޓީއެއް ލިބުނީ އަލީ ނާފިއު (ކަޅޭ) އަށް މާޒިޔާގެ އަަމްދާން އަލީ (އެންޑީ) ކުރި ފައުލަކާ ގުޅިގެންނެވެ.

މި މެޗުން މޮޅުވެ މާޒިޔާ ތާވަލްގެ ދެވަނަ އަށް ޖެހިލީ ހަތް ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އޮތް އީގަލްސް ވެސް ހަތް ޕޮއިންޓާއެކު އޮތް ނަމަވެސް، އީގަލްސް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ޓީސީ އޮތީ ހަތަރު ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މިހާރު މުހިންމީ ތިން ޕޮއިންޓް ހޯދުން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަަމަޖެހޭ ކަމަށެވެ.

"މިހާރު ޓީމު އޮތް ހާލަތަށް އަޅާބަލާއިރު ހަމަ މުހިންމީ ތިން ޕޮއިންޓް،" ސުޒޭން ބުންޏެވެ. "މި މެޗުގެ ކުރިން ވެސް މިއީ މާ އުނދަގޫ މެޗަކަށް ވާނެ ކަމަކަށް ނުބަލަން. އެގޮތަށް މެޗު ދިޔައީ ވެސް."

ސުޒޭން ބުނީ މާޒިޔާގައި މިހާރު އޮތް ސްކޮޑަށް ބަލާއިރު އަސަދުﷲ އާއި އިމްރާން ނުލައި ކުޅުމަކީ މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެއީ މައްސަލައަކަށް ވަންޏާ "އަޅުގަނޑު ޖެހޭނީ ގެޔަށް ދާން" ކަމަށް ސުޒޭން ބުންޏެވެ.

ރޭގެ މެޗުގައި މާޒިޔާގެ ގޯލް ބެލެެހެއްޓީ މުހައްމަދު ނިސާހު އެވެ. ނިސާހު ވަނީ ރޭގެ މެޗުގައި ރަގަޅު ކުޅުމެއް ދައްކައިފަ އެވެ.

ޓީސީގެ އެސިސްޓަންޓް ކޯޗު އަހުމަދު ރިޝްފާން (ރިއްޕޭ) މެޗުން ބަލިވީ "ފެށުން ގޯސްވުމުުން" ކަމަށެވެ.

"ފެށުން ހަމަ ތަންކޮޅެއް ދަށްކޮށް ދިޔައީ. ދެން ގޯސްތަކެއް ވެސް ހެދުނީ. އެކަމަކު ހަމަ އެންމެ ބޮޑު މައްސަލައަކަށްވީ ފެށުން ގޯސްވުން،" ނިއު ރޭޑިއަންޓާއި ހުރާ އަށް ކުރިން ކުޅުނު ރިއްޕޭ ބުންޏެވެ.