ހަބަރު

ކާރިސާއާބެހޭ ގާނޫނު ތަންފީޒުކުރަން ކަމެއް ކޮށްފައެއް ނެތް: މާރިޔާ

ކާރިސާއާބެހޭ ގާނޫނު ތަންފީޒުކޮށް އަމަލު ކުރަން މިއަދާ ހަމައަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ކާރިސާއާބެހޭ ގާނޫނު ރައްޔިތުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ކާރިސާއާބެހޭ ގާނޫނު އެކުލަވާލާފައިވަނީ ވަރަށްވެސް ގިނަ ތަޖުރިބާތަކެއްކޮށް އެކަންކަން ހިނގާފައިވާގޮތް ވަރަށް ބޮޑަށް އެނގިގެން ކަމަށެވެ. އަދި ކާރިސާއަކަށް ތައްޔާރުވުމަށް ކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން، އެ ގާނޫނުގައި ދައުލަތާއި ރައްޔިތުންގެ ދައުރު ވަރަށް ރަނގަޅަށް ބުނެދޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހާދިސާއެއް ކަނޑައެޅުމާއި އިއުލާން ކުރަން އަދި އެހީ ފޯރުކޮށްދޭނޭ ގޮތްގޮތްވެސް ކިޔާދޭ، ޑީޒާސްޓާގެ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކިޔާދޭ، ޑިޒާސްޓާގެ ސްޓެއަރިން ކޮމިޓީއެއްގެ ވާހަކަ ކިޔާދޭ، ކައުންސިލެއްގެ ވާހަކަ ކިޔާދޭ، މިފަދަ ބައިވަރު ކަންކަން ކިޔާދޭ އެގާނޫނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކާރިސާގެ ގާނޫނުން ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މުދާ ބޭނުންކުރުމުގެ ބާރުވެސް ލިބިގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން ވަކި މީހެއްގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކާރިސާއާބެހޭ ގާނޫނު ތަންފީޒު ކުރުމަށް މިއަދާ ހަމައަށްވެސް އެއްވެސް ކަމެއް ކޮށްފައެއްނުވޭ، ސުނާމީ އާފަހުން 14 އަހަރު، ގާނޫނު ފާސްކުރިތާ ތިން އަހަރު ގާނޫނީ ބާރު ލިބިގެން މި ކާރިސާތަކުގައި ހަރަކާތްތެރިވުމަކީ މުހިންމުކަމެއް ކަމުގައި ދެކިގެން އަޅުގަނޑުމެން ރައްޔިތުން މަޖިލީހުން ގާނޫނެއް ފާސްކުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނު ފާސްކުރިފަހުން އެތަކެއް ދުވަހެއްވެފައިވާއިރުވެސް، އޭގެ ފަހުންވެސް އެތަކެއް ކުދިކުދި ކާރިސާތައް ދިމާވެފައިވާ ކަމަށެވެ. ނަމަވެސް ގާނޫނުގެ ތެރެއިން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގާނޫނު ރަނގަޅު ގޮތެއްގައި ބޭނުންކޮށް ދެެމެހެއްޓެނިވި ގޮތެއްގައި އެގާނޫނުގެ ދައުރު އަދާކުރެވިގެން ނޫނީ ރަނގަޅު ތަރައްގީއެއް ނުގެނެވޭނެ އެވެ. އަދި ވިދާޅުވީ، މިއަދު ލިބޭ އެންމެ ބޮޑު އުފަލަކީ މިސަރުކާރުން އެގާނޫނު ތަންފީޒުކޮށް އަމަލު ކުރުމުގެ ބާރު ލިބިގެންދިއުން ކަމަށެވެ.