ހަބަރު

ކާރިސާއާ ގުޅޭ ގާނޫނު ތަންފީޒު ކުރާނަން: ރައީސް

Dec 26, 2018

ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި 2015 ވަނަ އަހަރު ތަސްދީގުކޮށްފައިވާ "ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު" ތަންފީޒުކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ފައްޓަވާފައިވާ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރ. ދުވާފަރުގައި ބޭއްވެވި، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުން ލާޒިމްކުރާ އެންމެ މުހިއްމު ކަންތައް ކަމަށްވާ ކާރިސާގެ ކަންކަން ބެލެހެއްޓުމަށާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކާއި ނުރައްކާތައް ކުޑަކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވާނީ ފައްޓަވާފައި ކަމުކަމަށް ވިދާޅުވި އެވެ.

އެ ގާނޫނުގެ ދަށުން، ނޭޝަނަލް ޑީޒާސްޓާ މެނޭޖްމަންޓް ކައުންސިލެއް އެކުލަވާލައި، އެކައުންސިލްގެ ލަފާގެ މަތިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސްޓިއަރިން ކޮމިޓީއެއް އުފެއްދުން ލާޒިމްކުރާ ކަމަށާއި، އެކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރިހަމަވެގެންދާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން، ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެކަންކަން ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ، "ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން"ގެ ފުރަތަމަ ދެލިކޮޕީވެސް މިހާރުވަނީ ނިމިފައި ކަމަށާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ހަރަދުތަކަށް ލިބޭ ފައިސާ ޖަމާކުރުމަށް "ޑިޒާސްޓާ މެނޭޖްމަންޓް ޓްރަސްޓް ފަންޑް"ގެ ނަމުގައި މިމަހުގެ 16 ވަނަ ދުވަހު ފަންޑެއް ގާއިމް ކޮށްފައިވާކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ "ޑިޒާސްޓާ މެނޭޖްމަންޓް ޓްރަސްޓް ފަންޑް"އަށް ލިބޭ ފައިސާ އެ ނޫން ކަމަކަށް ހޭދަނުކުރެވޭނެކަން ސަރުކާރުން ކަށަވަރު ކުރައްވާނެ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކާއި ކޮޅިގަނޑުތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކަށް، އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިންތިޒާމުތަކެއް ހަމަޖައްސަމުން ގެންދަވާ ކަމުގެ މައުލޫމާތު ރައީސް ހިއްސާ ކުރެއްވިއެވެ.

އެގޮތުން، ކުއްލި ހާލަތްތަކުގައި ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި ކައްކާގޭހާއި ބޭސްފަދަ ތަކެތީގެ އެކަށީގެންވާ ސްޓޮކެއް، ރައްކާކުރެވިފައި ހުންނާނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާއެއް ފަދަ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ހާލުގައިޖެހޭ އާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް، ކޮންމެ އަތޮޅެއްގައި ގާއިމްކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ރާއްވަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހީންގެ އެއްބައިވަންކަމުގެ ދުވަސް ފާހަގަކުރަނީ، ސުނާމީގެ ބިރުވެރި ކާރިސާގައި ދިވެހީން ދައްކުވައިދިން އިންސާނިއްޔަތުކަމާ، އެއްބަނޑުއެއްބަފާކަމާ، އެކުވެރިކަމުގެ މަތިވެރި ރޫހް، ދިރުވައި އާލާކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި، ސުނާމީގެ ދުވަހުގައި ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަން، ބައިނަލްއަގްވާމީ މުޖްތަމައު ބަލައިގެންފައިވަނީ ނަމޫނާއެއްގެ ގޮތުގައިކަން ރައީސް އުފަލާއެކު ފާހަގަ ކުރެއްވިއެވެ.