މީގެ 14 އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާއިން ދިވެހިންނަށް ކާމިޔާބު ހޯދުނީ އަގީދާ ވަރުގަދަ ވީމަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރ. ދުވާފަރުގައި ބޭއްވެވި، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި އަމިއްލަ ތަޖުރިބާ ވެސް ހިއްސާ ކުރައްވާފަ އެވެ. އެމަނިކުފާނު އެ ދުވަހު ހުންނެވީ އުފަން ރަށް، ޅ. ހިންނަވަރުގަ އެވެ. އެއް ދަރިއަކު ރާޅުން ސަލާމަތްވުމަށް ފާރުމަތީ އިންއިރު އަނެއް ދަރިފުޅު ގަހަކަށް އެރުވި މަންޒަރު މިހާރު ވެސް ސިފަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ސުނާމީ ކާރިސާއަކީ އާއިލާތައް ވިއްސި ވިހާލިކޮށްލި ހިތި ތަޖުރިބާއެއް ކަމަށާއި އެ ހާދިސާއަކީ މުދަލާއި ގެދޮރަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިގެންދިޔަ ހާދިސާއެއް ކަމަށެވެ. އިގްތިސޯދީ އަދި އިޖްތިމާއީ ގޮތުން ރާއްޖެ ފުން ވަޅުގަނޑަކަށް ގަންބާލިކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެ ދުވަހުގެ ބިރުވެރިކަމުން ދިވެހިންގެ ހިތްތަކަށް ހަމަޖެހުން ލިބިގެން ދިޔައީ މާތްﷲގެ އޯގާވަންތަކަމާ މެދު ދިވެހިންގެ މެދުގައި އޮތް ޔަގީންކަމުގެ ސަބަބުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ދިވެހިންނަށް ކުރިމަތިވި ހައިހޫނު ކަމުން ސަލާމަތްވުމުގެ ވަސީލަތަކަށްވީ މާތްﷲގެ ހަސްރަތުގައި ކެތްތެރިކަމާއެކު ކުރި ދުއާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.