ހަބަރު

ވަޒީފާތައް ގެއްލެނީ ސަރުކާރު މަތިބަރު ވާތީ: އުމަރު

ސިވިލް ސާވިސްގެ ގާނޫނަށް ގެނައި ބަދަލާއެކު ހައުސިން މިނިސްޓްރީގެ މުއައްޒަފުން ތަކެއްގެ ވަޒީފާތައް ގެއްލެނީ ސަރުކާރު މަތިބަރުވާތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަޗާ މިނިސްޓްރީގައި ތިބި މުވައްޒަފުންގެ ތެރެއިން 40 މުވައްޒަފެއްގެ ވަޒީފާ ގެއްލޭނެ ކަމުގެ ބިރު ހީވީ އާ އުސޫލުގައި ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން މެރިޓް އުސޫލުން ވަނީ ދަރަޖަ ކޮށްފައިވާތީ އެވެ. އުސޫލުގައިވާ ގޮތުން މެރިޓް އުސޫލުން މުވައްޒަފުން ދަރަޖަކޮށް އިތުރުވާ މުވައްޒަފުން ދޫކޮށްލަން ޖެހޭނެ އެވެ. އެކަމުގައި ބަލަނީ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ އާއި ތަމްރީނު އަދި ފެންވަރަށެވެ.

އެކަމާ ގުޅިގެން އުމަރު ވިދާޅުވީ، 40 މުއައްޒަފުން ވަޒީފާއިން ވަކު ކުރަން ނިންމި ނިންމުމާމެދު ހިތާމަކުރާ ކަމަށެވެ. އެކަން އެގޮތަށް ދިމާވުމުގެ ނަތީޖާއަކީ ސަރުކާރު މަތިބަރުވަމުންދާތީ ކަމަށެވެ. އަދި ސްޓޭޓް މިނިސްޓަރުންނާއ ޑެޕިއުޓީ މިނިސްޓަރުން އިތުރުވެ، ސަރުކާރު މަތިބަރުވި ވަރަކަށް ސިވިލް ސާވިސް މުއައްޒަފުންގެ ވަޒީފާ ގެއްލުން އިތުރުވެގެންދާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

އަލަށް އެކުލަވާލި އުސޫލާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެއްވެސް އިދާރާއަކަށް އަންގާފައިނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން އަވަސްއަށް ވިދާޅުވި ގޮތުގައި އެކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނާއެކު ދަނީ މަޝްވަރާތައް ކުރަމުންނެވެ.

އެމުއައްޒަފުން ވަޒީފާއިން ވަކި ނުކުރުމަށް ގޮވާލައި ހައުސިން މިނިސްޓްރީގެ މުއައްޒަފުންތަކެއް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފަ އެވެ. މިނިސްޓްރީގެ 75 މުވައްޒަފަކު ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި ބުނެފައިވަނި، ހައުސިން މިނިސްޓްރީ ދެ މިނިސްޓްރީ އަކަށް ބައިކޮށް، ސިވިލް ސާވިސް އިން އަލަށް އެކުލަވާލައިފައިވާ އޮނިގަނޑާ ގުޅިގެން ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލި މަގުމަތި ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެން ކަމުން މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ގޮތަކަށް އަމަލުކޮށް ދިނުމަށް އެދޭ ކަމަށެވެ.