ރައީސް މުހައްމަދު ނަޝީދު

"އުންމީދުތައް ހާސިލު ކުރަން އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ބޭނުން"

Dec 27, 2018
11

ދިވެހި ރައްޔިތުންގެ އާ އުއްމީދުތައް ހަގީގަތަކަށް ހެދޭނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ފުރިހަމަ މެޖޯރިޓީ ލިބިގެން ކަމަށް ކުރީގެ ރައީސް އައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ މުހައްމަދު ރަޝީދުގެ ކެމްޕޭން ފަށަން ބޭއްވި އިވެންްޓެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖުޑިޝަރީ ހިމެނޭ ގޮތަށް ހުރިހާ މިނިވަން މުއައްސަސާއެއް ޒިންމާދާރުކޮށް ޖަވާބުދާރީ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި މަޖިލީހަށް އެކަން ކުރެވޭނީ އެމްޑީޕީއަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއެއް ލިބިގެން ކަމަށެވެ. އެ މެޖޯރިޓީ ނުލިބި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަށް ހަދައި ނުދެވޭނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އިންސާފަށް އޮތް ހުރަހަކީ ޝަރުއީ ނިޒާމް ކިލަނބުވެފައި އޮތުން ކަމަށާއި ޖުޑިޝަރީ އިސްލާހްކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށްވާތީ އަންނަ އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ ހޯދަން ޖެހޭ ކަމަށެވެ.

"ރިޔާސީ އިންތިހާބު އެމްޑީޕީއަށް ދެއްވައިފި، މި ދެ ވަނަ ފަހަރު ދެއްވި. [އެކަމަކު] ރައްޔިތުންގެ މަޖިލީސް ލިބި ނުދާތީވެ، ރިޔާސީ އިންތިހާބުގައި އެ ލިބޭ ކާމިޔާބު، މާބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކުރަން ދަތިވޭ،" ނަޝީދު ވިދާޅުވި އެވެ.