ހަބަރު

އަސާސީ ހިދުމަތްތައް ގާއިމް ކުރަން ރިސޯޓުތަކުގެ އެހީ ބޭނުން: ރައީސް

ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމް ކުރުމަށް އެ ރަށްތައް ކައިރީ ހުންނަ ރިސޯޓުތަކާއި ވިޔަަފާރިވެރިންގެ އެހީ ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނ. ހެނބަދޫއަށް ވަޑައިގެން އެ ރަށު ނަރުދަމާ ނިޒާމް އިފްތިތާހުކޮށް ދެއްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމް ފަދަ އަސާސީ ހިދުމަތްތައް ހުރިހާ ރަށަކަށް ފުއްދައި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ކުރުމުގައި ރިސޯޓުތަކާއި ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭނަމަ ދައުލަތުގެ ބަޖެޓަށް ލުއިތަކެއްވާނެ ކަމަށާއި އެއާއެކު އަސާސީ ހިދުމަތްތައް ވެސް ފުރިހަމަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހެނބަދޫ ފަދަ ކިތަންމެ ރަށެއް އެބަހުރި ކަމަށާއި އެފަދަ އަސާސީ ހިދުމަތްތައް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް، އަދި އެފަދަ ރަށްރަށުގެ ކައިރީ ހުރި ރިސޯޓުތަކުގެ އެހީތެރިކަން ލިބޭނަމަ ދައުލަތުގެ ބަޖެޓަށް ބުރައަކަށް ނުވެ، ހަލުވި މިނެއްގައި އަސާސީ ހިދުމަތްތައް ފުރިހަމަ ވެގެންދާނެ،" ރައިސް ވިދާޅުވި އެވެ.

ހެނބަދޫގެ ހާލަތު ބަޔާންކޮށްދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ރަށުގެ ގޯތިތައް ކުދިވުމުގެ ސަބަބުން އެ ގޯތިތައް ނަޖިސް ފެން ދޫކުރަމުން އައީ މަގުތަކުގައި ހަދާފައި ހުންނަ ވަޅުގަނޑު ތަކަށް ކަމަށާއި އޭގެ ސަބަބުން ރަށުގެ ފެން ފަށަލަ އެކުގައި ތަގައްޔަރުވެ، ނަޖިސްވެފައިވާ ކަމަށެވެ.

"18.9 މިލިއަން އަށް ވުރެ ބޮޑު ހޭދައެއް ކުރައްވައިގެން ގާއިމްކޮށްދެވި ނިޒަމްގެ ސަބަބުން ރަށު ރައްޔިތުންނަށް ބޮޑެތި ފައިދާ ވާނެ،" ރައިސް ސޯލިހު ވިދާޅުވި އެވެ.

ފަސޭހައިން ލަފާ ފުރޭނެ ގޮތަށް ރަށުގައި ހަމަޖެހިފައި ނެތް ކަމަށާއި ދެ ފާލަށް އޮތަށް ދެ ތަން ވެސް ވަނީ ހަލާކުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ވިއްސާރަ މޫސުމުގައި ރަށުގައި ފެންބޮޑުވާ ކަމަށާއި ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށާއި އެވެސް ހައްލު ކުރަން ޖެހިފައި އޮތް މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުގައި 757 މީހުންގެ އާބާދީއެއް އޮތް އިރު ބިން ފުރިފައި ހުރި ކަމަށާއި ގޯތި ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ނަމަވެސް ގޯތި ގެދޮރުގެ ދަތިކަން ހައްލުވެ، ކޮންމެ އާއިލާއަކަށް ދިރިއުޅޭނެ ހިޔާވެހިކަން ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވެރިކަމާ ހަވާލުވީ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ދަތިތައް ފިލުވައިދީ ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދޭން،" ރައީސް ވިދާޅުވި އެވެ.