ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަންނަ އަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ތެރަޕިއުޓިކް ހިދުމަތް އާސަންދައިގެ ދަށުން ހިލޭ ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅައިފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވަނީ އިފުތިތާހުކޮށްދެއްވާފަ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ، ތެރަޕިއުޓިކް ހިދުމަތްތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުން މާލީގޮތުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށާއި ސަރުކާރުން ވައުދުވި ގޮތަށް މިއަދުން ފެށިގެން އެކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އެބައެއްގެ ހައްގުގައި މަސައްކަތް ކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމަށް ވަރަށް ބޮޑު އިމްޕެކްޓެއް ނުވަތަ އެފަރާތްތަކުގެ ދިރިއުޅުމަށް ވަރަށް މުހިންމު މަސައްކަތެއް މިއަދު އިފްތިތާހު ކުރެވިގެން މިދަނީ،" ސިދާތާ ވިދާޅުވި އެވެ.
ސިދާތާ ވިދާޅުވީ، މި ފަދަ ހިދުމަތްތަކަކީ ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭ ހިދުމަތްތަކެއް ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އިސްކަން ދެނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ހާއްސަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް ކަމަށެވެ.
އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކެއް ޖެނުއަރީ އިން ފެށިގެން ޕްރެކްޓިކަލީ މިކަން ހިގަން ފަށާނެ، އަދި މި ހިދުތައް އެދި ހުށައަޅާ ފޯމު ހުށައެޅުމާއި މި މަސައްކަތް އާސަންދަ އޮފީހުންނާއި އެންސްޕާގެ އޮފީހުންވެސް ކުރިއަށްދާނެ. އަޅުގަނޑުމެންގެ މި ހިދުމަތްތައް ރަސްމީ ގަޑީގެ އިތުރުންވެސް ލިބޭނެ ގޮތްތައް، އެހެން މުވައްސަސާތަކާއި އަދި ހޮސްޕިޓަކުތަކާއި ވާހަކަދައްކައިގެން އެހީތެރިކަން ލިބޭނެ ގޮތް، އިތުރު ގަޑިތަކުގައި ލިބޭނެ ގޮތް އިންތިޒާމުކުރަމުންދާ މަސައްކަތް ކުރަމުންދާ ވާހަކަވެސް ދަންނަވާލަން." މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ވަނީ އެހިދުމަތް އަަމަލީ ގޮތުން ފެއްޓެވުމުގެ ކުރިން އެސްކީމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މިއަދު ވަނީ ބާއްވާފަ އެވެ. އެގޮތުން ބައިވެރިންނަށް އެކަމާ ގުޅޭ މައުލޫމާތު ވަނީ އެންސްޕާގެ ސީއީއޯ އިސްމާއީލް އައްޒާމް ވަޖީހު އެވެ.