ހަބަރު

ޝިދާތާއާއެކު ހިޝާންގެ މައްސަލަ ގެއްލިއްޖެ!

Feb 24, 2020
10

ޖެންޑާ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް ވަކި ކުރަން ރައްޔިތުން މަޖިލީހުގެ ސާފު މެޖޯރިޓީ އޮތް އެމްޑީޕީން ނިންމީ ކުރީގެ ޑިސްއޭބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ތުހުމަތުވި ޖިންސީ ގޯނާގެ މައްސަލައެއްގައި މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބުނެ އެވެ. އެކަން ބޮޑުވެ ފުލުހުންނާއި މުއައްސަސާތަކުން ހިޝާންގެ މައްސަލަ ބަލައި އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ޝިދާތާ އިސްތިއުފާ ދެއްވީ އެވެ. ހިޝާންގެ މައްސަލަ ވެސް މަންޒަރުން ގެއްލި އޮބިގެން ދިޔައީ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީ ހޯދަން މަސައްކަތް ކުރާ މީހެއް ގޮތުގައި މަޝްހޫރުވި ހިޝާންގެ މައްޗަށް ކުރަނީ ފުރާވަރުގެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ތަޅުމުގައި ބަހުސްކޮށް ފިޔަވަޅު އަޅުމުގެ މަސައްކަތް ކުރި އެވެ.

ހިޝާންގެ މައްސަލަ ފެންމަތިވީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ޒުވާނެއްގެ ބެލެނިވެރިކަން ހޯދަން ހިޝާން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލާގައި ނާކާމިޔާބުވުމުން އެކަން ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. އެ މައްސަލާގައި ފެމިލީ ކޯޓުން ވަނީ 21 އަހަރުގެ އެ ޒުވާނާ ހިޝާންއާއެކު ދިރިއުޅެމުން އައިއިރު އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭކަން ޖެންޑާ މިނިސްޓްރީއަށް އެނގޭ ކަމަށް ބުނެފަ އެވެ. އަދި ހިޝާންއަށް ބެލެނިވެރިކަން ނުދޭން ހުކުމް ކުރީ ފުލުހުންގެ އިންޓެލިޖެންސް އާއި ޖެންޑާ މިނިސްޓްރީގެ ރިޕޯޓަކަށް ރިއާޔަތް ކުރުމަށް ފަހުގަ އެވެ.

އެ ތުހުމަތުތައް އޮތް އިރު ވެސް ހިޝާާންއަށް މި ސަރުކާރުން ވަނީ ޑިސްއޭބިލިޓީ އެމްބަސިޑާކަން އާ ކޮށްދީފަ އެވެ. އަދި އެ ޒުވާނާ ވެސް ހުރީ ހިޝާންގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް މިހާރު ވަނީ ހިޝާނާ ވަކިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ޒުވާނާ މިހާރު ހުރީ އޭނާގެ ރަށުގެ އެވެ.

ހުރިހާ ދުވަހަކަށް ފަހު އެ މައްސަލަ ފެންމަތިވި އިރު ޖެންޑާ މިނިސްޓްރީގެ ގިނަ އިހުމާލުތަކެއްގެ މައްސަލަ ވެސް އޮތީ ފުނިޖެހިފަ އެވެ. އަދި ހިޝާންގެ މައްސަލައާއެކު ޝިދާތާ މަގާގުން ވަކިވާން ޖެހުން ނަމަވެސް އޭގެ ފަހުން ހިޝާން މައްސަލައިގެ އެއްވެސް ވާހަކައެއް މަޖިލީހުގައި ވެސް އަދި އެހެން މުއައްސަސާއަކުން ވެސް ނުދައްކަ އެވެ.

އެ މައްސަލާގައި ފުލުހުން ކުރަމުން އަންނަ ތަހުގީގު ގޮސްފައި އޮތް ހިސާބެއް ހޯދަން އެ އިދާރާއިން މައުލޫމާތު ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.