ހަބަރު

ޕްރައިމަރީއާއި ނުލާ 12 މެމްބަރުންނަށް ޓިކެޓްދޭން ވި ވައުދު ދަމަހައްޓާނަން: މައުމޫން

ދައުރުގެ ތެރެއިން، ގޮނޑި ގެއްލުނު ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް ޕްރައިމަރީއާ ނުލާ ޓިކެޓްދޭން ވެފައިވާ ވައުދުމަތީ ދެމި ހުންނަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސްކަން ވެސް ކުރައްވާ މައުމޫން ކުރެެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވުމަކަށް ގެނައުމަށާއި، އިސްލާހަށް މަސައްކަތް ކުރާނެ ކޯލިޝަން ސަރުކާރެއް ގާއިމް ކުރުމަށްޓަކައި 12 މެމްބަރުން ކުރެެއްވި ބުރަ މަސައްކަތާއި ގުރުބާނީ ތަކުގެ އަގު ވަޒަންކޮށް، ޕްރައިމަރީއަކާއި ނުލާ 12 މެމްބަރުންނަށް މަޖިލިސް އިންތިހާބަށް ކުރުމަތިލުމުގެ ފުރުސަތު އެރުވުމަށް ކުރިން ވައުދުވިގޮތުގެ މަތީގައި ދެމި ހުންނަވާނެ ކަމަށެވެ.

ރައީސް މައުމޫން އެގޮތަށް ޓުވީޓް ކުރައްވާފައިވާއިރު، ކޯލިޝަންގެ ތެރޭގައި ހިމެނޭ އެމްޑީޕީން ވަނީ މަޖިލީހުގެ 87 ދާއިރާއަށް ވާދަ ކުރުމަށްޓަކައި ޕްރައިމަރީއަށް ހުޅުވާލައި، ޕްރައިމަރީ ބޭއްވުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މީގެ އިތުރުން ޖުމްހޫރީޕާޓީއިންވެސް ވަނީ އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

ޕްރައިމަރީއަކާ ނުލާ ޓިކެޓްދޭން ކުރިން ނިންމީ ރައީސް ޔާމީންގެ ޕީޕީއެމްގައި ތިއްބެވުމަށްފަހު އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތް 12 މެމްބަރުންނަށެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އީސީން ނިންމާ ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހަށްވެސް ވަނުމުގެ ފުރުސަތު ނުލިބި ދިޔަ އެވެ.

މެމްބަރު ކަމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅުމަށްފަހު، ގޮނޑި ނުގެއްލޭ ކަމަށް ފަހުން ނިންމި މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.

އެ މެންބަރުން ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވި ވަޑައިގަތް ކަމަށް އަޑުތައް ފެތުރުމާ އެކު، އެމްޑީޕީގެ އާންމު މެންބަރުން އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލި އެވެ.