ހަބަރު

ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ތިން އަތޮޅަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހުގެ ދަތުރުފުޅުގައި ވަޑައިގެންފައިވަނީ ރ އަތޮޅު ދުވާފަރަށާއި، ނ. އތޮޅު ހެނބަދޫއަށާއި ޅ. ހިންނަވަރަށާއި އެއަތޮޅު ނައިފަރަށެވެ.

ރައީސްގެ އެ ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނު ވަނީ ރ. އަތޮޅު ދުވާފަރަށް ވަޑައިގެން، ދުވާފަރު ކައުންސިލާއި އެއަތޮޅު އުނގޫފާރު ކައުންސިލާ ވަކިވަކިން ބައްދަލުކުރައްވައިފައެވެ. އަދި ދުވާފަރުގައި ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ރައީސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. މީގެއިތުރުން ރައީސް ސޯލިހު އިއްޔެ ވަނީ އެމަނިކުފާނު އުފަން ރަށްކަމުގައިވާ ހިންނަވަރަށް ނުރަސްމީ ޒިޔާރަތެއްވެސް ކުރައްވާފަ އެވެ.

އެ ދަތުރުފުޅުގައި، ރައީސް ސޯލިހު މިއަދު ހެނދުނު ޅ. ނައިފަރަށް ޒިޔާރަތްކުރައްވައި، ނައިފަރު ކައުންސިލާވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި، އެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެގޮތުގައި ރައީސް ސޯލިހު ވަނީ ނ. ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ހިދުމަތް ފަށްޓަވައިދެއްވާފައިވެއެވެ.