ދުންދަނޑި ޖަހައިގެން ސޮލަވާތް ކިޔެވުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން އޮފީސް ހުޅުވައިފި އެވެ.
ސޮލަވާތް ކިޔަވާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އެވެ. އޭގެ ފަހުން މިނިސްޓަރު ޝާހިދު ވަނީ ރައީސް ނަޝީދުގެ ކެމްޕޭން އޮފީސް ރަސްމީކޮށް ހުޅުވައި ދެއްވާފަ އެވެ. ރައީސް ނަޝީދުގެ މަޖިލިސް ކެމްޕޭން އޮފީސް ހުޅުވާފައިވަނީ މައްޗަންގޮޅި މާޒާ ގޭގައި އެވެ.
ޝާހިދުއާއެކު ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް އިސްވެރިންގެ އިތުރުން އެ ޕާޓީގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
އޮފީސް ހުޅުވާދެއްވުމަށްފަހު ޝާހިދު ވިދާޅުވީ، 19 ވަނަ ރައްޔިތުން މަޖިލީހަށް ލިބޭ އެންމެ ބޮޑު އުންމީދަކީ ރައީސް ނަޝީދު ވާދަ ކުރެއްވުން ކަމަށެވެ. އަދި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތާމައަކީ ރައީސް ނަޝީދާއެކު މަޖިލީހުގެ މަސައްކަތުގައި ބައިވެރި ނުވެވުން ކަމަށެވެ.
ޝާހިދު ވިދާޅުވީ، ރައީސް ނަޝީދު މަޖިލީހުގައި އިންނަވައިގެން މަޖިލީހުގެ އެއްވެސް ކަމެއް ގޯހުން ދިޔަ ނުދޭނެ ކަމަށާއި އެމަނިކުފާނު މަޖިލިސް އިންތިހާބަށް ނިކުމެވަޑައިގެން ހުންނެވީ އެ އަޒުމާއި އެހިތްވަރުގައި ކަމަށެވެ. 19 ވަނަ މަޖިލިސް އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށް ދުސްތޫރީ ނިޒާމް ހަމައަކަށް އެޅިގެންދާ މަންޒަރު ފެނިގެންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ނިކުންނަވަނީ މައްޗަންގޮޅި މެދު ދާއިރާ އަށެވެ. އެ ދާއިރާއަކީ އަލަށް މަޖިލިސް އިންތިހާބުގައި ކަނޑައަޅާފައިވާ ދާއިރާ އެކެވެ. އެ ދާއިރާއަށް ނުކުންނާނެކަން އިއުލާން ކުރައްވާފައިވަނީ މިމަހު ހަތަރު ވަނަ ދުވަހު އެވެ.
އެމްޑީޕީ މަޖިލިސް އިންތިހާބު ޕްރައިމަރީގައި 280 މީހަކު ވާދަކުރަން ނިންމާފައިވާ ކަމަށް އެޕާޓީ އިން ބުންޏެވެ. ޕްރައިމަރީގައި ވާދަ ހުޅުވާލީ 87 ދާއިރާއަށެވެ. އެ މުއްދަތުގައި 86 ދާއިރާއަކަށް ޖުމްލަ 280 މީހަކު ކުރިމަތިލާފައިވެ އެވެ. ނިލަންދޫ ދާއިރާއަށް އެއްވެސް މީހަކު ކުރިމަތިލާފައިނުވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލީ 280 މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެއީ 259 މީހުނެވެ. ކުރިމަތިލާފައިވަނީ 21 އަންހެނުންނެވެ.
އެ ޕާޓީއިން ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުން އަންނަނީ ފެށޭ އަހަރުގެ ކުރީކޮޅެވެ. މަޖިލީހުގެ އިންތިހާބު އޮތީ އޭޕްރީލް ހަވަނަ ދުވަހު އެވެ.