ގާނޫނު އޮތް ގޮތުން ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރަން ކަނޑައެޅުމަށްފަހު އެހެން ދިމާލަކުން ވާދަ ނުކުރެވޭނެ ކަމަށާއި، އެހެން ކަމުން ކުރީގެ ރައީސް އަބުދުﷲ ޔާމީން ވަނީ އެމަނިކުފާނުގެ ހުރިހާ ކެނޑިޑޭޓުންނަށް "ގަނޑުކޮށް" ލަނޑެއް ދެއްވާފައި ކަމަށްވެސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން އެމްޑިޕީއިން ހުޅުވާލި ޕްރައިމަރީގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ޝައިޙް ހުސައިން ރަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ވިލިމާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން މަސައްކަތް ކުރަމުންދަނީ މަޖިލީހަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތަށް ލީޑާޝިޕުން ކަނޑައެޅުމުގެ ބަދަލުގައި އެމްޑީޕީގެ މެމްބަރުން އެ ފަރާތްތަށް ކަނޑައަޅަން ކަމަށާއި، އެކަން އެމްޑީޕީން ކުރަމުން އަންނަ އިރު ކުރީގެ ރައީސް ޔާމިން މިހާރު އުޅުއްވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަން ކަމަށެެވެ.
"އަނެއްކާ. ބައްލަވާ މިކަން ކުރައްވާފައި އޮތް ގޮތް. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ރައީސް މައުމޫން ހައްދަވަމުން ގެންދެވި އިރުގައި އެތަން ކިލަނބުކޮށް، ފަނި ކުރައްވާ، އެތަނުން ނިކުންނަވާ، ޕީއޭ ކިޔާ ޕާޓީއެއް ހައްދަވައިގެން، ފުރަތަމަ މި ދިވެހި ރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ރައީސް ޔާމީން ފެއްޓެވި. ދެން އެ ޕާޓީ އުވާލައްވާފައި، އަނެއްކާ ޕީޕީއެމް ރައީސް މައުމޫން ހެއްދެވީމާ، އެޕާޓީއާއި ގުޅިވަޑައިގަންނަވާ އެޕާޓީއިން ރައީސް މައުމޫން ވަކި ކުރައްވާ، އެޕާޓީ ހިސޯރުކުރައްވާ، މިހާރު އަނެއްކާ އެހެން ޕާޓީއެއް ހައްދަވަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އިންތިހާބުގައި ކޮންމެވެސް ބަޔަކާއި ވާދަކުރަން ޖެހޭ އިރު، ވާދަވެރިން ނިންމަވަނީ އާ ޕާޓީއެއް އުފައްދަން ކަމަށާއި، އެމްޑީޕީން ޕްރައިމަރީ ބާއްވަން މަސައްކަތް ކުރަމުން އަަންނަ އިރު، ރައީސް ޔާމީން ވަނީ ޕީޕީއެމުން އިންތިހާބުގައި ވާދަކުރަން ބަޔަކަށް ޓިކެޓް ދީފައި ކަމަށާއި، އަނެއްކާ އާ ޕާޓީންވެސް ޓިކެޓްދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.