ހަބަރު

ކުދި ވިޔަފާރިތަކަށް ލޯނު ދޭން އާ ކުންފުންޏެއް އުފައްދަނީ

ކުދި ވިޔަފާރިތައް ތަރައްގީ ކުރަން ލޯނު ދިނުމަށް، “އެސްއެމްއީ ފައިނޭންސިން އެންޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ” ނަމުގައި ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް އުފައްދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ގެސްޓް ހައުސް ސިމްޕޯސިއަމް ނިންމުމަށް ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ ވިޔަފާރިއެއްގެ މައިބަދައަކީ މާލީ ތަނަވަސްކަން ކަމަށާއި، އެކަން ފަހިކޮށްދިނުމަށްޓަކައި އެސްއެމްއީ ފައިނޭންސިން އެންޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް އުފައްދަވާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެ ކުންފުނި ފުރަތަމަ ގާއިމް ކުރެވޭނީ ޑިޕޮސިޓް ނުނަގާ ފައިނޭންޝިއަލް އިންސްޓިޓިއުޓެއްގެ ގޮތުގައި ކަމަށެވެ. އަދި މެދު ރާސްތާގައި އެސްއެމްއީ ބޭންކެއްގެ ގޮތުގައި ޑިޕޮޒިޓް ނެގޭގޮތަށް ބަދަލުވެގެންދާނެ ކަމަށާއި، އެ ކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ފަށާނެ ކަމަށެވެ.

މީގެ އިތުރުން، އެ ބޭންކަކީ ދިވެހި ތާރީހުގައިވެސް މީގެ ކުރިން އުފައްދާފައިނުވާ ގޮތަކަށް އުފައްދާ ބޭންކެއް ކަމަށާއި، އެގޮތުން މާލޭ ސިޓީ ކައުންސިލާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ހިއްސާ އެ ބޭންކުގައި އޮންނާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އެބޭންކު އުފެދިގެންދާނީ ދިވެހިންގެ މާލީ ތަނަވަސްކަމާއި، އިގްތިސާދީ ފުދުންތެރިކަން އިތުރު ކުރުމުގައި ވިޔަފާރިވެރިންނާއި، ސަރުކާރު އަތުގުޅާލުމަށް ގާއިމް ކުރެވޭ މާލީ އިދާރާއަކަށް ކަމަށެވެ. އެ ބޭންކުން ގެސްޓް ހައުސް ތައް އެޅުމަށާއި، ގެދޮރު އިމާރާތް ކުރުމަށް ލޯނު ދެވިގެންދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.