ލިވަޕޫލް

ބޮޑު މޮޅެއް ހޯދި ނަމަވެސް ތަށީގެ ވާހަކައަށް ކްލޮޕް ދެކޮޅު

ވާދަވެރި އާސެނަލްގެ މައްޗަށް، 5-1 ގެ ތަފާތު ބޮޑު މޮޅެއް ހޯދައި، ތާވަލުގެ އެންމެ ކުރީގައި ނުވަ ޕޮއިންޓްގެ ލީޑެއް ލިވަޕޫލް ނެގި ނަމަވެސް، ލިވަޕޫލްއަކީ ލީގްގެ ތަށި އުފުލާނެ ފޭވަރިޓް ޓީމު ކަމަށް ވާހަކަ ދައްކަން އެޓީމުގެ ކޯޗް ޔާގަން ކްލޮޕް ދެކޮޅު ހަދައިފި އެވެ.

އެންފީލްޑްގައި ރޮބާޓޯ ފިރިމީނޯ ހެޓްރިކް ހެދި މޮޅާއެކު، ލިވަޕޫލް ދެން ނިކުންނާނީ ވާދަވެރި ސިޓީއާ ދެކޮޅަށެވެ. ކޮންމެ ގޮތެއްވިޔަސް މި އަހަރު ލިވަޕޫލް ނިންމާލާނީ ތާވަލުގެ އެއް ވަނައިގަ އެވެ. ޕްރިމިއާ ލީގްގައި ވޭތުވެދިޔަ 10 ސީޒަންގައިވެސް، ލީގް ޗެމްޕިއަންކަން ހޯދާފައި ވަނީ ޑިސެމްބަރުގެ ފަހުން އެއް ވަނައިގައި އޮންނަ ޓީމެވެ.

"ޑިސެމްބަރުގައި އަދި ޑިސެމްބަރު ނިމޭއިރުވެސް ކިތަންމެ ޕޮއިންޓަކާ އެކު ކުރީގައި އޮތް ނަމަވެސް އެއީ މުހިންމު ކަމެއް ނޫން," ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ. "ސީޒަންގައި އަހަރެމެންނަށް ޗެމްޕިއަންސް ލީގް ޖާގަ ހާސިލު ވެއްޖެއްޔާ އެއީ ވަރަށް ބޮޑު ކަމަކަށް ވާނެ، އެކަމަކު އަދިވެސް އަހަރެން ގަބޫލެއް ނުކުރަން އެކަންވެސް ހަސިލު ކުރެވުނު ކަމަކަށް."

ލިވަޕޫލްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ސަލާހް އާއި ސެޑިއޯ މާނެ އެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ އާސެނަލް އިންނެވެ. އެލެކް އިވޯބީ ތަނަވަސް ކޮށްދިން ފުރުސަތަކުން އެންސްލީ މެއިޓްލެންޑް ނައިލްސް އެވެ. ލިވަޕޫލަށް ރޭ ލިބުނު ދެ ވަނަ ޕެނަލްޓީ ސަލާހް ވަނީ ފިރުމީނޯ ހެޓްރިކް ހެދުމުގެ ގޮތުން ފުރުސަތު ދީފަ އެވެ. ކްލޮޕް ވަނީ ސަލާހް ދެއްކި މިސާލަށް ތައުރީފް ކޮށްފަ އެވެ.

"ދެ ވަނަ ހާފުގައި އަހަރެމެންނަށް ޕެނަލްޓީ ލިބުނީމަ އަހަރެން ވަރަށް ގަޔާވި މޯ ސަލާހް އެ ޕެނަލްޓީ ޖަހަން ބޮބީ [ފިރުމީނޯ] އަށް ފުރުސަތު ދިނީމަ،" ކްލޮޕް ވާހަކަ ދެއްކި އެވެ. "އޭނާގެ ހެޓްރިކު ފުރިހަމަ ކުރަން، އެއީ މިހާތަނަށް އަހަންނަށް ފެނުނު އެންމެ ހިތްގައިމު އެއް މަންޒަރު."

ލިވަޕޫލް މެޗުގެ ކުރިން، ޓޮޓެންހަމް ވަނީ އާދޔާ ހިލާފް ގޮތަކަށް ވޯލްވާ ހެމްޓަން ވޮންޑާސް އަތުން ބަލިވެފަ އެވެ. ޓޮޓެންހަމްގެ ހޯމް ސްޓޭޑިއަންގައި ކުޅުނު ވޯލްވާ ކާމިޔާބު ކުރީ ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން 3-1 ންނެވެ.